އެންމެންވެސް އެންމެ ބޮޑަށް ބޭނުންވަނީ އުފާވެރިކަމެވެ. އެންމެ ބޮޑަށް ކަންބޮޑުވެގެން އެންމެންހެން ދައްކަނީ އުފާވެރިކަން ނުލިބޭ ކަމުގެ ވާހަކަތަކެވެ. ސުވާލަކީ އުފާވެރިކަން ލިބިގަންނަން އެބަ މަސައްކަތްކުރެވޭ ހެއްޔެވެ؟ މަސައްކަތް ނުކޮށް އަތްއުރާލައިގެން ހުއްޓާ ކަންކަން ޙާޞިލުކުރެވޭނެ ހެއްޔެވެ؟ ކޮންމެ ކަމެއްވެސް ކާމިޔާބުވުން އޮތީ އެމީހަކު އެކަމަށް އެދިގެން މަސައްކަތްކުރި ވަރަކުންނެވެ.
މިއަދު ގިނަ ބައެއްގެ އާދައަކަށްވެފައި މިވަނީ ކުރިމަތީގައި ހިނިތުންވެފައި ފުރަގަހުގައި ލަޢްނަތްދީ ނެތިމޮށުމެވެ. ކިރިޔާ ކަމެއްވާއިރަށް ހިތުގައި ޖެއްސުމާއި ތަޅައި އަނިޔާކުރުމެވެ. ނަތީޖާއަކީ ތިމާގެ އަމިއްލަ ޢާއިލާގައިވެސް ހަމަޖެހުމާއި އުފާވެރިކަން ނެތުމެވެ. ދެބަސްވުންތައް އިތުރުވުމެވެ.
މިކަން މިހެން މިވަނީ ކީއްވެގެން ހެއްޔެވެ؟ ހަމައެންމެ ކަމަކުންނެވެ. ދުލުން ސަލާމް ގޮވޭއިރު ހިތުން އެކަން ބަލައި ނުގަނެވުމެވެ.
ސަލާމްގެ މާނައަށް ބަލައިފިނަމަ މިބުނެވެނީ "ތިބާއަށް ސަލާމަތްކަންހުރި" ކަމަށެވެ. ސަލާމަތްކަން ހުރިކަމަށްވާނީ ހުރިހާ ގޮތަކުންވެސް ސަލާމަތްކަން ދިނުމުންނެވެ. އެމީހާ ނެތްތަނުގައިވެސް އޭނާގެ ނުބައި ވާހަކަދެއްކުމާއި ނެތިމޮށުމާއި ފަޟީޙަތްކުރުން ފަދަ ކަންކަން ނުކުރުމުންނެވެ. އަނެކާގެ ހިތުގައި ޖެހޭނެފަދަ ބަސްތައް ނުބުނުމުންނެވެ. އެއްވެސް މިންވަރަކަށް އަނިޔާވެރި ނުވުމުންނެވެ.
ސަލާމްކުރުން އެއިގެ ފުރިހަމަ މާނައިގައި ދަމަހައްޓައިފިނަމަ ޢާއިލާގެތެރޭގައި ވެސް މުޅި މުޖުތަމައުގައިވެސް އޮންނާނީ އުފާވެރިކަމެވެ. ހިތްހަމަޖެހުމެވެ. ވީމާ ސަލާމް އެއިގެ ފުރިހަމަ މާނައިގައި ކުރަމުން ގެންދާށެވެ.
ދެމީހަކު ބައްދަލުވާހިނދު މަތިވެރިކަން ލިބިގެންދަނީ ސަލާމްކުރުމަށް އަވަސްވެގަތް މީހާއަށެވެ. ރުޅިވެރިކަމެއް އޮތް ދެމީހަކުނަމަވެސް މަތިެރިކަން ލިބިގެންދަނީ އިސްވެ ހިތްހެޔޮކަމާއިއެކު ސަލާމްކުރާ މީހާއަށެވެ! އެއީ ﷲ ތަޢާލާ ދެކެ ބޮޑަށް ލޯބިވަނީ އިސްވެ ސަލާމްކުރާ މީހާކަމުގައިވާތީއެވެ.
- މުފްތީ މެންކުގެ ދަރުސަކުން