ތިމާ މިހުރީ އީމާންވެގެން ކަމަށް ބުނަމުން ފާފަކުރާނަމަ އެމީހަކީ އީމާންވެގެން ހުރި މީހަކު ކަމަށް ބެލެވޭކަށް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ތިމާ މިހުރީ އީމާންވެގެން ކަމަށް ބުނަމުން ފާފަކުރާނަމަ އެމީހަކީ އީމާންވެގެން ހުރި މީހަކު ކަމަށް ބެލެވޭކަށް ނެތް!

މީހަކު ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ ބޮޑެތި ފާފަތަކަށް އަރައިގަންނަ ނަމަ އެކަމުން އެނގެނީ އެމީހަކަށް ﷲ ތަޢާލާ އާއި ކުއްތަންވުމަށް ދެއްވެވި ފުރުޞަތު ދޫކޮށްލައި އޭނާގެ އަމިއްލަ އެދުންތައް ފުއްދަމުން ގެންދާކަމެވެ. އޭނާގެ ހަވާނަފްސް އެދޭގޮތަށް ކަންކަން ކުރަމުންގެންދާ ކަމެވެ.

ބައެއް ޢިލްމްވެރިން ވިދާޅުވެފައިވަނީ އެފަދަ ޙާލަތުގައި އެމީހަކަށް އެކުރެވޭކަމަކީ ﷲ ތަޢާލާ ދޫކޮށްލައި އޭނާގެ އަމިއްލަ އެދުންތަކަށް އަޅުކަންކުރުން ކަމަށެވެ. މާނައަކީ ﷲ ތަޢާލާގެ އަމުރުފުޅުތަކަށް އޭނާގެ ހިތުގައި ބިރުވެތިކަމެއް ނެތެވެ. އޭނާ ކަންކަން އެކުރަނީ އޭނާ ބޭނުންވާ ގޮތަކަށެވެ.

ޢުޘްމާންގެފާނު ވިދާޅުވެފައިވަނީ އީމާންކަމާއި ބަނގުރާބުއިން އެއް ހިތެއްގައި ނުބޭއްވޭނެ ކަމަށެވެ. މާނައަކީ ފުރިހަމަގޮތުގައި ﷲ ތަޢާލާއަށް އީމާންވެގެން ހުރި މީހަކު ބަނގުރާ ނުބޯނެކަމެވެ. (ހަމައެކަނި ބަނގުރާ ބުއިމެއް ނޫނެވެ. ފާފަކުރަން ބިރުވެތިވާނެ ކަމެވެ.)

ރަސޫލް ޙަދީޘްފުޅެއްގައިވެއެވެ. "ދޮގުހަދާ މީހާގެ، އިތުބާރު ނުކުރެވޭ މީހާގެ އީމާންކަމެއް ނެތެވެ!"

މާނައަކީ ދޮގުބުނުމަކީ އީމާންކަން ގެއްލިގެންދާ ކަމެއްކަމެވެ. ވީމާ ދޮގުބުނުމަކީ ކުރަން ފަސޭހަ ފާފައެއް ނަމަވެސް ދޮގުހަދާ މީހުން އެދަނީ އީމާންކަމުން ބޭރުވެގެންނެވެ. ވީއިރު އެއީ ކުޑަފާއެއް ކަމަށް ޤަބޫލުކުރަން ހެޔޮވާނީ ކިހިނަކުންހެއްޔެވެ؟

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން