މީސްމީހުންގެ ކައިވެނި ރޫޅުމުން އެމީހަކާއިމެދު ނުބައިކޮށް ހީކުރެވި ބަސްބުނާ މީހުން ވަރަށް ގިނައެވެ. މިއީ ވަރަށް ގޯސްކޮށް ކުރެވޭ ކަމެކެވެ. ސަބަބުތަކަށްވެސް ކޮންމެވެސް ވަރަކަށް ބަލައިލާނަމެވެ.
ކިތަންމެ ޣާތްކޮށް އުޅުނަސް ގިނަ މީހުން އެމީހުންނަށް ކުރިމަތިވާ ހުރިހާ ކަންކަމުގެ ވާހަކައެއް ނުދައްކާނެއެވެ. އުންމީދުކޮށްގެން ހުންނާނީ މައްސަލަތައް ޙަލުކުރެވި އުފާވެރި ދިރިއުޅުމެއް ލިބޭނެ ކަމަށެވެ. ވީމާ ކުރިމަތިވާ ކަންކަމުގެ ތެރެއިން އެހެން މީހުންގެ ގާތުގައި ބުނާނީ މަދު މީހެކެވެ. އަދި އެއްވެސް ވަރަކަށް ކިޔައިނުދޭ މީހުންވެސް ތިބެއެވެ.
ދެންމިވާގޮތަކީ ތިމާއަށް ވިސްނޭ ވިސްނުމުގެ މައްޗަށް ވާހަކަދައްކަނީއެވެ. "އޭނާގެ ބައިވެރިޔާ އޭނާ ގެންގުޅުނީ ވަރަށް ލޯބިންނެވެ. ބުނިހާ ކަމެއް ކޮށްދީގެންނެވެ. އޭނާއަކީ ބޭވަފާތެރިވީ މީހެއްވެސް ނޫނެވެ. އެކަމަކު އެކަންކަމުގެ އަގު ވަޒަންނުކޮށް ކަންކަންކުރަން ހަދައިގެން ކައިވެނިރޫޅުނީއެވެ."
މިފަދަ ބަސްތައް ބުނާއިރު މީހުންގެ ކުރިމަތީގައި ބައިވެރިޔާއަށް ވަރަސް ހެޔޮކޮށް ހިތައިގެން ކަންކަން ކޮށްފައި އެކަނިވުމުން އަނިޔާވެރިވާ މީހުންވެސް މަދެއް ނޫނެވެ. އެކަންކަމުގެ ވާހަކަ އޭނާ ކިޔައިނުދޭނަމަ އެއްވެސް މީހަކަށް ނުއެނގޭނެއެވެ. އޮންނާނީ ފަރުދާގެ ފުރަގަހުގައި ބޮޑު ސއްރެއްގެ ގޮތުގައެވެ. ވީމާ ކިތަންމެ ގާތްކޮށް އުޅުނަސް އަނެކާގެ ހުރިހާ ކަންކަން އެނގޭ ކަމަށް ހީވެސްނުކުރާށެވެ.
ހަމައެއާއިއެކު ދެމަފިރިންގެ ތެރެއިން އެކަކު ދައްކާ ވާހަކަތައް ޤަބޫލުކޮށް އެއީ ތެދުކަމަށްވެސް ޤަބޫލުކޮށްގެން ނުވާނެއެވެ. ދެމީހުންގެ ވާހަކަތައްވެސް އަޑުއަހަންވާނެއެވެ. ދެމީހުންގެ ކިބައިންވެސް މަޢުލޫމާތު އޮޅުންފިލުވަންނާނެއެވެ.
ދެމަފިރިއެއްގެ އެއްވެސް ކަމަކާއި ބެހޭ ގޮތުން ވާހަކަދައްކަންވާނީ އެންމެ ކުޑަމިނުން މިބުނި މިންވަރަށް ކަންކަން ފުރިހަމަކޮށްގެންނެވެ. އެކަންކަން ފުރިހަމަ ނުކުރެވޭނަމަ ވާހަކަނުދައްކާށެވެ! ކުށެއް ނެތް މީހެއްގެ ބޮލުގައި އިލްޒާމް އެޅުވޭ ގޮތަށް ނުވަތަ އޭނާ ބަދުނާމުވާ ގޮތަށް ދައްކާ ހުރިހާ ވާހަކަތަކެއްގެ ޒިންމާ އުފުލަން އެމީހަކަށް ޖެހޭނެއެވެ. ޤިޔާމަތް ދުވަހު ޙައްޤު ބަދަލު ނަންގަވައިދެއްވަވާނެކަން އަބަދުވެސް ހަނދާންކުރަންވާނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން