އަމިއްލަ އަތުގަ ތަނަވަސްކަން ނެތްނަމަވެސް ދަރަނިވެރިއަކަށް މިފަދަ ގޮތަކަށް ނަމަވެސް އެހީތެރިވެއްޖެނަމަ އެކުރެވެނީ ﷲ ގެ ޙަޟްރަތުގަ އެންމެ ލޮބުވެތިކަން ބޮޑު ޢަމަލެއް! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
އަމިއްލަ އަތުގަ ތަނަވަސްކަން ނެތްނަމަވެސް ދަރަނިވެރިއަކަށް މިފަދަ ގޮތަކަށް ނަމަވެސް އެހީތެރިވެއްޖެނަމަ އެކުރެވެނީ ﷲ ގެ ޙަޟްރަތުގަ އެންމެ ލޮބުވެތިކަން ބޮޑު ޢަމަލެއް! އިން ޝާ ﷲ

ކޮންމެ މީހަކަށްވެސް އެހެން މީހުންނަށް ފައިސާއިން އެހީތެރިވެވޭނީ އަތުގައި ތަނަވަސްކަން ހުރިނަމައެވެ. އެކަމަކު އަތުގައި ފައިސާ ނެތަސް މީހުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް އެބަހުއްޓެވެ. އަޑުއަހާށެވެ! 

އަހުރެމެންނަށް ކުރެވޭނެ ޢަމަލުތަކުގެ ތެރެއިން ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު އެއް ޢަމަލަކީ މީހެއްގެ ދަރަނި މާފުކުރުމާއި ދަރިވެރިއަކު އެކަމުން ސަލާމަތްކޮށްދިނުމެވެ. 

މިވެނި މީހަކީ ދަރަނިވެރިއެކެވެ. ތިބާގެ ކިބައިގައި ތަނަވަސްކަން އެބަހުއްޓެވެ. އެހެންކަމަށްވާނަމަ އޭނާ ދަރައި އޮތް ޢަދަދާއި ދަރައި އޮތް މީހާގެ މަޢުލޫމާތު އޮޅުންފިލުވައިގެން ތިބާ އެމީހެއްގެ ގާތަށް ގޮސް އޭނާއަށްޓަކައި އެދަރަނި އަދާކޮށްދޭށެވެ. އެއީ އެކަންކުރަން އޮތް އެންމެ ރަނގަޅު ގޮތެވެ. 

އޭނާގެ ދަރަނި އަދާނުކުރެވިގެން ކަންބޮޑުވާންޖެހޭ ފަދަ ޙާލަތެއްގައި އުޅެންޖެހިފައިވާނަމަ އެކަމުން އޭނާ ސަލާމަތްކޮށްދިނުމަށްޓަކައި، ދަރަނި އަދާކުރާނެ ފައިސާ ދަރަންޏަށް ދިނުމަކީވެސް ދަރަނި އަދާކުރަން އެހީތެރިވުމެވެ. ނަމަވެސް އެފައިސާ އަނބުރައި ތިބާއަށް ދައްކަން އޭނާއަށް އެކަށީގެންވާ މުއްދަތެއް ދޭންވާނެއެވެ. އަދި އެއްވެސް ނާޖާއިޒު ފައިދާއެއް ނަގައިގެން ނުވާނެއެވެ. 

ތިމާގެ އަތުގައި ދަރަނި އަދާކޮށްދެވޭނެ ވަރަށް ފައިސާ ނެތްނަމަ އެކަމަށް އެހީތެރިވެދެވިދާނެ މީހުންގެ އަތުން ފައިސާ ހޯދައިގެން އެކަންކޮށްދިނުމަކީވެސް ދަރަނިވެރިއަކު އެކަމުން ސަލާމަތްކުރަން އެހީތެރިވެދިނުމެވެ. 

އޭނާ ދަރައި އޮތް މީހަކީ ތިބާ އާއި ގުޅުން އޮތް މީހަކުނަމަ އެދަރަނި، ނުވަތަ ދަރަނިން ބައެއް  މާފަކޮށްދޭން ތަނަވަސްމީހާގެ ކިބައިން އެދުމަކީވެސް ދަރަނިވެރިއަކު އެކަމުން ސަލާމަތްކުރަން އެހީތެރިވެދިނުމެވެ. 

އަދި ކީއްހެއްޔެވެ؟ ދަރަނި އަދާކުރަންޖެހޭ މުއްދަތު އައިސް ޖެހުނުއިރު ދަރަނި އަދާނުކުރެވިގެން މީހަކަށް ދަތިވެފައިވާނަމަ އޭނާއަށް އިތުރު މުއްދަތު ހޯދައިދޭން މަސައްކަތްކުރުމަކީވެސް ދަރަނިވެރިއަކު އެކަމުން ސަލާމަތްކުރަން އެހީތެރިވެދިނުމެވެ. 

މީސްތަކުންނޭވެ! އަހުރެމެން އަބަދުވެސް މަސައްކަތްކުރަންވީ ވީހައި ގިނަ ހެޔޮ ޢަމަލުތައް ކުރުމަށެވެ. އަދި ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލުތައް ކުރުމަށެވެ. އެހެންވެ މިކިޔައިދިނީ ތިބާގެ އަތުގައި ތަނަވަސްކަން ނެތްނަމަވެސް ދަރަިވެރިއަކު އެކަމުން ސަލާމަތްކުރަން މަސައްކަތްކުރެވިދާނެ ގޮތްތަކެވެ. އެކަމުގެ ސަބަބުން އެމީހަކަށް ނުހަނު ގިނަ ގިނަ ޘަވާބާއި ދަރުމަ ދެއްވަވާނެތެވެ. އިން ޝާ ﷲ

 

- ޝައިޚް މުޙައްމަދު ބާޖޫރުގެ ދަރުސަކުން

 

 

މިއަދު އޮންލައިން