ދުޢާ ޢިޖާބް ކުރެއްވެވުމުގައި ޚާއްޞަ ސިއްރެއްވެއެވެ. ސޫރަތުލް އަންބިޔާގައި 4 ރަސޫލްބޭކަލެއްގެ ވާހަކަވެއެވެ. އެހެން ސޫރަތެއްގައި މޫސާގެފާނުގެ ވާހަކަވެއެވެ. މިބުނަނީ މިޚާއްޞަ ސިރު ބޭނުން ކުރެއްވެވި ރަސޫލް ބޭކަލުންގެ ވާހަކައެވެ.
އެޚާއްޞަ ސިއްރަކީ ކަމެއް ކުރިމަތިވުމުން އެވާހަކަ މީސްތަކުންގެ ގާތުގައި ނުދައްކައި އެވާހަކަ ﷲ ތަޢާލާއަށް ދެންނެވުމެވެ. ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދުމެވެ.
ގިނަ މީހުންނަށް ޢަމަލުކުރެވެނީ އެގޮތަކަށް ނޫނެވެ. ކަމެއް ދިމާވާއިރަށް އަވަސްވެގަނެވެނީ ކޮްންމެވެސް ބައެއްގެ ގާތުގައި އެކަމުގެ ވާހަކަ ދެއްކުމަށެވެ. މިއީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. ފުރަތަމަ ކަމަކަށް އެކަމުގެ ވާހަކަ ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވާށެވެ! ކެތްތެރިވެސްވެލާށެވެ! އެކަމުން ކުރާ ފައިދާ މާބޮޑުވާނެއެވެ. އިން ޝާ ﷲ
ތިމާގެ ހުރިހާ ބޭނުންތަކެއް ﷲ ތަޢާލާ ފުއްދަވައި ދެއްވަވާނެކަން ޔަޤީންކޮށްގެން ހުރެ ދިރިއުޅެން މަސައްކަތްކުރާ މީހާގެ ހުރިހާ ބޭނުންތަކެއް ﷲ ތަޢާލާ ފުއްދަވައި ދެއްވަވާނެތެވެ. މީގެ މާނައަކީ އެކަމެއް ޙާޞިލްކުރަން ތިމާ މަސައްކަތް ނުކޮށް ހުރުމެއް ނޫނެވެ. މަސައްކަތްކުރާ މީހާގެ މަސައްކަތުގައި ބަރަކާތް ލައްވަވާނެ ކަމެވެ.
- ބިލާލް އައްސަދުގެ ދަރުސަކުން