ކައިވެނި ރޫޅި އެކަނި ގިނަދުވަސްތަކެއް ވަންދެން ހުންނަން ޖެހުމުން ދިރިއުޅުމުގައި ދަތި އުނދަގޫ ޙާލަތެއް ކުރިމަތިވުމުން މަޝްވަރާކޮށްލަން ޝައިޚެއްގެ ގާތަށް ދިއަ ވަރަށް ރީތި އަންހެނަކާއި ޝައިޚް ފުރަތަމަވެސް ކުރެއްވި ސުވާލަކީ ތިބާއަށް ކުރެވޭ ފާފައަކީ ކޮބައިހެއްޔެވެ؟ އެއްވެސް ފާފައެއް ކުރެވޭ ހެއްޔެވެ؟
ޖަވާބުގައި އޭނާ ބުންޏެވެ. "ޝައިޚްއެވެ! ހަމަޤައިމުވެސް ޒިނޭއެއް ނުކުރަމެވެ. ފާޙިޝް ޢަމަލެއް ނުކުރަމެވެ. ޙަލާލް ނޫން ގޮތުގައި ރިޒުޤެއް ނުހޯދަމެވެ. މިހެން މިދެންނެވީ އަލޫގަނޑުގެ ސިފައަށް ބަލާފައި ގިނަބައަކު މިކަންކަމަށް ޝައްކުކުރާތީއެވެ. ޝައިޚްވެސް ޝައްކުކުރައްވައިފާނެތީއެވެ."
ޝައިޚް ވިދާޅުވިއެވެ. "ކުރިމަތިކުރައްވަވާފައި ތިއަވަނީ އިމްތިޙާނެކެވެ. ރޭއަޅުކަންކޮށް ދުޢާކުރުން ގިނަކުރާށެވެ! ތިބާ ތިއަބުނީ ތެދެއްނަމަ ދާދި އަވަހަށް ޙާލަތު ބަދަލުކޮށް ދެއްވަވާނެތެވެ. އިން ޝާ ﷲ. 40 ދުވަހަށްފަހު ބައްދަލުކޮށްލަންވާނެއެވެ!"
21 ވަނަ ދުވަހު ފިރިހެނަކާއިއެކު ޝައިޚާއި ބައްދަލުކޮށްފައި އޭނާ ދެންނެވިއެވެ. "ޝައިޚްއެވެ! ހުރިހާ ދަތިކަމެއް ފިލައިފިއެވެ. ހެޔޮލަފާ ފިރިއަކަށްވާނެ ކަމަށް އުންމީދުކުރެވޭ މީހަކާއި ކައިވެނިވެސް ކުރެވިއްޖެއެވެ. މިހުރީ ފިރިމީހާއެވެ."
މިޙާދިސާއަށް ބަލައިފިނަމަ ޙާޞިލްކުރަންޖެހޭ ފުރަތަމަ ފިލާވަޅަކީވެސް ރީތިކަން ދެއްވަވައިފިނަމަ އެނިޢުމަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމެވެ. ﷲ ތަޢާލާއަށް ޝުކުރުވެރިވެ ތެދުވެރިކަންމަތީގައި ޘާބިތުވެ ހުރުމެވެ. އެގޮތުގައި ހުރެގެން ރޭއަޅުކަންކޮށް ދުޢާކުރީމާ އޭނާގެ ބޭނުންތައް ފުއްދަވައި ދެއްވަވާނެކަމެވެ. --އިސްލާމީ ތަިލަފަތުގެ ދަރުސަކުން
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!
މިފަދަ ވާހަކަތައް ދެއްކުމުން ސަމާލުކަން ނުދޭ ބައަކުވެސް އުޅެއެވެ. އެއީ ޒިނޭކުރުން ފަދަ ނުބައި، ބޮޑެތި ފާފަތައް ކުރުމަކީ އެއްވެސް ކަމެއް ނޫންކަމަށް ޤަބޫލުކުރެވޭތީއެވެ. އެފަދަ ފާފަތައް ކުރުމުން ތިމާއަށް ކުރިމަތިވެދާނެ ނުރައްކައިތެރިކަމާއި ލިބިދާނެ ގެއްލުމުގެ ބޮޑުކަމާއިމެދު ވިސްނައި ނުލެވޭތީއެވެ.
ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި އޮތީ "ޒިނޭ އާއި ކައިރިނުވާށެވެ!" އެވަރުގެ އަމުރުފުޅެއް އޮތުމުންވެސް ހިތަށް ބިރުވެރިކަން ނުވަންނަނީއެވެ. ނިކަން ވިސްނައިލަބަލާށެވެ! ޒިނޭކުރުމަކީ ގެއެއްގެ ފުރާޅު ވެއްޓިގެންދާ އުޞޫލުން މީހާގެ އީމާންކަން ގެއްލިގެންދާ ކަމެއްކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ!
އިތުރަށްވެސް ވިސްނައިލާށެވެ! ގެއެއްގެ ފުރާޅުވެއްޓުމުން އެގެއަކުން ހިޔާވާނީ ކޮންތަނެއްހެއްޔްޔެވެ؟ އެއިރުން އެގެއަކަށްވާނެ ގޮތް ހިތަށް ގެންނާށެވެ! އީމާންކަމާއި ގުޅުއްވަވައިގެން މިފަދަ މިޘާލުތައް ޖައްސަވާފައިއެވަނީ އީމާންކަން ގެއްލިގެން ހިނގައްޖެނަމަ މީހާގެ ހުރިހާ ރަނގަޅުކަމެއް ގެއްލިގެންދާނެތީއެވެ!
ހަމަ އެއާއިއެކު ޒިނޭކުރުން ހުއްޓާލައި ތައުބާވުމުން ފުރާޅު އަލުން ރުޖޫޢަވާނެކަމަށްވެސް ޙަދީޘްފުޅުގައި އެބައޮތެވެ. އެކަމުން އެނގިގެންދަނީ އީމާންކަން އަނބުރައިލިބިގަތުމަށްޓަކައި ޒިނޭކުރުން ހުއްޓާލަންޖެހޭ ކަމެވެ. ހުއްޓާލައި އިޚްލާޞްތެރި ތައުބާއަކުން ތައުބާވުމުން ކުރެވުނު ފާފަތަކުން ސަލާމަތްވުމުގެ ފުރުޞަތު އެބައޮތްކަމެވެ.
މިޙަދީޘްފުޅުން އަހަރެންނަށް މާނަކުރެވެނީ ޒިނޭކުރުމުން ﷲ ތަޢާލާގެ ޙިމާޔަތާއި ރައްކައުތެރިކަމުން އެމީހަކު ބޭރުވެގެންދާކަމެވެ. އަދި އެކަން ހުއްޓާލައި ތައުބާވުމުން އަލުން އަނބުރައި ރުޖޫޢަކުރައްވަވައި ދެއްވަވާ ކަމަށެވެ. ގޭގެ ފުރާޅު އަހަރެންނަށް ސިފަކުރެވެނީ ﷲ ތަޢާލާގެ ޙިމާޔަތާއި ރައްކައުތެރިކަމުގެ ގޮތުގައެވެ. އެހެނީ ﷲ ތަޢާލާގެ ޙިމާޔަތާއި ރައްކައުތެރިކަން ގެއްލިއްޖެ މީހަކީ ހުރިހާ ހިޔަވާވަހިކަމެއް ގެއްލިފައިވާ މީހެކެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން