އެންމެ ފުރިހަމަ ގޮތުގައި ދުޢާކުރާނެ ގޮތާއިބެހޭ ގޮތުން ބައެއް ކިޔުންތެރިން ސުވާލުކުރައްވާތީ މިގެނެސްދެނީ އެކަންކަން އެނގިލައްވާނެ ލިޔުމެކެވެ. އިން ޝާ ﷲ
ދުޢާ ކުރުމުގެ އަދަބުތައް- (1)-:
ދުނިޔަވީ ހަމަތަކުން ބެލިކަމުގައިވީނަމަވެސް ކޮންމެ ކަމެއްވެސް ކުރަން ޖެހޭނީ އަދަބުވެރިކަމާއިއެކުގައެވެ. މީހެއްގެ ކިބައިން ކަމަކަށް އެދޭނަމަ އެކަންވެސް ކުރަން އޮތީ އަދަބުވެރިކަމާއިއެކުގައެވެ. އެހެންކަމަށްވާއިރު އެންމެހައި މަތިވެރިކަމަކާއި އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވާ ، އަދި އެންމެހައި ނިޢްމަތްތަކެއް މިންވަރުކުރައްވަވާ ﷲ ތައާލާގެ ޙަޟްރަތުން ކަމަކަށް އެދިދަންނަވާއިރު އަދަބުވެރިވާންޖެހޭނެ މިންވަރު ނިކަން ހިތްމައްޗަށް ގެނެސްބަލާށެވެ!
މިކަންކަން ފާހަގަކުރުމާއިއެކު މިގެނެސްދެނީ ދުޢާކުރުމުގެ ބައެއް އަދަބުތަކެވެ.
ދުޢާ ކުރުމުގެ އަދަބުތައް: (1)
1. ދުޢާ ކުރާމީހާ އަކީ ﷲ ގެ އެއްކައުވަންތަކަން ގަބޫލުކޮށްގެން ހުރިމީހަކު ކަމުގައިވުން. ސަބަބަކީ ދުޢާ އިޖާބަކުރެއްވުމުގެ ޝަރްޠުތަކުގެ ތެރޭގައި އަޅާ ﷲ އަށް ކިޔަމަންތެރިކަން އަދާކުރުން ހިމެނިގެންވެއެވެ. އަދި ކުށްފާފަތަކުން ދުރުހެލިވެގެން ހުރުން ހިމެނެއެވެ. ﷲ ވަޙީ ކުރައްވައެވެ.
(وَإِذَاسَأَلَكَعِبَادِيعَنِّيفَإِنِّيقَرِيبٌأُجِيبُدَعْوَةَالدَّاعِإِذَادَعَانِيفَلْيَسْتَجِيبُوالِيوَلْيُؤْمِنُوابِيلَعَلَّهُمْيَرْشُدُونَ)البقرة/186.
މާނައީ: "އަދި ތިމަން ﷲ ގެ ރަސްކަންފުޅާމެދު ކަލޭގެފާނުގެ އަރިހުން ތިމަން ﷲ ގެ އަޅުތަކުން ސުވާލު ދަންނަވައިފިނަމަ، ފަހެ ތިމަން ﷲއީ ކުއްތަންވެވޮޑިގެންވާ (ގާތުގައި ވޮޑިގެންވާ) ރަސްކަލާންގެއެވެ. ތިމަން ﷲ ގެ ކިބައަށް ދުޢާކޮށްފިނަމަ ދުޢާކުރާމީހާގެ ދުޢާ ތިމަން ﷲ އިޖާބަކުރައްވަމެވެ".
2. ދުޢާ ކުރުމުގައި އިޚްލާޞްތެރިވުން. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.
(وَمَا أُمِرُوْا إِلَّا لِيَعْبُدُوْا اللهَ مُخْلِصِيْنَ لَهُ الدِّيْنَ حُنَفَاءَ)
މާނައަކީ: "ބާޠިލްމަގުން އެއްކިބައިވެގެން ތިބެ، މާތް ﷲ ގެ ކިބައަށް އަޅުކަން ޚަލާޞް ކުރާ ޙާލު، ﷲ ގެ ކިބައަށް އަޅުކަން ކުރުމަށާއި، ނަމާދު ގާއިމް ކުރުމަށާއި، ޒަކާތް ދިނުމަށް މެނުވީ، އެބައިމީހުންނަށް އަމުރު ނުވެވެއެވެ". (ސޫރަތުލް ބައްޔިނާ ގެ 5 ވަނަ އާޔަތް)،
ދުޢާ ކުރުމަކީ އަޅުކަމެއް ކަމުގައި ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ބަޔާންކޮށްދެއްވާފައިވެއެވެ. އެހެންކަމުން ދުޢާ ގަބޫލު ކުރައްވާނީ އިޚްލާޞްތެރި ވުމުންނެވެ.
ދުޢާކުރަން ފަށައިގަތުން-
3. ﷲ ގެ އިސްމުފުޅުތައް ބޭނުންކޮށްގެން ދުޢާ ކުރުން. ވަޙީ ކުރައްވާފައިވެއެވެ.
(وَلِلّهِ الْأَسْمَاءُ الْحُسْنَى فَادْعُوْهُ بِهَا وَذَرُوْا الَّذِيْنَ يُلْحِدُوْنَ فِيْ أَسْمَائِهِ)
މާނައަކީ: "އެންމެ މާތް، އެންމެ މަތިވެރި އިސްމުފުޅުތައް (ނަންފުޅުތައް) މާތް ﷲ އަށް ޚާއްޞަވެ މިލްކުވެވޮޑިގެންވެއެވެ. ފަހެ، އެ އިސްމުފުޅުތަކުން، ތިޔަބައިމީހުން އެކަލާނގެ ކިބައަށް ދަންނަވައި، ދުޢާ ކޮށް އުޅޭށެވެ". (ސޫރަތުލް އަޢްރާފް ގެ 180 ވަނަ އާޔަތް).
4. ދުޢާ ކުރުމުގެ ކުރިން ﷲ އަށް ޘަނާ ދެންނެވުން.
عَنْ فَضَالَةَ بْنِ عُبَيْدٍ رضي الله عنه قَالَ : بَيْنَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَاعِدٌ إِذْ دَخَلَ رَجُلٌ فَصَلَّى فَقَالَ : اللَّهُمَّ اغْفِرْ لِي وَارْحَمْنِي ، فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( عَجِلْتَ أَيُّهَا الْمُصَلِّي ، إِذَا صَلَّيْتَ فَقَعَدْتَ فَاحْمَدْ اللَّهَ بِمَا هُوَ أَهْلُهُ ، وَصَلِّ عَلَيَّ ، ثُمَّ ادْعُهُ ) وفي رواية له : ( إِذَا صَلَّى أَحَدُكُمْ فَلْيَبْدَأْ بِتَحْمِيدِ اللَّهِ وَالثَّنَاءِ عَلَيْهِ ثُمَّ لْيُصَلِّ عَلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ثُمَّ لْيَدْعُ بَعْدُ بِمَا شَاءَ ) . قَالَ : ثُمَّ صَلَّى رَجُلٌ آخَرُ بَعْدَ ذَلِكَ فَحَمِدَ اللَّهَ وَصَلَّى عَلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( أَيُّهَا الْمُصَلِّي ، ادْعُ تُجَبْ).
މާނައަކީ މާތް ﷲ ރުއްސުން ލެއްވި ފަޟާލަތު ބިން ޢުބައިދު ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- މިސްކިތުގައި އިށީނދެވަޑައިގެން އިންނަވަނިކޮށް މީހަކު ވަދެ ދުޢާ ކުރަން ފަށައިފިއެވެ. "ހައްދަވާ ގެންގުޅުއްވާ އިލާހެވެ، މިއަޅާގެ ފާފަ ފުއްސަވާ ރަޙްމަތްލައްވާފާންދޭވެ"، ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. އޭ ދުޢާ ކުރާމީހާއެވެ. އަވަސް އަރައި ނުގަންނާށެވެ. ދުޢާ ކުރަންވީމާ އިށީނދެ، ﷲ އަށް ޙައްގުވާ ގޮތުގައި ޙަމްދުކޮށް، ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔެވުމަށްފަހުގައި ދުޢާކުރާށެވެ".
އެހެން ރިވާޔަތެއްގައި އައިސްފައިވެއެވެ. "ތިޔަބައިމީހުން ދުޢާ ކުރަން ބޭނުންވެއްޖެނަމަ ﷲ އަށް ޙަމްދު ޘަނާ ކިޔުމުން ފަށާށެވެ. އެއަށްފަހު ނަބިއްޔާގެ މައްޗަށް ސަލަވާތް ކިޔަވާށެވެ. އެއަށްފަހު އެމީހަކު ބޭނުން ދުޢާ އެއް ކުރާށެވެ".
އެހެންމީހަކު މިސްކިތަށް އަރާ ﷲ އަށް ޙަމްދުކޮށް ރަސޫލާގެ މައްޗަށް ޞަލަވާތްކިޔެވި ހިނދު ޙަދީޘް ކުރެއްވިއެވެ. "އޭ ދުޢާ ކުރާމީހާ އެވެ. މިހާރު ދުޢާ ކުރާށެވެ. އިޖާބަ ކުރައްވާނެއެވެ".
5. ރަސޫލާ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ މައްޗަށް ޞަލަވާތް ކިޔެވުން.
ޙަދީޘް ކުރައްވާފައިވެއެވެ.
(كُلُّ دُعَاءٍ مَحْجُوْبٌ حَتَّى تُصَلِّيَ عَلَى النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ)
މާނައަކީ: "ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ މައްޗަށް ޞަލަވާތް ކިޔެވުމަށް ދާންދެން ހުރިހާ ދުޢާ އެއްވެސް ވަނީ ހިފެހެއްޓިފައެވެ".
އަދި ނުނިމޭ-
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް