ކެތްތެރިކަމާއިއެކު ނަމާދުން ވާގިއެދެމުންދާހައި ހިނދަކު ﷲ ތަޢާލާ ތިބާ ދޫނުކުރައްވަވާނެތެވެ! އިން ޝާ ﷲ: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ކެތްތެރިކަމާއިއެކު ނަމާދުން ވާގިއެދެމުންދާހައި ހިނދަކު ﷲ ތަޢާލާ ތިބާ ދޫނުކުރައްވަވާނެތެވެ! އިން ޝާ ﷲ: މުފްތީ މެންކް

ބައެއް މީހުން ބުނެއެވެ. "މިކުރެވެނީ ފާފައެއްކަން އެނގި ދެރަވެސްވެއެވެ. އެކަމަކުވެސް ހަމަ ހުއްޓައި ނުލެވެނީއެވެ." އެހެންވެ އެކަންކަން އެގޮތަށް މެދުވެރިވާ ސަބަބަށް ބަލައިލަމާ ހިނގާށެވެ!

މީސްތަކުން މިވަނީ 2 ބައަކަށެވެ. އެއް ބައަކީ ފާފަކުރުމުގައި ދެމިތިބޭ މީހުންނެވެ. އަނެއްބައަކީ ފާފަކުރެވުނު ނަމަވެސް އެނބުރި ﷲ ތަޢާލާގެ މަގަށް ރުޖޫޢަވާ މީހުންނެވެ. ފާފަކުރުމުގައި ގިނަ ދުވަހު ދެމިނުތިބޭ މީހުންނެވެ.

ފާފަކުރުމުގައި ދެމިތިބޭ މީހުންނަށް ބަލައިފިނަމަ ގިނަވާނީ ނަމާދުނުކުރާ މީހުންނެވެ. އެމީހުން ނަމާދުނުކުރުމުގެ ސަބަބުން ޝައިޠޯނާ އެވަނީ އެމީހުންގެ ހިތްތަކަށް އެކުގައި ވެރިވެގެންފައެވެ. އެމީހުންނަށް ކުރެވޭ ފާފަތަކުގެ ސަބަބުން ހިތުގައި ކަޅުތިކި ޖަހަމުން ގޮސް ހިތް އެވަނީ އެކުގައި ފުރިފައެވެ.

އެކުވެރިޔާ ފާފަކުރާތީ ފާފަ ނުކުރަން ބުނުމުން ތިމާއަށްޓަކައި ހެޔޮދުޢާކޮށްދޭން ބުނާ މީހުންވެސް އެބައުޅެއެވެ. ތެދެކެވެ. އެކަކު އަނެކަކަށް ހެޔޮދުޢާކޮށްދޭންވާނެއެވެ. ނަމަވެސް ވިސްނައިލަންޖެހޭނެ ކަމަކީ ހެޔޮ ދުޢާކުރުމަކުން އެކަނި ނުފުދޭނެ ކަމެވެ. ފާފަނުކުރަން ތިމާ މަސައްކަތްކުރަންޖެހޭނެ ކަމެވެ.

ފަރުޟު ނަމާދުތައް ޤަވާއިދުން ކުރަމުން ގެންދާ މީހާއަށް ފާފަކުރެވޭނަމަ ވަރަށް ގިނަ ފަހަރު އެމީހަކަށް ބޮޑެތި މުޞީބާތްތައް ކުރިމަތިކުރައްވަވައެވެ. އެކަމުގެ ސަބަބުން އެމީހާއަށް ތަކްލީފްތައް އުފުލަންޖެހެއެވެ. އަދި ފާފަކުރުމާއި ދުރުހެލިވެ ތަޤްވާވެރިކަން އިތުރުކުރެއެވެ. މުޞީބާތްތައް ފިއްލަވައި ދެއްވެވުން އެދި ދުޢާކުރުން ގިނަކުރެއެވެ.

އެކަން އެހެން އެވަނީ އޭނާއަކީ ނަމާދުކުރާ މީހަކަށްވުމުން މަގުގެއްލިގެން ދިއުން ހުއްޓުވުމަށް ފުރުޞަތު ދެއްވެވުމަށް ކަމުގައި އޮންނަނީވެފައެވެ. އެކަމުންވެސް އެނގެނީ ނަމާދުކުރާމީހާ ﷲ ތަޢާލާ ދޫނުކުރައްވަވާނެ ކަމެވެ. ނަމާދުކުރާ މީހުންނަށް ހިދާޔަތު ދެއްވަވާނެކަމެވެ. ވީމާ ކޮންމެ ޙާލެއްގައިވެސް ނަމާދު ކުރެވޭތޯ ގަދައަޅައި މަސައްކަތްކުރަމުން ގެންދާށެވެ.

ފާފަކުރެވޭ މީހުންނަށްވެސް ބުނެލަން އޮތީ ފާފަކުރެވުނު ނަމަވެސް ނަމާދުކުރުން ހުއްޓައިނުލާށެވެ! އަދި ފާފަކުރުން ހުއްޓައިލެވޭތޯ ގަދައަޅައި މަސައްކަތްކުރާށެވެ. އެއިރުން ﷲ ތަޢާލާ އެމީހަކަށް ތެދުމަގު ދައްކަވާނެތެވެ. އިން ޝާ ﷲ

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން