ބައިވެރިޔާއަށް ކުރެވޭ އެންމެ ކުށަކާހުރެ ޒަވާޖީ ޙަޔާތުގަ ހުޅުޖަހާ މީހުން ދަސްކުރަންޖެހޭ ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ބައިވެރިޔާއަށް ކުރެވޭ އެންމެ ކުށަކާހުރެ ޒަވާޖީ ޙަޔާތުގަ ހުޅުޖަހާ މީހުން ދަސްކުރަންޖެހޭ ފިލާވަޅެއް!

ޒަވާޖީ ހަޔާތް ސިފަކޮށްދެއްވަމުން ޢިލްމްވެރިއަކު ވިދާޅުވެފައިވެއެވެ. "ޒަވާޖީ ޙަޔާތަކީ ފޮތެކެވެ. ތިބާގެ ޙަޔާތަކީވެސް ފޮތެކެވެ. ކޮންމެ ދުވަހަކީ އެފޮތުގެ އެންމެ ޞަފްޙާއެކެވެ. ވީމާ ބައިވެރިޔާއަށް ނުވަތަ ތިމާއަށް ކުރެވޭ އެންމެ ކުށަކާއި ގުޅިގެން މުޅި ފޮތުގައި ހުޅުޖަހައި އަންދައިނުލާށެވެ! އެއީ ހަމަ އެންމެ ޞަފްޙާއެއް ވީމައެވެ. އެސަފްޙާ ފޮތުން ވީދައި އެއްލައިނުލާށެވެ. އެޞަފްޙާ ފޮތުގައި ބައިންދައިގެން ގިނަގިނައިން ކިޔާށެވެ! ޢިބްރަތް ޙާޞިލުކޮށް ކުރިއަށް ލިޔަންހުރި ޞަފްޙާތައް ފުރިހަމަކުރަމުން ގެންދާށެވެ."  

މިއީ ވަރަށް ޢިބްރަތްތެރި ވާހަކަކޮޅެކެވެ. ތިމާގެ އަމިއްލަ ޙަޔާތުގައިވެސް ކުށް ކުރެވޭނެއެވެ. އަދި ޒަވާޖީ ހަޔާތުގައިވެސް ކުށްކުރެވޭނެއެވެ. ކުށެއް ކުރެވުމަކީ ލިބޭ ކުރިއެރުމެއް ކަމަށްވެސް ބެލެވެއެވެ. ސަބަބަކީ ކުށެއް ކުރެވި އެކަން އެމީހަކަށް އިޙްޞާޞްކުރެވުމަށްވުރެ ފަސޭހައިން ކުށްކުރުން ހުއްޓައިލެވޭނެ ގޮތެއް ނެތީމައެވެ.  

ބައިވެރިޔާއަށް ކުށެއް ކުރެވިއްޖެނަމަ އޯގާތެރިކަމާއިއެކު އެކަން އޭނާއަށް ވިސްނައިދާށެވެ. ބައިވެރިޔާއަކީ ހެޔޮލަފާ މީހަކުނަމަ އެކަމަށް ދެރަވެ މާފަށް އެދޭނެއެވެ. ދެން އެފަދަ ކުށެއް ނުކުރަން ޢަޒުމްކަނޑައަޅާނެއެވެ. އަދި ކުރިއަށްވުރެ ލޯބިން، މާރަނގަޅަށް ކަންކަން ކުރަން ފަށާނެއެވެ.  

ވީމާ ބައިވެރިޔާއަށް ކުށެއް ކުރެވިއްޖެނަމަ ފުރަތަމަ ކަމަކަށް ރުޅި އިސްނުކުރާށެވެ. ޙިކުމަތްތެރިކަމާއިއެކު ވިސްނައިދޭށެވެ. ތިމާއަކީވެސް ކުށެއް ކުރެވިދާނެ މީހަކު ކަމަށް ޤަބޫލުކުރަންވާނެއެވެ. ބުއްދިވެރިންނަކީ އެކަން ޤަބޫލުކޮށްގެން ދިރިއުޅެން މަސައްކަތްކުރާ މީހުންނެވެ.

މިއަދު އޮންލައިން