އަނބިމީހާގެ ސިފަ ރީތިވެ ތަނަވަސްކަން ހުރުމަށްވުރެ އަނބިމީހާގެ ތަޤްވާވެރިކަން މުހިންމުވާ އެންމެ ބޮޑު ސަބަބު-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
އަނބިމީހާގެ ސިފަ ރީތިވެ ތަނަވަސްކަން ހުރުމަށްވުރެ އަނބިމީހާގެ ތަޤްވާވެރިކަން މުހިންމުވާ އެންމެ ބޮޑު ސަބަބު-: މުފްތީ މެންކް

ވިޔަފާރިކުރެވޭނީ އަތުގައި ފައިސާހުރެގެންނެވެ. ހަމައެފަދައިން ﷲ ގެ މަގުގައި ދަރިން ތަރުބިއްޔަތުކުރެވޭނީ މައިމިހާގެ ކިބައިގައި ތަޤްވާވެރިކަން ހުރެގެންނެވެ. ބައްޕައަށް އެޅޭނީ ބާރެވެ. ޢަމަލީ ގޮތުން އެކަން ތަންފީޒުކުރެވޭނީ އަނބިމީހާއަށެވެ.  

އަހުރެންގެ އެކުވެރި އެންމެހައި އަޚުންނާއި އުޚުތުންނޭވެ! ކައިވެނިކުރުމުގައި ބަލަންވީ އަނެކާގެ ހުރި މާލީ ތަނަވަސްކަމަކަށް ނޫނެވެ. އެމީހާގެ ކިބައި ތަޤްވާވެރިކަންހުރި މިންވަރަކަށެވެ. ބަލަންވީ ތަޤްވާވެރިކަމުގެ ގޮތުން ތިމާއަށްވުރެ ކުރިއަރާފައިވާ މީހަކު ލިބޭތޯއެވެ.  

ޚާއްޞަކޮށް އަނބިން އިޚްތިޔާރުކުރުމުގައި މިބުނި ކަންތަކަށް ވަކިން ބޮޑަށް ސަމާލުކަންދޭންޖެހޭނެއެވެ. އެހެނީ ކައިވެނިކުރުމުން ދަރިން ލިބޭނެއެވެ. އިން ޝާ ﷲ. އެދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރަން ޖެހޭނެއެވެ. ތަޤްވާވެރިކަމެއް ނެތް އަންތބަކަށް ﷲ ތަޢާލާގެ މަގުގައި ދަރިން ތަރުބިއްޔަތުކުރެވޭނީވެސް ކިހިނަކުން ހެއްޔެވެ؟ މިހެން މިބުނަނީ ދަރިންނާއިއެކު ގިނަ ވަޤުތުތައް ހޭދަކުރާނެ ބައަކީ މައިން ކަމުގައިވާތީއެވެ.  

ތެދެކެވެ! ކޮންމެ މީހެއްގެ ކިބައިގައިވެސް ތަޤްވާވެރިކަން ހުރި މިންވަރު ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. އެހެންކަމުގައިވީނަމަވެސް އަހުރެމެންނަށް ބަލައިލެވިދާނެ ކަންކަން އެބަހުއްޓެވެ. އެއިގެ ތެރޭގައި އޭނާގެ ކިބައި ރަޙުމާއި އޯގާތެރިކަން ހުންނަމިންވަރު، ވާހަކަދައްކައި އުޅޭ ބަހުރުވަ ފަދަ ބޭރުން ބަލައިލެވޭނެ ކަންކަން ބަލަންވާނެއެވެ.  

ހަމަ އެއާއިއެކު ފަރުޟްތައް އަދާކުރަން އޭނާ ސަމާލުކަންދޭ މިންވަރަށާއި، އެހެންމީހުންނަށް އޯގާތެރިވާ މިންވަރަށާއި އެހެން މީހުންނަށް، ޚާއްޞަކޮށް ޢުމުރުން ދުވަސްވީ މީހުންނަށާއި ނިކަމެތިންނަށް އެހީތެރިވެދިނުމަށް އޭނާގެ ޝައުޤުވެރިކަން ހުންނަ މިންވަރަށްވެސް ވަރަށް ބޮޑަށް ބަލަންވާނެއެވެ. އެހެނީ މިހފަދަ ހުރިހާ ކަންކަމަކީވެސް އެމީހެއްގެ ކިބައިގައި ތަޤްވާވެރިކަން ހުންނަ މިންވަރާއި ގުޅިފައިވާ ކަންކަމެވެ.  

ކައިވެންޏަށް ބަލާއިރު އެންމެ މުހިންމު އެއްކަމަކީ ދަރިންގެ ތަރުބިއްޔަތެވެ. ރަނގަޅު ގޮތުގައި ދަރިން ތަރުބިއްޔަތު ނުކުރެވިއްޖެނަމަ އެކަމުގެ ޒިންމާ އުފުލަންޖެހޭނެތީއެވެ. ސިފަ ރީތިވުމާއި ތަނަވަސްކަން ހުރުމަށްވުރެ ތަޤްވާވެރިކަން މުހިންމުވާ އެންމެ ބޮޑު އެއް ސަބަބަކީވެސް އެއީއެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން