ފިރިމީހާގެ މައިންނަބަފައިންނަށް ޚިދުމަތްކުރުމުގަ ލާމަސީލު ނަމޫނާ ދެއްކި ޅީދަރިފުޅެއްގެ ވާހަކަ- އެކަނބަލުންގެ އަގު ރަނަށްވުރެ ބޮޑުކަން ވަޒަންކުރަންޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
ފިރިމީހާގެ މައިންނަބަފައިންނަށް ޚިދުމަތްކުރުމުގަ ލާމަސީލު ނަމޫނާ ދެއްކި ޅީދަރިފުޅެއްގެ ވާހަކަ- އެކަނބަލުންގެ އަގު ރަނަށްވުރެ ބޮޑުކަން ވަޒަންކުރަންޖެހޭނެ!

އެއީ ވަރަށް ލޯބިވާ ދެމަފިރިންނެވެ. ޢުމުރުން 70 އަހަރަށްވުރެ މައްޗަށް ގޮސްފައިވާ ދެމަފިރިންނެވެ. ތިބެނީ 2 ފިރިހެންދަރިންނެވެ. ދޮށީ ފިރިހެން ދަރިފުޅު ކައިވެނިކޮށްގެން އުޅެނީ ވަކިދިރިއުޅުމެކެވެ. ހަގު ދަރިފުޅު ކައިވެނިކޮށްގެން އުޅެނީ މައިންބަފައިންގެ ގޭގައެވެ.  

ހަގު ދަރިފުޅުގެ އަނބިމީހާ ބުނަމުން ދިއައީ މުސްކުޅި މަންމަ ޢާއި ބައްޕަ އާއި ދެމީހުން ބެލުން ބުރަކަމަށެވެ. އެހެންކަމުން މަންމަ ބަލަން ބޭނެ އާއި ޙަވާލުކުރުމަށެވެ. އެހެންވެ ބޭބެ ގެއަށް ދިއަ ދުވަހަކު އެވާހަކަ ބުނުމުން އެއްވެސް ޝަކުވާއެއް ނުކޮށް ދިއައީ މަންމަ ގޮވައިގެންނެވެ.  

އޭނާގެ އަނބިމީހާ މަންމައަށް މަރުޙަބާ ކިޔެވެ. އަދި އަވަސް އަވަހަށް ބަދިގެއަށް ވަދެ ކާނެ އެއްޗެއް ތައްޔާރުކޮށްލައިގެންދިއައިރު މަންމަ ފޯނުން ބައްޕައާއި ވާހަކަދައްކަނީއެވެ. ދެމަފިރިންނަށް ވަކިވާންޖެހުނީތީ ކަންބޮޑުވެ ހިތާމަފައުޅުކުރަނީއެވެ. ސިއްރުން އަޑުއަހަން ހުރެލާފައި ގޮސް ކާއެއްޗެތި މަްނމަގެ ކުރިމަތީގައި ބެހެއްޓިއެވެ.  

ކޯލު އަޑުއިވުނު ކަމަށް ނުހަދައި ގޮސް ފިރިމީހާގެ ގާތުގައި އެވާހަކަ ކިޔައިދީފައި ބުންޏެވެ. "މިޢުމުރުގައި މަންމަ އާއި ބައްޕަ ވަކިކުރަން ހެޔޮނުވާނެއެވެ. ދެމަފިރިން ވިސްނަމުންގޮސް ބޮޑު ބައްޔަކަށްވެސް ވެދާނެއެވެ. އަހުރެން އެދެނީ ހަމަ މިހާރު ގެއަށް ގޮސް ބައްޕަވެސް ގެނެސްދިނުމަށެވެ. ދެމީހުން ބަލަން އަހުރެންނަށް ބުރައެއް ނޫނެވެ. އެމަސައްކަތް ކުރަން ފެށުމުން އަހުރެމެންނަށް މާތް ﷲ ލައްވަވާ ރަހްމަތް މާބޮޑުވާނެއެވެ."  

އަނބިމީހާ އެދުނުގޮތަށް ފިރިމީހާ ކަންތައް ކުރިއެވެ. ގެއަށް ގޮސް ބައްޕަވެސް އެގެއަށް ގެނެސް ދެމަފިރިންނަށް އެކުގައި ތިބެވޭނެ ގޮތް ހަމަޖެއްސިއެވެ. 

ނުހަނު ލޯބިން މަންމަ އާއި ބައްޕައަށް ޚިދުމަތްކުރަން ފެށުމުގެ ނަތީޖާއަކަށްވީ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ދަރިފުޅަށް ޕްރަމޯޝަން ލިބި ލިބޭ އާމްދަނީ އިތުރުވުމެވެ.  

މިއީ އަޅުގަނޑަށް ސޯޝަލްމީޑިއާއިން ފެނިފައިވާ ވީޑިއޯއަކުން ފެނުނު ކަންކަމުގެ މައްޗަށް އަޅުގަނޑު ލިޔުނު ކުރު ޚުލާޞާއެކެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކުރަން ބޭނުންވީ މައިން ބަފައިން މުސްކުޅިވާ ދުވަހު އެދެމަފރިންނަށް ރަނގަޅު ގޮތުގައި ކަންކަން ކޮށްދީ ބެލެހެއްޓުމުގެ މުހިންމުކަން ހަނދާންކޮށްދިނުމަށެވެ.  

ފަހަރެއްގައި އެއީ މާލީ ގޮތުން ބުރައަކަށްވެސް ވެދާނެއެވެ. ތަކްލީފް އުފުލަންޖެހޭ ކަމަކަށްވެސް ވެދާނެއެވެ. ނަމަވެސް މާތް ﷲ ދެއްވަވާ ބަދަލު މާފުރިހަމަވާނެއެވެ. ދުނިޔޭގައި އެކަން ނުފެނުނަސް ޤިޔާމަތްދުވަހު ފެންނާނެކަން އެއީ ޔަޤީންކަމެކެވެ. އިން ޝާ ﷲ

 

- މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން