ދެލޯ ދެއްވަވައި ލޮލަށް ފެނުން ދެއްވެވީ ކީއްވެ؟
ދެލޯ ދެއްވަވައި ދެލޮލަށް ފެނުން ދެއްވެވި އެންމެ ބޮޑު އެއް ބޭނުމަކީ ކީރިތި ޤުރްއާން ކިޔަވައި އުނގެނުމަށާއި ﷲ ތަޢާލާގެ ކުޅަދުންވަންތަކަމުގެ ހެކިތައް ބަލައި އީމާންކަން ވަރުގަދަކުރުމަށެވެ. ކީރިތި ޤްރުއާން ކިޔެވުމަށެވެ. ލޮލަށް ފެންނަ ނޭދެވޭ ކަންކަން އިބްލާޙްކުރަން މަސައްކަތްކުރުމަށެވެ. ދަތިޙާލުގައިވާ މީހުން ފެނުމުން އެހީތެރިވުމަށެވެ.
ނަމަވެސް އެކަންކަން ހަނދާން ހުންނަނީ ހާދަ މަދުބައެކެވެ. ކީރިތި ޤްރްއާން ކިޔެވުންވެސް ހަދާފައި މިވަނީ އުމުރުން ދުވަސްވެ ކުރެވޭނެ އިތުރު ކަމެއް ނެތުމުން ކުރާ ކަމަކަށެވެ. ވީއިރު އެ ނިޢްމަތް ދެއްވެވި އެންމެ ބޮޑު ބޭނުންތައް ކޮބައިހެއްޔެވެ؟
ލޮލަށް ފެނުން ދެއްވެވީ ހަމައެކަނި އެމީހާގެ ހިތް އުފާވާ ތަންތަން ބެލުމަކަށް ނޫނެވެ. ބެލުން ހުއްދަވެގެންވަނީ ﷲ ތަޢާލާ ހުއްދަ ކުރެއްވެވި ކަންކަމެވެ. އަންގަވާފައިވަނީ ބެލުންތައް ތިރިކޮށް ލޮލުން ފާފަ ނުކުރުމަށެވެ.
މި ބުނީ އާދައިގެ ވާހަކައެއް ކަމަށް ހީނުކުރާށެވެ! އެހެނީ ތިމާއަށް ﷲ ތަޢާލާ ދެއްވެވި ކޮންމެ ނިޢްމްތެއްގެ ބޭނުން ހިފި ގޮތާއިމެދު ޤިޔާމަތް ދުވަހު ސުވާލުކުރައްވަވާނެތެވެ! ޖަވާބު ނުދީ ސަލާމަތްވެވޭނެ އެއްވެސް ގޮތެއް ނުއޮންނާނެއެވެ.
ލޮލަށް ފެނުން ދެއްވެވި ފަރާތުން އެ ނިޢްމަތް އަނބުރައި ގެންދަވައިފާނެކަމަށް ބިރުވަތިވަނީ ކިހައި ވަރަކަށް ހެއްޔެވެ؟ އެއްވެސް ވަރަކަށް ބިރުގަނޭ ހެއްޔެވެ؟
ހަމަ ޔަޤީނުން އެއްވެސް މީހެއްގެ މޫނުގައި ވަނީ އޭނާގެ އަމިއްލަ ދެ ލޮލެއް ނޫނެވެ. އަދި އެ ދެލޮލުން ބަލަނީ އޭނާ ލޮލަށްލެއްވި ނޫރަކުންނޫނެވެ! ލޯ ދެއްވެވީވެސް ލޮލަށް ފެނުން ދެއްވެވީވެސް ހަމަ ﷲ ތަޢާލާއެވެ.
ނިކަން ޖަވާބުދީބަލާށެވެ!
ޓީވީ އާއި ފޯނުން ތިބާ ބަލާހިތްވާ ކަންކަން ބެލުމަށް ދުވާލަކު ކިތައް ގަޑިއިރު އެބަ ހޭދަކުރަން ހެއްޔެވެ؟
އެސުވާލުގެ ޖަވާބު އަމިއްލަ ނަފްސަށް ދިނުމަށްފަހު ނިކަން ބުނެބަލާށެވެ! ކީރިތި ޤްރްއާން ކިޔަވަން މުޞްހަފަށް ބަލަން ފޯނުން ނަމަވެސް ޤުރްއނަސް ަބަލަން ދުވާލަކު ހޭދަކުރަނީ ކިހައި އިރެއް ނުވަތަ ވަގުތެއް ހެއްޔެވެ؟
އެންމެ ބައިގަޑިއެއްހައި އިރު ހޭދަކުރަމު ހެއްޔެވެ؟ ދުވާލަކު 30 މިނިޓް އެކަމަށް ހޭދަކުރާ މީހާއަށް ކޮންމެ 60 ދުވަހަކުން ޚަޠިމެއް ކުރެވޭނެއެވެ. ވީއިރު ތިބާއަށް ދެލޯ ދެއްވަވައި ފެނުމުގެ ނިޢްމަތް ދެއްވެވުމުން އެބަ ޝުކުރުވެރިވެވޭ ހެއްޔެވެ؟"
އިންސާނުންނަށް ލޮލުގެ ފެނުމާއި އެހެންވެސް ނިޢްމަތްތައް ދެއްވަވަނީ ﷲ ތައާލާއެވެ. ގިނަ ނިޢްމަތްތައް ދެއްވަވާފައިވަނީ ޢުމުރުން ދުވަސްވީވަރަކަށް އެ ނިޢްމަތް އުނިވާ ގޮތަށެވެ. އެގޮތުން އުމުރުން ދުވަސްވީވަރަކަށް ލޮލުގެ ފެނުންވެސް އުނިވެއެވެ. ލޯބޯ ކޮށިވެއެވެ.
އައިނު އެޅުން، ލެންސް ލެއްވުން ފަދަ ކަންކަންކޮށްގެން ލޮލުގެ ފެނުން ދަމަހައްޓަން މަސައްކަތްކުރެވިދާނެއެވެ. ނަމަވެސް ލިބޭ އުނިކަން ނުލިބޭނެ ގޮތެއް ނުހެދޭނެއެވެ. އަދި ކިތަންމެ މޮޅު ޑޮކްޓަރަކު ކިތަންމެ ބާރުގަދަ ލެންސެއް ލެއްވި ނަމަވެސް ފެންނާނީ ﷲ ތަޢާލާ ފެނުން ދެއްވެވިނަމައެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން