އެއީ ވަރަށް ބުރަކޮށް މަސައްކަތްކުރަންޖެހިފައިވާ ޒުވާނެކެވެ. އަނބިމީހާގެ ބޭނުންތައް ފުއްދައިދިނުމަށްޓަކައި ތަނަވަސްކަން އިތުރުކުރެވޭތޯ މަސައްކަތްކުރާތީއެވެ. އެކަން އައީވެސް ކާމިޔާބުވަމުންނެވެ. ނަމަވެސް އަނބިމީހާ ބޭނުންވާހައި އަވަހަށް ކުރިނާރާތީ އަނބިމީހާގެ ޝަކުވާތައް އައީ ގިނަވަމުންނެވެ. ކޮންމެ ދުވަހަކުހެން ކޮށްނުދެވި ހުންނަ ކަންތައްތަކުގެ ލިސްޓް އައީ ކިޔަމުންނެވެ.
ޝަކުވާތައް ގިނަވެ މާމައްޗަށް ދިއުމުން ފިރިމީހާ އެދުނީ އަނބިމީހާ ބޭނުންވާ ހުރިހާ ކަންކަމުގެ ލިސްޓެއް ލިޔެފައި ދިނުމަށެވެ. އެހެންވެ ލިސްޓެއް ލިޔެފައި ޙަވާލުކުރިއެވެ. ފިރިމީހާ ވަރަށް ބުރަކޮށް ވަރަށް ގިނަ ވަޤުތު މަސައްކަތްކޮށްގެން އަނބިމިހާ އެދުނު ހުރިހާ ކަންކަން ކޮށްދިނެވެ.
އެހިސާބުން ދެން ޝަކުވާކުރަންފެށީ އަނބިމީހާއަށް ވަޤުތުނުދޭތީއެވެ. އެކަމުގެ ޝަކުވާވެސް މާބޮޑުވުމުން ފިރިމީހާ ބުންޏެވެ. "ބަލަ ކަލޭ ބޭނުންވާ ހުރިހާ ކަމެއް ލިޔެފައި ދިން ލިސްޓް މިއޮތީއެވެ. މިލިސްޓުގެ އެއްވެސް ތަނެއްގައި، އެންމެ ތިރީގައިވިޔަސް އަހުރެންގެ ވަޤުތު ބޭނުންކަމަސް ލިޔެފައި އޮތްތޯ ނިކަންބަލައިލަބަލާށެވެ! ލިސްޓުގައިވާ ހުރިހާ ކަމެއް ފުރިހަމަކޮށްދިނީމާ މިހާރު ތިއަ އެދެނީ އިތުރު ކަންތައްތަކަށެވެ. ތިއައީވެސް އިންޞާފުހެއްޔެވެ؟ ތިއައީ ކޮންކަހަލަ އަންހެނެއް ހެއްޔެވެ؟"
އަނބިމީހާއަށް އޭނާގެ ކުށް ވިސްނި ޤަބޫލުކުރެވުނެވެ. ލިބޭ މިންވަރަށް ޝުކުރުނުކުރެވި އިތުރަށް ބޭނުންވެވުނުކަން އެއީ ހެދުނު ބޮޑު ގޯހެއްކަން ވިސްނުނެވެ. އުފާވެރި ދިރިއުޅުމެއް ލިބޭނީ ލިބޭ މިންވަރަށް ޝުކުރުކޮށް ދެމަފިރިން އެކުގައި ގިނަ ވަޤުތު ހޭދަކުރުމުންކަން ޤަބޫލުކުރެވުނެވެ.
އަނބިމީހާ އެލިސްޓް ފިރިމީހާގެ އަތުން ޖަހައިގަތުމަށްފަހު ވީދައި ކުދިކުދިކޮށްލިއެވެ. ބުންޏެވެ. "ލިސްޓަށް ހޯދައިދިން އެއްވެސް އެއްޗެއްވެސް ބޭނުމެއް ނޫނެވެ. ހުރިހާ އެއްޗެއް ގެންގޮސް ވިއްކައިލާށެވެ! ތިބާގެ ވަޤުތާ ލޯތްބާއި ނުލައި ކެތެއް ނުކުރެވޭނެއެވެ.!"
މިއީ އަޅުގަނޑަށް ފެނިފައިވާ ވީޑިއޯއެއްގައި ކަންތައްތައްވީ ގޮތެވެ. ވަރަށް ޢިބްރަތްތެރި ވާހަކަކޮޅަކަށްވުމުން މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލީއެވެ. އަޅުގަނޑަކީވެސް އަންތބެކެވެ. ބޭނުންވާ ކިތަންމެ ގިނަ ކަންތަކެއް ނުފުދުނަސް އެއްވެސް ޝަކުވާއެއް ނުކުރަމެވެ. ފިރިމީހާ ވަޒީފާއަދާކުރަނީވެސް 8 ގަޑިއިރުއެވެ. ނަމަވެސް ގިނައީ ލޮލަށް ނުފެނި ނިދަންޖެހޭ ރޭތަކެވެ. ވީމާ އެކަންވެސް ފާހަގަކޮށްލީއެވެ.
- ޒަމީލާ / މިއަދުނޫހުގެ ކިޔުންތެރިއެއް