ދުޝްމިނުންގެ ކިބައިން ސަލާމަތްވެވޭނެ ގޮތެއް ނެތިގެން ޤުރްއާން ކިޔެމުން އާދަޢާ ޚިލާފު ގޮތަކަށް ދުޝްމިނުން ކަނުކުރެއްވެވި ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 17ސ
ދުޝްމިނުންގެ ކިބައިން ސަލާމަތްވެވޭނެ ގޮތެއް ނެތިގެން ޤުރްއާން ކިޔެމުން އާދަޢާ ޚިލާފު ގޮތަކަށް ދުޝްމިނުން ކަނުކުރެއްވެވި ގޮތުގެ ވާހަކަ-

ކީރިތި ޤުރްއާނަށް މީސްތަކުން ކުރާއިތުބާރުކުޑަވެ ޢަމަލުނުކުރާތީ މުޢްޖިޒާތްތައް މިއަދު ނުދައްކަވަނީއެވެ. އެއިގެ މާނައަކީ ޤުރްއާނުގެ މަތިވެރިކަން ކުޑަވުމެއް ނޫނެވެ. އެދައްކަވަނީ ޢަމަލުނުކުރުމުގެ ނަތީޖާއެވެ.

އިމާމް ޤުރުޠުބީ ރަޙިމަޙުﷲ ބަޔާން ކުރައްވައެވެ.

" އަންދަލުސްގެ ބިމުގައި ތިމަން ކަލޭގެފާނު އެއްފަހަރެއްގައި ދުސްމަނުންގެ ކިބައިން ފިލަންވެގެން އުޅުނީމެވެ. އެއީ ވަރަށް އުނދަގޫ ވަގުތުކޮޅެކެވެ. އޭރު ތިމަންކަލޭގެފާނުގެ ފަހަތުން އަތުލައިގަންނަންވެގެން ދެ އަހުގައި ދެމީހުން އާދެއެވެ. އެއީ ވަރަށް ހާސްވެ ކަންބޮޑުވި ވަގުތުކޮޅެކެވެ. އެހެނީ އެތަނުގައި ފިލޭނެ އެއްވެސް ގޮތެއް ނެތް ހުސް މައިދާނެކެވެ. އެތަނުގައި އެއްޗެއްގެ ފަހަތަށްވެސް އަދި އެތެރެއަށްވެސް ވަދެވޭނެ ގޮތެއްނެތެވެ.

ދެން ތިމަންކަލޭގެފާނު ކީރިތި ޤުރުއާނުން ޔާސީން ސޫރަތުގެ ފެށޭ ތަނާއި އަދިވެސް އެހެން އާޔަތްތަކާއި އަދިވެސް އެހެން ސޫރަތްތައް ކިޔަވަން ފެށީމެވެ. އެމީހުން އަހަރެންގެ ކަނާތްފަރާތުންލާފައި ކުރިއަށް ގޮސްފައި އަނބުރާލިއެވެ. ދެން އެމީހުން އަންނަމުން އެތަނުން އެކަކު ބުނާތީ އަޑު އިވުނެވެ. " އެއީ ހަމަ ފައްކާ އިބިލީހެކެވެ. ( އެބަހީ: ހުސް މައިދާނެއްގައި ކުއްލިއަކަށް ގެއްލުމުންނެވެ) "

މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ އެމީހުންނަށް ތިމަންކަލޭގެފާނު ނުފެންނާނެ ގޮތް މެދުވެރިކުރައްވައި އެމީހުންނަށް ތިމަންކަލޭގެފާނު ފެނުމުން ކަނު ކުރެއްވީއެވެ. މިމަތިވެރި ނިޢުމަތަށްޓަކައި ތިމަންކަލޭގެފާނު މާތްﷲ އަށް އަބަދާއި އަބަދު ތަސްބީޙަ ކިޔަމެވެ. ” (އެކަލޭގެފާނުގެ ބަސްކޮޅު ނިމުނީ)

ކީރިތި ޤުރުއާން ގިނައިން ކިޔެވުމަކީ މަތިވެރި ސަވާބާއި ދަރުމައިގެ އިތުރުން މިދުނިޔެއާއި އާޙިރަތުގައިވެސް އެމީހެއްގެ އިއްޒަތްތެރިވެ މާތްﷲ ގެ ލޯބި ލިބޭ ކަމެކެވެ.

ރަސޫލާ މުހައްމަދު ޞައްލަﷲ އަލައިހި ވަސައްލަމަ ހަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

" ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮކަން ބޮޑުވެގެންވާ މީހާއަކީ ޤުރުއާން އުގެނި އެ ޤުރުއާން އުގަންނައިދޭ މީހާއެވެ. " ( ޞަޙީޙް ބުޚާރީ)

އިމާމް ޤުރުތުބީއަކީ ކޮންބޭކަލެއް؟

އެކަލޭގެފާނަކީ އަންދަލުސް (މިހާރުގެ ފުރާންސާއި ސުޕޭން ހިސާބުގައި އޮތްރަށެއް) ގައި އުފަންވެ ވަޑައިގެން ބޭކަލެކެވެ. އެކަލޭގެފާނުގެ ފުރިހަމަ ނަންފުޅަކީ އަބޫ އަބްދުﷲ މުޙައްމަދު ބުން އަބީބަކުރު ބިން ފަރުހުލް އަންޞާރީ އެވެ. އެކަލޭގެފާނަކީ ކީރިތި ޤުރުއާނާއި އަރަބި ބަހާއި ފިޤުހާއި އަދި ޢަރަބި ޅެންވެރިކަން ވަރަށް މޮޅަށް ދެނެވަޑައިގަންނަވާ ޢިލްމުވެރި ބޭކަލެކެވެ.

އެކަލޭގެފާނު ލިޔުއްވި ފޮތްތަކުގެ ތެރެއިން އެންމެ މަޝްހޫރު އެއްފޮތަކީ އެކަލޭގެފާނު ލިޔުއްވި ތަފުސީރު ޖާމިޢުލް އަޙުކާމުލް ޤުރުއާން ( ކީރިތި ޤުރުއާނުގެ ހުރިހާ ޙުކުމްފުޅުތައް ޖަމާކުރެވިފައިވާ ތަފުސީރު )އެވެ.

މިކަލޭގެފާނު ހަޔާތުގެ ފަހުކޮޅު އުޅުއްވީ މިޞްރުގައެވެ. އެކަލޭގެފާނު އަވަހާރަވީ ޙިޖުރީ ސަނަތުން 671ގައި ޝައްވާލު މަހުގެ 9ވަނަ ވީ ހޯމަވިލޭރެއެވެ. މާތްﷲ އެކަލޭގެފާނަށް ސުވަރުގޭގެ ތަނަވަސް ހެޔޮރަހުމަތް ތަނަވަސް ކުރައްވައި ހެޔޮ ރަޙުމަތްލައްވައި ހެޔޮ ޖަޒާ ދެއްވާށިއެވެ. އާމީން.

-- އައްޝައިޚު ޢަބްދުއްރަޙީމް ބިން މުޙައްމަދު

މިއަދު އޮންލައިން