ކައިވެނީގެ ދުވަސް (އަހަރީ ދުވަސް) ފާހަގަކުރުން ހުއްދަތޯ؟
ޖަވާބަކީ ކާފިރުން ކުރާ ގޮތާ ތަފާތުކޮށް ފާހަގަކުރުމަކުން އެއީ މައްސަލައެއް ނޫނެވެ. މިޘާލަކަށް އުއްބައްތި ނިއްވާކަށް ނުޖެހެއެވެ. ކޭކުބުރިއެއްގެ ބަދަލުގައި ބަތްސުވަލެއް އަނގައަށް ލެވިދާނެއެވެ. އަދި ދެމަފިރިންގެ މެދުގައި ގުޅުން ބަދަހިކުރަން ޚާއްޞަ ދުވަހަކަށްވެސް ހެދިދާނެއެވެ. ފާއިތުވި ތަނުގައި ހުރިހާ ހިތްހަމަނުޖެހުމަކަށް މާފުކޮށް ހިތްހެޔޮކުރާ ދުަވަހަކަށް ހަދާނަމަ ހާދަ އުފާވެރިވާނެއެވެ.
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!
ޙަޤީޤަތަށް ބަލައިފިނަމަ ލޯބިވެރިންގެ ދުވަސް ފާހަގަކުރުމާއި ކައިވެނީގެ އަހަރީދުވަސް ފަދަ ދުވަސްތައް ފާހަގަކުރުމަކީ ކާފިރުންގެ ކަމެކެވެ. އެކަން އެމީހުންކުރަނީ އެމީހުންގެ ޒަވާޖީ ޙަޔާތުގެ ކަންކަން ހުންނަ ގޮތުން އެއީ އެއްވެސް ބުރަދަނެއް ނުވަތަ އަގެއް އޮންނަ އެއްޗަކަށްނުވާތީއެވެ.
ކައިވެނިކޮށްގެން ތިބިނަމަވެސް ބޭނުން ކޮންމެ މީހަކާއިއެކު ކުރުން މަނާ އެއްވެސްކަމެއް ނުއޮންނާތީ ކައިވެންޏަށް ފަހުގައިވެސް އެމީހުންގެ މެދުގައި ޙަޤީޤީ ލޯތްބެއް ނުއޮވެއެވެ. އެތައް ބައިވަރު ބައަކާއިއެކު ގުޅުންހިންގާ މީހަކަށް އެއްވެސް މީހަކު ދެކެ ޙަޤީޤީ ލޯބިނުވެވޭނެކަން އެންމެ ރަނގަޅަށް އެނގޭނީ އެކަން ތަޖުރިބާކޮށްގެން ތިބި ބައަކަށެވެ. އަހުރެން މިވާހަކަތައް މިދައްކަނީ ކަންކަން ތަޖުރިބާކޮށްގެން ތިބި މީހުން ބުނާ ބަސްތަކުންނެވެ.
ކޮންމެއަކަސް ކޮންމެ ކަމެއްގައިވެސް އޮތީ ކާފިރުންނާއި ތަފާތުވެލުމެވެ. ވީމާ ހަމަ އެދުވަހު ނޫނަސް ކޮންމެ އަހަރަކުވެސް އެދުވަސް ފާހަގަކުރެވިދާނެ ނޫންހެއްޔެވެ؟ އަހަރަކު 3.4 ފަހަރުވެސް ފާހަގަކުރަންވީ ނޫންހެއްޔެވެ؟ އަހުރެންގެ އެކުވެރި ދެމަފިރިއަކު ބުނީ އެދެމަފިރިން ކޮންމެ އަހަރަކު 4 ފަހަރު ކައިވެނީގެ އަހަރީ ދުވަސް ފާހަގަކުރާކަމަށެވެ.
"އެތަނުން ދެފަހރު ދުވަސް ކަނޑައަޅާނީ، އަދި ޚަރަދުކުރާނީވެސް އަނބިމީހާ! އަނެއް ދެފަހަރު ދުވަސް ކަނޑައަޅާނީވެސް ޚަރަދުކުރާނީވެސް ފިރިމީހާ! ދެން އެދެމަފިރިން ކައިވެންޏަށް ފުރޭ އަހަރުގެ ޢަދަދު ދައްކަނީ ކޭކެއްގައި ނޫނީ ގޭގެ ބިތުގައި ލިޔެގެނެއް ނޫން! އެކަކު އަނެކަކަށް ވަފާތެރިވެ ލޯބިދީގެން! އެހީތެރިވެދީގެން! އަހުރެން ބުނާނީ އެދެމަފިރިންނަކީ ޒަވާޖީ ޙަޔާތް ކާމިޔާބުކުރުމުގަ ހަމަ ނަމޫނާ ބައެއްކަމަށް!" (ސިއްރެއް: އަނބިމިހާއަށް ޚަރަދުކުރަންޖެހޭ 2 ދުވަހުވެސް ޚަރަދުކުރާނެ ފައިސާ ދެނީ ފިރިމިހާ، ތަފާތަކީ އެދެދުވަހު ޚަރަދުކުރާނެ ކަންކަން އަނބިމީހާ ކަނޑައެޅުން)
ދީނީކަމެއްގެގޮތުގައި ނުބަލާ ވެޑިންގް އެނިވާރސަރީގައި އަނބި މީހާއަށް ހަދިޔާ ދިނުން އެއީ އެއްވެސް މައްސަލައެއް އޮތް ކަމެއްތޯ؟ އަދި "ހެޕީއެންވާސަރީ" ބުނުން އެއީ މައްސަލައެއްތޯ؟ މިފަދަ ސުވާލުތައްވެސް ކުރެވެއެވެ.
އެފަދަ ސުވާލުތަކަށް ޢިލްމުވެރިން ދެއްވާ ޖަވާބަކީ "ކައިވެނީގެ އަހަރީދުވަސް ފާހަގަ ކުރުމަކީ ޣައިރު މުސްލިމުންގެ ޢާދަކާދައިގެ ތެރޭގައި ހިމެނޭ ކަމެކެވެ. ވީމާ، އަޅުގަޑުމެން މުސްލިމުން އެފަދަ ކަންތަކުން ދުރުހެލިވާން ޖެހޭނެއެވެ."
އަހުރެން ހިތުން އަހަރަކު އެންމެ ފަހަރަކު ދުވަހެއް ފާހަގަކޮށްލުމަކީ އެހައި ފައިދާކުރާނެ ކަމެއް ނޫނެވެ. އަދި އުފާވެރި ދިރިއުޅުމަކަށް އެދޭނަމަ އަހުރެމެން ވާންޖެހޭނީ އަހަރުގެ ކޮންމެ ދުވަހަކު ދުވަސްތައް ފާހަގަކުރަމުން ގެންދާ ބައަކަށެވެ! ގަސްތައް ވީރާވުމުން ފެންދޭން އުޅުމުގެ ބަދަލުގައި އަބަދުވެސް ގަސްތަކަށް ފެންދީ އާރޯކަން ގެންނަން މަސައްކަތްކުރާ ބައަކަށެވެ.
ވީމާ ކައިވެނީގެ އަހަރީ ދުވަސް ފާހަގަކުރުމުގައި އެންމެ ފައިދާކުރާނެ ގޮތެއްކަމަށް އަހުރެންނަށް ބުނެވެން އޮތީ އެދެމަފިރިން ބުނާފަދައިން އަހަރަކު 4 ފަހަރު ނޫނީ އެއަށްވުރެވެސް ގިނައިން ފާހަގަކުރުން ކަމަށެވެ.
އަޅެ ނިކަން ކުރިއަށް އޮތް އަހަރު މިކަންކަން އަމިއްލައަށް ތަޖުރިބާކޮށްލުން ކީއްހެއްޔެވެ؟ ތަފާތެއްވެސް އެނގޭނީ ދެވަނަ ތަޖުރިބާއެއްވެސް ކޮށްލައިގެންތާއެވެ.!
- އަލަފް