ގިނަ އަނބިންގެ ކިބައިން ލިބޭ ޝަކުވާތަކަށާއި މީހުން އެއްވެ އުޅޭ ތަންތަނުން ފެންނަމުން އަންނަ މަންޒަރުތަކަށް ބަލާއިރު ކައިވެނިކޮށް ދަރިން ލިބުމުންވެސް އަނބިދަރިންނާއިއެކު ހޭދަކުރާ ވަޤުތަށްވުރެ އެކުވެރިންނާއި ލޯބިވެރިންނާއިއެކު ވަޤުތު ހޭދަކުރާ މީހުން އަންނަނީ ގިނަވަމުންނެވެ. އެމީހުންނަށް އެކުވެރިންނާއި ލޯބިވެރިންނާއިއެކުގައި ހޭދަކުރާނެ ވަޤުތުލިބެއެވެ. ވަޤުތު ނުލިބެނީ އަނބިދަރިންނާއިއެކުގައި ހޭދަކުރުމަށެވެ. އެފަދަ މީހުން އެލިބިގަންނަ ނުބައިކަމުގެ ބޮޑުކަމާއިއެވެ!
އެކުވެރި އަޚުންނާއި އުޚުތުންނޭވެ! މިއަދު އަހަރެމެންގެ ޙަޔާތް ވޭތުކުރަމުން މިގެންދާ ގޮތާއިމެދު ނިކަން ވިސްނައިލަބަލާށެވެ! އެންމެ ގިނަ ވަޤުތު ހޭދަކުރެވެނީ ކޮންކަމަކަށްހެއްޔެވެ؟ މިސުވާލުގެ ޖަވާބަށް ބަލައިފިނަމަ އެންމެ ގިނަ ވަޤުތު ހޭދަކުރެވޭނީ އެކުވެރިންނާއިއެކުގައެވެ. ލޯބިވެރިންނާއިއެކުގައެވެ. އެހެނީ ގިނަ ބައަކު އަނބިދަރިންނާއިއެކު ހޭދަކުރާ ވަޤުތައްވުރެ ގިނަ ގިނަވާނީ އެކުވެރިންނާއިއެކުގައި ހޭދަކުރާ ވަޤުތު ކަމަށްވާތީއެވެ.
ދެން ބަލައިލަންވީ އެވަޤުތުތަކުގައި ކުރެވެނީ ކޮންކަމެއްތޯއެވެ؟ ޖަވާބަކީ އުފާކުރުމާއި މަޖާކުރުމެވެ. ފާފަކުރުމެވެ. މިހެން ބުނުމުން ތިމަންމެން ފާފައެއް ނުކުރަމޭ ހަމަ އެކުގައި ތިބެނީއޭވެސް ބުނެފާނެއެވެ. އެމީހުންނަށް ދޭން އޮތް ޖަވާބަކީ ދުނިޔެއާއި އާޚިރަތަށް ފައިދާނުކުރާނެ، ބޭކާރު ގޮތުގައި ވަޤުތު ހޭދަކުރުމަކީ ފާފައެކެވެ. ދައްކަން ނުޖެހޭ ބޭކާރު ވާހަކަދެއްކުމަކީވެސް ފާފައެކެވެ. ތިމާ އަދާކުރަންޖެހޭ ޢާއިލީ ޒިންމާ އަދާނުކުރުމާއި ކުރަންޖެހޭ އަޅުކަން ނުކުރުމަކީވެސް ފާފައެކެވެ. މިބުނީ ކުރެވޭ އެންމެ ބޮޑެތި ފާފަތަކުގެ އިތުރުން ކުރެވޭ ފާފަތަކެވެ.
ކޮންމެއަކަސް މިފަދަ ގޮތަކަށް ދިރިއުޅެމުންދަނިކޮށް މަލަކުލްމަތުގެފާނު ވަޑައިގެން ތިބާގެ ފުރާނަ ހިއްޕެވީއެވެ. ފުރާނަ ގެންދެވީއެވެ. މަރުވީއެވެ. ތިބާ ހިނަވައި ކަފުންކުރެވުނީއެވެ. ތިބާ ދުނިޔޭގައި ސަލާމަތުންހުރިއިރު ޙަރަންބަންނަން ޖެހޭ ވަޤުތުތަކުގައި ޙަރަމް ނުބަން ނަމަވެސް އެއިރު އޮންނާނީ ޙަރަމަށް އަތްވެސް އަރުވައިފައެވެ. ފޮތިގަނޑަކުން އައްސައިވެސްފައެވެ.
އެންމެ ރަނގަޅެވެ. ތިބާ ދުނިޔޭގައި އެބައަކާއިއެކު ވަޤުތުތައް ހޭދަކުރި އެންމެން ތިބާ ގާތުގައި އެތިބީއެވެ. ނިކަން ބުނެބަލާށެވެ! އެއެންމެން އެކުވެގެންވެސް ނުވަތަ އެއިން ހަމައެކަކަށްވެސް ތިބާއަށް ކޮށްދެވޭނީ ކޮންކަމެއް ހެއްޔެވެ؟ ބޮޑުވަރަކަށް ކުރެވޭނެކަމަކީ އަތާއި ނިތްކުރީގައި އަތްޖައްސާލާފައި ދުރަށް ޖެހިލުން ނޫންހެއްޔެވެ؟ އެކަމުން ތިބާއަށް ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ މަލާއިކަތުން ކުރައްވަވާނެ ސުވާލުތަކަށް ޖަވާބުދެވޭނީ ހެއްޔެވެ؟ ކައްވަޅުގެ ޢަޛާބު ލުއިވާނީހެއްޔެވެ؟ ޤިޔާމަތް ދުވަހުން ނަރަކައިން ސަލާމަތްވެވޭނީހެއްޔެވެ؟ ﷲ ތަޢާލާ ގަންދީ ބުނަމެވެ. އެއެންމެން އެކުވިޔަސް މިބުނި ގޮތްގޮތުން ތިބާއަށް ފައިދާހުރި ހަމައެއްވެސް ކަމެއް ކޮށެއް ނުދެވޭނެއެވެ.
އިސާހިތަކު ތިބާގެ ހަށިގަނޑު ގެންގޮސް ވަޅުލެވޭނެއެވެ. ގައިމައްޗަށް ވެލިއަޅައި ފޮރުވައިލެވޭނެއެވެ. އެކަންކޮށްފައި އެއެންމެން ސަހަރާއިން ނުކުމެގެންދާނީއެވެ. ތިބާއަށް ދެން ކުރިމަތިލާންޖެހޭނެ ކަންކަން އެނގޭ ނޫންހެއްޔެވެ؟ އެވާހަކަތައް އަދި ފަހުން ކިޔައިވެސްދޭނަމެވެ. އިން ޝާ ﷲ
ކޮންމެއަކަސް މިވަޤުތު ބުނެލަން ބޭނުންވަނީ މިކަންކަމާއިމެދު މިހައިތަނަށް މިގޮތަށް ވިސްނިފައި ނެތްނަމަ ދެންވެސް ވިސްނާށެވެ! ރައްޓެހިންނާއިއެކުގައި ވަޤުތުތައް ހޭދަކޮށް ބޭކާރުކުރުމުގައި ދުނިޔެއާއި ޢާޚިރަތަށް ފައިދާހުރި ގޮތުގައި ވަޤުތުހޭދަކުރަންފަށާށެވެ! ޢާއިލީ ޒިންމާ އަދާކުރާށެވެ! އަނބިންދަރިންނާއިއެކު ވަޤުތު ހޭދަކުރުން ގިނަކުރާށެވެ. ހަމައެއާއިއެކު އާޚިރަތަސްޓަކައި ކުރަން ޖެހޭ އަޅުކަންކުރަން ދޭންޖެހޭނެ ސަމާލުކަންދޭށެވެ.
ކުރިން ބުނިފަދައިން ގަދަކަމުން ތިބާގެ ދެއަތް ޙަރަމަށް އެރުވުމުގެ ކުރިން ފަރުޟުނަމާދުތަކާއި ސުންނަތް ނަމާދުތަކަށް ޙަރަންބަންނަ މީހަކަށްވާށެވެ! ޤުރްއާން ކިޔަވައި ޞަދަޤާތްދީ ޛިކުރުކޮށް އުޅޭ މީހަކަށްވާށެވެ! އެއިރުން ކޮންމެ ވަޤުތަކު ޖަމާޢަތްތެރިން ތިބާގެ ދެއަތް ޙަރަމަށް އެރުވިނަމަވެސް ތިބާއަށް އޮތީ ކޮންފަދަ ބޮޑު އުފާވެރިކަމެއް ހެއްޔެވެ؟ އިން ޝާ ﷲ
އަހުރެންގެ އެންމެ ބޮޑު އެދުމަކީ މިވާހަކަކޮޅު ކިޔާލާފައި ނިންމާ ނުލުމެވެ. މިގޮތަށް އުޅޭ ފިރިންނަށް، އަނބިންނަށް، ދަރިންނަށް، އެކުވެރިންނަށް، އެންމެންނަށް މިވާހަކަކޮޅު ހިއްޞާކޮށްލައިދީގެން އެމީހުން އިޞްލާޙުކުރުވޭތޯ މަސައްކަތްކޮށްދޭށެވެ! އިޚްލާޞްތެރިކަމާއިއެކު ކުރެވޭ ކޮންމެ ހެޔޮކަމަކީ އަޅުކަމެކެވެ. ޘަވާބު ދެއްވަވާނެތެވެ! އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން