އަހުރެމެން ވާދަކުރަންވީ ތަޤްވާވެރިކަމުގައެވެ. ތަޤްވާވެރިކަމުގައި އަނެކާއަށް ކުރިއަރައި ދިއުމަށެވެ. ސުވަރުގެއިން މަތީ ދަރަޖަ ހޯދަން މަސައްކަތްކުރުމަށެވެ. ވީމާ މުސްލިމުން ދެވިހިފަންވާނީ ހެޔޮ ޢަމަލުކުރުމަށެވެ. ވީހައިގިނަ ހެޔޮ ޢަމަލުކުރެވޭތޯ ގަދައަޅައި މަސައްކަތްކުރުމަށެވެ.
ނަމަވެސް މިއަދު ފެންނަމުން މިދަނީ މުޅިން ތަފާތު މަންޒަރެކެވެ. ފޯން ސްކްރޯލްކުރުމަށް ދެވިހިފައިގެން އުޅޭތަނެވެ. ފެންނަނީ އަބަދުހެން ފޯން ސްކްރޯލްކުރާތަނެވެ. ފަރުޟު ނަމާދު ނިންމައި ސަލާމް ދިނުމަށްފަހު ޛިކުރުކުރަން ފެށުމުގެކުރިންވެސް ފޯނު ބަލައިލެވޭ މީހުން މަދެއް ނޫނެވެ. ކީއްހެއްޔެވެ؟ ފާޚާނާއަށް ވަންނައިރުވެސް ފޯނުހިފައިގެން ވަދެ ސްކްރޯލްކުރަމުން ގެންދާކަން އެއީ ފޯނަށް ދެވިހިފާފައިވާ މިންވަރު އަންގައިދޭ ކަމެކެވެ.
މީސްތަކުންނޭވެ! މި ނުބައި ޢާދަދޫކޮށްލާށެވެ! ދެވިހިފާފައިވާ ބޭކާރުކަންކަމަށް ސްކްރޯލްކުރުން އަވަހަށް ހުއްޓައިލާށެވެ! ހުސްވަގުތެއް ލިބިއްޖެނަމަ ފޯނުންވެސް ދީނީ ކޮންމެވެސް މައުލޫމާތެއް ސްކްރޯލްކޮށްލެވޭތޯ މަސައްކަތްކުރާށެވެ.
މީސްތަކުން މިއަދު ދީނާއި ދުރުހެލިވެ ފާފަތައް ކުރެވެމުން މިދަނީ ދީނުގެ ޞައްޙަ މައުލޫމާތު ހޯދުމާއި ދުރުހެލިވުމުންނެވެ. އަދި ގިނައިން ކުރެވޭ ފާފައަކަށްވެފައި މިއޮތީ މީސްތަކުންގެ ކަންކަމާއިބެހި ފުރައްސާރަކުރުމާއި ދޮގު މައުލޫމާތު ފެތުރުމެވެ. އެފަދަ ޕޯސްޓްތައް ބަލައި ލައިކްކޮށް ހެދުމާއި އެފަދަ ޕޯސްޓްތަކަށް ތާއީދުކޮށް ކޮމެންޓްކުރުމަކީވެސް ކުރެވޭ ފާފަތަކެވެ.
ދުނިޔޭގައި ހޭދަކުރަން މިލިބެނީ ވަރަށް މަދު ދުވަސްކޮޅެކެވެ. ވަރަށް ކުރު ވަގުތުކޮޅެކެވެ. އެވަގުތުކޮޅު ބޭކާރުކޮށްލައި އަދި ފާފަކުރުމަކީ އާޚިރަތް ދުވަހު އެންމެ ބޮޑަށް ހިތާމަކުރަންޖެހޭނެ ކަންތައްކަން ޤަބޫލުނުކުރި މީހަކަށް ހުރި ހިތާމައެއްގެ ބޮޑުކަމާއިއެވެ!
--މުފްތީ މެންކުގެ ދަރުސަކުން