ހަނދުމަކޮށްދިނުމެއް!: ވުޟޫކުރުމާ ނަމާދާ ބެހޭގޮތުން އެނގުން މުހިންމު ބައެއް މަޢުލޫމާތު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 17ސ
ހަނދުމަކޮށްދިނުމެއް!: ވުޟޫކުރުމާ ނަމާދާ ބެހޭގޮތުން އެނގުން މުހިންމު ބައެއް މަޢުލޫމާތު-

އިސްލާމް ދީނުގެ ކަންކަމަކީ އަބަދުވެސް ތާޒާކުރަންޖެހޭ ކަންކަމެވެ. މާނައަކީ ކިޔައި އަޑުއަހައި ހަނދާން އައުކުރަންޖެހޭ ކަންތަކެވެ. ކަންކަން ކުރަންވީ ރަނގަޅު ގޮތުގައި ކުރެވޭނީ އެއިރުންނެވެ. 

ދަސްކުރާ ކަްނކަމުގެ ތެރެއިންވެސް ބައެއް ކަންކަން ހަނދާން ނެތެއެވެ. އެއީ ދަސްވުމުން ނުވަތަ އެނގުމުން ދެވޭ ސަމާލުކަން ކުޑަކޮސްލެވޭތީއެވެ. އަލުން މައުލޫމާތު ތާޒާނުކުރެވޭތީއެވެ. ވީމާ ވުޟޫކުރުމާ ނަމާދާ ބެހޭގޮތުން އެނގުން މުހިންމު ބައެއް މަޢުލޫމާތު ކިޔުންތެރިންނަށް ހަނދުމަފުޅު އައުކޮށްލައިދޭނަމެވެ. 

1- ވުޟޫކުރާއިރު ދެއަތްއޮޅަބުށިކައްޓާއެކު ދޮވުމުގެބަދަލުގައި ހެދުމުގެއަތްމަތިން ފެންފޮހެވިދާނެތޯއެވެ؟ މިއީ ހުއްދަކަމެއްނަމަ ފެންފޮހޭނީ ކިހިނެއްތޯ؟ 

2- ކަންފަތުގައި ބުރުގާމަތިން ފެންފޮހެވިދާނެތޯ؟ މިއީ ހުއްދަކަމެއްނަމަ ފެންފޮހޭނީ ކިހިނެއްތޯ؟ 

ތިޔަ ދެސުވާލުގެ ޖަވާބުގައިވެސް ބުނަން އޮތީ ހެދުން މަތިން ނުވަތަ ބުރުގާ މަތިންވެސް ފެން ކޭއްތުމަކުން ވުޟޫ ޞައްޙަ ނުވާނެކަމަށެވެ. والله أعلم 

ބަޔަކު އިމާމާގެ ފަހަތުގައި ޖަމާއަތުގައި ނަމާދު ކުރަނިކޮށް އިމާމާ ވައި ބޭރުވުމުގެ ސަބަބުން ވުޟޫ ގެއްލިޖެނަމަ އިމާމާ ކަންތައް ކުރާނީ ކިހިނަކުންތޯ؟ މިހާލަތުގައި މައުމޫމުން ކަންތައް ކުރާނީ ކިހިނަކުންތޯ؟ 

އިމާމާ އަށް ދިމާވި ކަމެއްގެ ސަބަބުން ޖަމާޢަތާއި ވަކިވާންޖެހިއްޖެނަމަ، އޭނާގެ ކަނާތްފަރާތުން ހުރި މައުމޫމަކު އިމާމަކަށް އިސްވާނީއެވެ. މިޙާލަތުގައި ދެންތިބި މައުމޫމުން ކުރިންވެސް ކުރަމުން ގެންދިޔަ ގޮތަށް ނަމާދު ފުރިހަމަ ކުރަމުން ގެންދާނީ އެވެ. والله أعلم 

ކުރިން ނަމާދުނުކޮއް ރޯދަނުހިފާ މީހަކު ފަހުން ތައުބާ ވުމަށްފަހު، ދެން ކަންތައް ކުރަންޖެހޭ ގޮތަކީކޮބާ؟ ގެއްލުނީ ކިތައް ރޯދަ ކަމެއްވެސް ނޭގޭ؟ 

ނަމާދަކީ އަޅާ އާއި ކާފިރުކަމާއި މެދުގައިވާ އިންފާރެވެ. ގަޞްދުގައި ނަމާދު ދޫކޮށްފިމީހާ ދީނުން ބޭރުވެއްޖެއެވެ. އެހެންކަމުން، އަލުން ނަމާދު ކުރަން ފެށުމުގެ ކުރިން ޝަހާދަތްކިޔާ ދީނަށް ވަދެ، އިސްވެދިޔަތަނުގެ ފާފަތައް ފުއްސަވާ ދެއްވުން އެދި ގިނަގިނައިން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާށެވެ. ކުރީގައި ދޫކޮށްލާފައިވާ ނަމާދާއި ރޯދަ އަލުން ގަޟާ ކުރާކަށް ނުޖެހޭނެއެވެ. والله أعلم 

ނަމާދުކޮށް ނިމިގެން ޒިކުރު ތަސްބީހަ ކިޔުމަށްފަހު ކިޔާނެ ދުއާ ތައް އަޅުގަނޑަށް ބުނެދެއްވަފާންތޯ؟ 

ޛިކުރު ތަސްބީޙާ އަށް ފަހުގައި ކިޔުމަށް ވަކީ ޚާއްޞަ ދުޢާ އެއް ސުންނަތުން ވާރިދުވެފައެއް ނެތެވެ. والله أعلم 

ނަމާދުގެ ވަގުތު ވަނުމަށްފަހު ދުނިޔެވީ އުޛުރަކާހުރެ ނަމާދު ނުކުރެވި އުޅެނިކޮން އަދި ވަގުތުފާއިތުވުމުގެ ކުރިން ހައިޟްވެއްޖެނަމަ އެނަމާދު ހައިޟުން ތާހިރުވުމަށްފަހު ޤަޟާއަށް ކުރަންޖެހޭނެތޯ؟ 

ނަމާދު އަދާ ކުރުމުގެ ކުރިން ޙައިޟުވެއްޖެނަމަ، ރަގަޅު ވުމުން އެނަމާދެއް ގަޟާ ކުރަން ޖެހޭނެއެވެ. والله أعلم 

އިތުރު ސުވާލެއް: 

ފޭސްބުކް ގައި އަންހެންކުދިން އެމީހުންގެ ރީތިކަން ހާމަވާފަދަ ފޮޓޯ އެހެން މީހުންނަށް ފެންނަގޮތައް އަޕްލޯޑް ކުރުމަކީ ކޮންކަހަލަ ކަމެއް؟ 

މިޒަމާނުގައި ފޮޓޯ އަކީ ވަރަށް ފަސޭހައިން އެޑިޓްކޮށް ލެވޭ އެއްޗެކެވެ. އެހެންކަމުން ކޮންމެ މީހެއްގެ ފޮޓޯވެސް ބޭނުން ޞިފައަކަށް ހަދާލައިގެން ފޭސްބުކްގައްޔާއި ތަންތަނުގައި ބޭނުން ކުރުމަކީ ވަރަށް އާދައިގެ ކަމަކަށް ވަނީ ވެފައެވެ. މިފަދަ ކަންތަކުން ސަލާމަތްވެ ތިބުމަކީ މުހިންމު ކަމެކެވެ. އެގޮތުން ތިމާގެ އަމިއްލަ ފޮޓޯ އެހެން މީހަކަށް ނުލިބޭނެ ގޮތަކަށް ފޮރުވާފައި ބެހެއްޓުން މުހިންމެވެ. ޚާއްޞަ ގޮތެއްގައި ފޭސްބުކް ފަދަ ޢާއްމު ތަންތަނަށް ތިމާގެ އަބުރުވެރި ނަފްސު ކުޑަ އަގެއްގައި ވިއްކާލުމަކީ އެއްވެސް މީހެއްގެ ޟަމީރު ގަބޫލު ކުރާނެ ކަމެއް ނޫންކަން ޔަގީނެވެ. والله أعلم 

--ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން