މިއަދު ދިމާވެގެން މިއުޅޭ މައްސަލައަކީ ﷲ ތަޢާލާގެ ޙަޟްރަތަށް އިތުބާރުނުކުރެވޭ ކަމުގެ މައްސަލައެވެ. މީހަކު ތިމާއަށް ދެރައެއް ދޭން އުޅޭކަމަށް ހީވިޔަސް ބިރުން ފުނޑުފުނޑުވެވެނީ އެހެންވެގެންނެވެ.
ﷲ ތަޢާލާއަށް ވަކީލްކުރެއްވެވުމުން އެބިޔަ ބޮޑު އަލިފާންގަނޑު 3 ދުވަސްވަންދެން އެންދުމުންވެސް އިބްރާހީމްގެފާނަށް އެއްވެސް ގެއްލުމެއް ލިބިވަޑައިނުގެންނެވިވާހަކަ ދައްކާއިރަށް ބުނާނީ އިބްރާހީމްގެފާނު ކަމަށްވީތީ ކަމަށެވެ. އެއީވެސް ވަރަށް ނުބައި ވިސްނުމެކެވެ. ސަބަބަކީ ހަމަ މިއަދުވެސް އެފަދަ އެތައް ކަމެއް އެބަފެނެއެވެ.
ކާރު ބޮޑު އެކްސިޑެންޓެއްވެ ގިނަބައަކު މަރުވާއިރު އެކަކު ނުވަތަ އެތައް ބައަކު ސަލާމަތްވަނީ ކީއްވެގެން ހެއްޔެވެ؟ ގެތައް ނުވަތަ ބޮޑެތި ޢިމާރާތްތަކުގައި އަލިފާން ރޯވެ އަނދައިގެންދާއިރު އެތައް ބައަކު ސަލާމަތްވަނީ ކީއްވެގެން ހެއްޔެވެ؟
ޣައްޒާއަށް ބަލާށެވެ! ބޮން އެޅުމުން ޢިމާރާތް ބިމާހަމަވެ އެތައް ބައަކު މަރުވެގެންދާއިރު އެތައް ބައަކު ސަލާމަތް ނުވޭ ހެއްޔެވެ؟ ވެއްޓިފައި ހުންނަ ފާރުގެދަށުން އެތައް ދުވަހެއްފަހުން މީހުން ސަލާމަތް ނުކުރެވޭ ހެއްޔެވެ؟
މިފަދަ ކިތަންމެ ގިނަ މިޘާލުތަކެއްވެސް ދެއްކިދާނެއެވެ. ﷲ ތަޢާލާގެ ކުލަދުންވަންތަކަމުގެ ހެކިތަކާއި އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވަނީ ﷲ ތަޢާލާއަށް ކަމުގެ ހެކިތައް މިހާރުވެސް އެގެންދަވަނީ ދައްކަވަމުންނެވެ. ޤަބޫލުނުކުރެވެނީ އަހުރެމްނެގެ ވިސްނުމުގެ ކޮށިކަމުންނެވެ. ﷲ ތަޢާލާގެ ރަޙްމަތްފުޅާއިމެދު ވިސްނޭ މިންވަރުކުޑަވުމުންނެވެ.
އަހުރެން ވަރަށް ކެރިހުރެގެން ބުނަމެވެ. އެންމެ ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް ވަކީލުކޮށްގެން ހުންނަ މީހަކަށް ދެރައެއް ދެވޭނެ މީހަކު ނުހުންނާނެއެވެ. އެމީހަކު ބަލިކުރެވޭނެ މީހަކުވެސް ނުހުންނާނެއެވެ. ޝަރުޠަކީ ފަރުޟްތައް އަދާކުރަމުން ސުންނަތް ކުރަމުން ޛިކުރުތައްވެސް ކިޔައި ރައްކައުތެރިކަން ހޯދައިގެން ހުރުމެވެ. އިން ޝާ ﷲ
- މަޢުލޫމާތު: ޝައިޚް ޝުޢައިބް އަބޫ ޔޫސުފްގެ ދަރުސަކުން