ކޮންމެ މީހަކުހެން ހުންނަނީ އެސްފީނާ ޖެހިދާނެތީ ބިރުންނެވެ. ގިނަ ބައަކަށް ވަނީ އެސްފީނާ ޖެހިފައެވެ. ގިނަބައަކު އެކަމަށް ފަރުވާކުރަން ބޮޑެތި މަސައްކަތްތަކެއް ކުރަނީއެވެ. ރާޤީންނަށް ބޮޑެތި ހޭދަތައް ކުރަނީއެވެ.
އަހުރެންގެ ސުވާލަކީ ބަލިތަކުން ސަލާމަތްވެ ތިބެން ވެކްސިން ޖަހާ ފަދައިން އެސްފީނާއިން ސަލާމަތްވެ ތިބެން ބޭނުންކުރަން ދެއްވަވާފައި އޮތް އައްޑަނަ ބޭނުން ނުކުރަނީ ކީއްވެގެން ހެއްޔެވެ؟
އެއީ ކުރަން ނުހަނު ފަސޭހަވެސް ކަމެކެވެ. ހެދުނާއި ހަވީރު އާޔަތުލްކުރުސި، އިޚްލާޞް، ފަލަޤް އަދި އައްނާސް ސޫރަތް 3 ފަހަރު ކިޔަވާލަންވީއެވެ. ނިދަމުން އާޔަތުލްކުރުސި ބަޤަރާ ސޫރަތުގެ އެންމެ ފަހު 2 އާޔަތްކިޔަވާލަންވީއެވެ.
އެންމެ 7 ވަރަކަށް މިނިޓުން ކޮށްލެވޭނެ މިކަންތައް ނުކޮށް ތިބެ އެސްފީނާ ޖެހުނީމާ ސަލާމަތްނުވެވިގެން ބޮޑެތި ހޭދަތައްކޮށް އަދި ގިނަ މަސައްކަތްތަކެއް ކުރަންޖެހުމަކީ ދެކޮޅުޖެހޭ ކަމެއް ހެއްޔެވެ؟ އަހުރެން ބުނާނީ މިއީ ކޮންމެ މީހަކުވެސް ވަރަށް ބޮޑަށް ވިސްނާލަންޖެހޭނެ ކަމެއް ކަމަށެވެ.
މީސްތަކުންގެ ހިތްތަކުގައި އަމިއްލަ އެދުން ބޮޑުވާވަރަކަށް ޙަސަދަވެރިކަންވެސް ދާނީ ބޮޑުވަމުންނެވެ. ޙަސަދަވެރިކަން ބޮޑުވާވަރަކަށް އެސްފީނާ ލެވޭނެއެވެ. ވީމާ އަހުރެމެންނަށް އޮތީ ﷲ ތަޢާލާގެ ޙަޟްރަތުން ރައްކައުތެރިކަން ލިބިގަތުމެވެ. އެކަމަށް އޮތް މަގު މިބުނީއެވެ. މިމަގުން ޢަމަލުކުރާ މީހަކާއި އެސްފީނާއަކަށް ކައިރިވެސް ނުވެވޭނެއެވެ. އިން ޝާ ﷲ
- މުފްތީ މެންކުގެ ދަރުސަކުން