ވިސްނާށެވެ! ކޮންމެ ކޮންމެ މީހަކު ކޮންމެ ކަމެއް ކުރިޔަސް އެކަމަކަށް އެހާބޮޑަށް ކަންބޮޑަށް ނުވެވޭނެއެވެ. ނަމަވެސް އެމީހެއްގެ ގާތް، އެމީހަކު އެންމެ ލޯބިވާ މީހުން ކަންކަންކުރުމުން ކަންބޮޑުވެވޭނެއެވެ. ގާތްކަމާއި ލޯބިވުން ބޮޑުވާވަރަކަށް ކަންބޮޑުވުން އިތުރަށް ބޮޑުވެގެންދާނެއެވެ. މިއީ ހަމަ ކޮންމެ މީހަކަށްވެސް އެކަން މެދުވެރިވާނެ ގޮތެވެ.
ކުރިމަތިވާ އެންމެ ބޮޑު މައްސަލައަކީ މީހަކާއި ގާތްކަން ބޮޑުވުމަކީ، ނުވަތަ މީހަކުދެކެ ލޯބިވާވަރު ބޮޑުވުމަކީ އޭނާގެ ކިބައިން އަނިޔާ އާއި ހިތްދަތިކަން ނުލިބި ހުރެވޭނެކަން ޔަޤީންކުރެވެން އޮތް ސަބަބަކަށް މިއަދަކު ނުވެއެވެ. މިހެން ބުނަންނ މިޖެހެނީ އެންމެ ގިނައިން ހިތްދަތިކުރުވަނީ އަދި އެންމެ ބޮޑަށް އަނިޔާވެރިވަނީވެސް އެންމެ ގާތްމީހުންނާއި އެންމެ ބޮޑަށް ލޯބިވާ މީހުންކަމަށްވާތީއެވެ.
ވީމާ މީހަކާއި ގާތްކަން އުފެއްދުމުމުގެ ކުރިންވެސް އަދި މީހަކުދެކެ އެހައި ބޮޑަށް ލޯބިވުމުގެ ކުރިންވެސް އެމީހަކު ދަސްކުރަން މަސައްކަތްކުރަންވާނެއެވެ. ވިސްނާށެވެ! މޭޒުމަތީގައި ބަހައްޓާފައި ހުންނައިރު ލޮނާއި ހަކުރު ވަކިކުރުމަކީ ކުރަން ފަސޭހަކަމަކަށް ނުވެދާނެއެވެ. ކުލައާއި ހުންނަ ގޮތް އެއްގޮތްކަމުންނެވެ. ރަހަ މިއެނގެނީ އަނގައަށް ލުމުންނެވެ. ހަމައެފަދައިން މީހުންގެ ޙަޤީޤަތް ގިނަފަހަރު އެނގެނީވެސް މާބޮޑަށް ގާތްކުރެވުމުން ނުވަތަ މާބޮޑަށް ލޯބިވެވުމުންނެވެ.
އެއްވެސް މީހެއްގެ ޙަޤީޤަތް ނުއެނގިދާނެއެވެ. ނަމަވެސް ކުރެވިދާނެ ކަމެއް އެބައޮތެވެ. އެކަމަކީ ވަކިމީހަކު އިސްތިސްނާ ނުކޮށް ކޮންމެ މީހަކީވެސް ކޮންމެވަޤުތަކުވެސް ތިމާއަށް ކިތަންމެ ބޮޑު ދެރައެއް ނުވަތަ ހިތްދަތިކަމެއްވެސް ދީފާނެ މީހަކު ކަމަށް ޤަބޫލުކޮށްގެން ހުރުމެވެ. ހިތްދަތިނުވެ ހުރުމަށް ކުރަން އެއަށްވުރެ މުހިންމު ކަމެއް މިއަދަކު ނެތެވެ. ހަމަގައިމުވެސް އަހުރެންނަކަށް ނުވިސްނެއެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅަކުން