ލިބިފައިވާ ހިތްދަތިކަމަށް ނުވަތަ އުޅެންޖެހިފައިވާ ދަތިޙާލަށް ނުބަލާށެވެ! ދަންވަރުކޮށްލާ އެންމެ ސަޖިދައަކުންވެސް ތިބާގެ ހުރިހާ ބުރަތައް ފިލައި އުފާވެރިކަން ލިބުން ގާތްވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ލިބިފައިވާ ހިތްދަތިކަމަށް ނުވަތަ އުޅެންޖެހިފައިވާ ދަތިޙާލަށް ނުބަލާށެވެ! ދަންވަރުކޮށްލާ އެންމެ ސަޖިދައަކުންވެސް ތިބާގެ ހުރިހާ ބުރަތައް ފިލައި އުފާވެރިކަން ލިބުން ގާތްވެ!: މުފްތީ މެންކް

ޒަވާޖީ ހަޔާތް ފަށައި ދިރިއުޅެމުންދާ ގޭތެރެއިން ހިތްހަމަނުޖެހޭ ކަންކަން ފެނުންގިނަވެއްޖެނަމަ އެއީ ކިތަންމެ ގިނަ، ކިތަންމެ ރީތި، ކިތަންމެ އަލިގަދަ ބޮކިތަކެއް ދިއްލާފައިވާ ގެއެއް ނަމަވެސް އެއީ ތިމާއަށްޓަކައި އަނދިރި ކިއްލާއެއް ކަމަށް ވިސްނިދާނެއެވެ.

ވީމާ ދިރިއުޅުމުގައި ކަންކަން ދިމާވާގޮތުން ތިމާއަށް މިހުރެވެނީ އެއްވެސް އަލިކަމެއް ނެތް އަނދިރި ހޮހޮޅައެއްގައިކަމަށްވެސް ހީކުރެވިދަނެއެވެ. ނުކުންނަން ނުވަތަ ސަލާމަތްވާން ދާންވީ ދިމާއެއް ނުއެނގި ކަންބޮޑުވުންތަކުން ފުރިގެން ހިނގައިދާނެއެވެ!

ޔަޤީންކުރަންވީ ކަމަކީ އެ އަނދިރިކަން މިންވަރުކުރެއްވެވީވެސް ﷲ ތަޢާލާ ކަމާއި ފިއްލަވައިދެއްވަވާނީވެސް ހަމަ ﷲ ތަޢާލާ ކަމެވެ. އަދި ފިއްލަވައި އަލިކަމުގެތެރެއަށް ގެނެސް ދެއްވަވާނެ ކަމެވެ. ﷲ ތަޢާލާއަށް އިތުބާރުކުރުމާއި ވަކީލްކުރުމަކީ އެއީއެވެ.

ކިތަންމެ ބޮޑު އަނދިރިކަމެއް، ނުވަތަ ކިތަންމެ ބޮޑު ޠޫފާނެއް ތިމާ ވަށައިލި ނަމަވެސް ކަންބޮޑުނުވާށެވެ! އެހުރިހާ އެއްޗަކީވެސް ހަމަ ﷲ ތަޢާލާގެ މަޚްލޫޤުންނެވެ. އެއިގެ އަމިއްލަ ޒާތުގައި އެއްވެސް ބާރެއް ލިބިގެންވާ ހަމައެކައްޗެއްވެސް ނުވެއެވެ. ވީމާ ﷲ ތަޢާލާ މިންވަރުކުރެއްވެވި ޙާލަތެއް ނޫނީ މެދުވެރިއެއް ނުވާނެއެވެ!

މުސްލިމުންނަށް ﷲ ތަޢާލާވަނީ އެފަދަ ހުރިހާ ކަންކަމުން ސަލާމަތްވުމުގެ އައްޑަނަ ދެއްވަވައިފައެވެ. އެ އައްޑަނައިގައިވަނީ 4 ބައެކެވެ. އެއީ ކެތްތެރިކަމާއި ﷲ ތަޢާލާއަށް ފުރިހަމަގޮތުގައި ވަކީލުކުރުމާއި ނަމާދުކުރުމާއި ދުޢާކުރުމެވެ. މި 4 ބައި ފުރިހަމަ އައްޑަނައަކުން ދިފާޢު ނުކުރެވޭނެ އެއްވެސްކަމެއް ނުވެއެވެ. އަދި ސަލާމަތްނުވެވޭނެ އެއްވެސް ކަމެއް މެދުވެރިއެއް ނުވާނެއެވެ.

ﷲ ތަޢާލާއަށް ފުރިހަމަގޮތުގައި ވަކީލްކުރުމާއިއެކު ކެތެރިވެހުރެ އެންމެ ނަމާދަކަށްފަހު ކުރާ އެންމެ ދުޢާއަކުން ވެސް ތިބާއަށް ކުރިމަތިވެފައިވާ ހުރިހާ މައްސަލަތަކެއް ޙައްލުވެގެން ހިނގައިދާނެއެވެ. އެކަމުގެ ޔަޤީންކަމުގައި ހުންނަ މީހާއަށް އަބަދުވެސް ﷲ ތަޢާލާ ކަންކަން ފަހިކުރައްވަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން