މިއީ އެންމެންވެސް މުޅި އުންމަތާމެދު ވިސްނައި ތެދުވަންވީ ވަޤުތު!: ޢުމަރު ސުލައިމާން

ކިޔުމަށް ހޭދަވާނީ 2މ 51ސ
މިއީ އެންމެންވެސް މުޅި އުންމަތާމެދު ވިސްނައި ތެދުވަންވީ ވަޤުތު!: ޢުމަރު ސުލައިމާން

ޢާއިޝަތު ރަފާޙް ޢަލީ

 

އަޅުގަނޑުމެން ކޮންމެ މީހަކުވެސް އަމިއްލަ ނަފްސާ ސުވާލުކުރަންވީ: އަހަރެންގެ ދީނަށާއި އުއްމަތަށް ފައިދާހުރި ގޮތެއްގައި، އަހަރެންގެ ބާރާއި ކުޅަދާނަކަން އިތުރުކުރުމަށް ކުރެވޭނީ ކޮން މަސައްކަތެއްތޯއެވެ. މިއީ އަޅުގަނޑުމެން ކޮންމެ ދުވަހަކުވެސް ވިސްނަންޖެހޭ ކަމެކެވެ. 

އަޅުގަނޑުމެން ހޯދަން މަސައްކަތްކުރާ ބާރުވެރިކަމަކީ، އެއީ ކޮންމެ ބާވަތެއްގެ ބާރުވެރިކަމެއް ނަމަވެސް، އެކަން ވާންޖެހޭނީ އިޚްލާޞްތެރިކަމާއެކު ﷲ އަށްޓަކައި ކަމުގައެވެ. އެހެންނޫނީ އެ އިލާހު އެކަމުގެ ދޮރު އަޅުގަނޑުމެންނަށް ހުޅުވައެއް ނުދެއްވާނެއެވެ. އަޅުގަނޑުމެން އަމިއްލަ ނަފްސާ ސުވާލުކޮށްލަންޖެހެއެވެ: ކީއްވެގެންތޯ އަޅުގަނޑުމެން ބޭނުންވަނީ ބާރުވެރިވާން؟ ކީއްވެގެންތޯ އަޅުގަނޑުމެން ބޭނުންވަނީ އިތުރަށް ކުޅަދާނަވާން؟ 

އަޅުގަނޑުމެންގެ އުއްމަތަށް މިހާރު ދިމާވަމުންދާ ގޮންޖެހުންތަކަށް ވިސްނާލުމަށްފަހު، އަޅުގަނޑުމެން އަމިއްލައަށް ސުވާލުކޮށްލަންޖެހެއެވެ: 'އަޅުގަނޑުގެ ޤާބިލިއްޔަތާއި ވަސީލަތްތަކުން އެމީހުންނަށް އެހީތެރިވެވޭނީ ކިހިނެއްތޯ؟ އަޅުގަނޑުގެ ތަޢުލީމީ ދާއިރާއަކީ ކޮބައިތޯ؟ އަޅުގަނޑުގެ ވަޒީފާގެ ދާއިރާއަކީ ކޮބައިތޯ؟ އަޅުގަނޑުގެ މުވާޞަލާތީ ހުނަރުތަކަކީ ކޮބައިތޯ؟ އަޅުގަނޑުގެ ޖިސްމާނީ ޤާބިލިއްޔަތަކީ ކޮބައިތޯ؟ އަޅުގަނޑުގެ މާލީ ޤާބިލިއްޔަތަކީ ކޮބައިތޯ؟ އަޅުގަނޑުގެ އިޖްތިމާޢީ ގުޅުންތަކަކީ ކޮބައިތޯ؟ އަޅުގަނޑުގެ ޓެކްނިކަލް ތަޖުރިބާއަކީ ކޮބައިތޯ؟ މިހާރު މީހުންނަށް އެހީތެރިވުމަށް އަޅުގަނޑަށް ކުރެވޭނެ ކަންތައްތަކަކީ ކޮބައިތޯ؟' 

އަޅުގަނޑުމެންގެ އުއްމަތް ބައިބައިވެފައިވާ މަންޒަރު ދެކެ، ހަމައެކަނި ނުކުޅެދުންތެރިކަމާއި ބަލިކަށިކަން އިޙްސާސްކުރުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ. އަޅުގަނޑުމެން އަމިއްލައަށް ސުވާލުކޮށްލަންޖެހެއެވެ: 'އަޅުގަނޑު ކުރަނީ ކޮން ކަމެއްތޯ؟' މި ފިކުރުގައި އަޅުގަނޑުމެން މަޝްޣޫލުވެ ތިބުމަކީ އީމާންކަމުގެ ހެއްކެކެވެ. މިއީ ޢުމަރު ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވާ ފަދައިން، އީމާންކަމުގެ ދަލީލެކެވެ. 

ކޮންމެ މީހަކުވެސް އަމިއްލަ ނަފްސަށް ބަލައި، އަމިއްލަ ޤާބިލިއްޔަތު ދެނެގަތުމަށްފަހު، އުއްމަތުގެ ތެރެއިން ދަތިތަކާ ކުރިމަތިލާންޖެހިފައިވާ މީހުންނަށް އެހީތެރިވުމަށް މަގެއް ކަނޑައަޅަންޖެހެއެވެ. އަޅުގަނޑުމެންގެ ކޮންމެ މީހަކުވެސް އަމިއްލަ ނަފްސު ތަރައްޤީކޮށް، އުއްމަތަށް ފައިދާހުރި ގޮތެއްގައި ޚިދުމަތްކުރުމަށް މަސައްކަތްކުރަންޖެހެއެވެ. 

މި ގޮތުން، އަޅުގަނޑުމެންގެ ކޮންމެ މީހަކުވެސް އަމިއްލަ ދާއިރާއިން އުއްމަތަށް ޚިދުމަތްކުރުމުގެ ފުރުޞަތުތައް ހޯދައި، އެ ފުރުޞަތުތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރަންޖެހެއެވެ. އަދި މި މަސައްކަތުގައި ﷲ ގެ ރުއްސެވުން ހޯދުމަށް މަސައްކަތްކުރަންޖެހެއެވެ. އަޅުގަނޑުމެންގެ ކޮންމެ ޢަމަލަކީވެސް އިޚްލާޞްތެރިކަމާއެކު ﷲ އަށްޓަކައި ކުރެވޭ ކަމަކަށް ހަދަންޖެހެއެވެ. 

އަހަރެމެން ކޮންމެ މީހަކުވެސް އަމިއްލަ ނަފްސަށް ޒިންމާދާރުވާންޖެހެއެވެ. އުއްމަތުގެ ބަލިކަށިކަމަކީ އަހަރެމެންގެ އަމިއްލަ ޢުޛުރަކަށް ހަދައިގެން ނުވާނެއެވެ. އަހަރެމެންނަކީ 2 ބިލިއަނަށްވުރެ ގިނަ މުސްލިމުން ހިމެނޭ ބާރުގަދަ އުއްމަތެކެވެ. އަހަރެމެންގެ އަތުގައި ވަރުގަދަ މާލީ ވަސީލަތްތަކާއި، މުއައްސަސާތަކާއި، ޤައުމުތަކާއި އަދި ވަޒީފާތައް ވެއެވެ. ކޮންމެ ދާއިރާއެއްގައިވެސް މުސްލިމުން ތިބެއެވެ. އެހެންކަމުން، މި ޙާލަތަކީ ބަދަލު ނުކުރެވޭނެ ކަމެއް ކަމަށްމަށް ބުނުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ. 

މުއުމިނަކު އަބަދުވެސް މަސައްކަތް ކުރަންވާނީ ބާރުގަދަ މަޤާމަކަށް ވާޞިލުވުމަށެވެ. މަތިވެރި މަޤްޞަދުތަކަށް ވާޞިލުވުމަށް މަސައްކަތް ކުރަންވާނެއެވެ.

 

- ޢުމަރު ސުލައިމާންގެ ދަރުސަކުން

 

މިއަދު އޮންލައިން