ކައިވެނި ރޫލިފައިވާކަން އެނގޭއިރަށް ހިތުގަ ޖެހޭފަދަ ސުވާލުތައް ކުރަންފަށާ މީހުންނާއި ބައްދަލުވެއެވެ. އެކަމުން ހިތަށް ވަރަށް އަސަރުކުރެއެވެ. ހަމައެއާއިއެކު ބައްދަލުވާ އެންމެންނަށް ހަމަ ބައްދަލުވާތަނުން ޙަޔާތުގެ ހުރިހާ ވާހަކަތަކެއް ކިޔައިދިނުން ފަސޭހައެއްވެސް ނޫނެވެ. ކިޔައިދިނަސް ހެޔޮއެދި ރަޙުމްކުރާނީ މަދު މީހެއް ވީމައެވެ.
މިފަދަ ބަސްތައް ކިޔުންތެރިން ބުނެއެވެ. މިއީ ވިސްނައިލުން މުހިންމު ކަމަކަށްވާތީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ގުޅުންހުރި ލިޔުމެއް ގެނެސްދޭނަމެވެ.
އަޅުގަނޑުގެ ޢުމުރަކީ 40 އަހަރެވެ. 3 ކައިވެނިކޮށްފީމެވެ. މިހާރުވެސް މިއިނީ އެކަނިވެރިމައެއްގެ ގޮތުގައެވެ. އެކަމަކު އަޅުގަނޑު އެއްވެސް މީހަކަށް އުނދަގުލެއް ނުކުރަމެވެ. ކަމަކުވެސް ނުކިޔަމެވެ. 3 ކައިވެނިވެސް ރޫޅުނީ އަޅުގަނޑުގެ އެއްވެސް ކުށެއް އޮވެގެނެއް ނޫނެވެ.
އަޅުގަނޑުގެ ކަންބޮޑުވުމަކީ ބައްދަލުވާ މީހުން އަޅުގަނޑުހެ ޙަޔާތާއިމެދު ސުވާލުކޮށް ކަންކަން އޮޅުންފިލުވާފައިވެސް އެހީތެރިނުވާތަނުގައި ފުރައްސާރަކުރާތީއެވެ. އެހެން މީހުންގެ ގާތުގައި އަޅުގަނޑު އަގުވެއްޓޭގޮތަށް ވާހަކަދައްކާތީއެވެ.
އަޅުގަނޑުގެ ސުވާލަކީ އެއީ ހަމަ އެކަން ކުރަން އޮންނަ ގޮތްތޯއެވެ؟
ލިޔުންތެރިޔާގެ ކަންބޮޑުވުމަކީ ހަމަ ގިނަ ބައަކަށް ޚާއްޞަކޮށް އެކަނިވެރި މައިންނަށް ކުރިމަތިވާ މައްސަލައެކެވެ. ބުނެލަން އޮތީ ތިރީގައިވާ ލިޔުމުން ހިތްވަރު ލިބިގެންދާނެކަމަށެވެ. އަދި މައްސަލަ ސާފުވެސްވާނެކަމަށެވެ. އިން ޝާ ﷲ
ކޮންމެ މީހަކުވެސް ޒަވާޖީ ޙަޔާތެއް ފަށާނީ ވަރަށް ފޮނި އުއްމީދާއިއެކީއެވެ. އެންމެ ފަހު ނޭވާއާއި ހަމައަށް އަދި ސުވަރުގެއިން ވެސް އެކީގައިވުމަށެވެ. ނަމަވެސް ތަޤުދީރުގައި ކަންކަން ހިނގަނީ އަޅުގަނޑުމެން ހިތް އެދޭހާ ގޮތަކަށް ނޫނެވެ. ކަންކަން ފެށިގެން އަދި ނިމިގެން ދަނީ ވެސް އަޅުގަނޑުމެންގެ ރޭވުމާއި އެއްގޮތަކަށް ނޫނެވެ.
ދީނުގައި ވަރި ލައްވާފައި ވަނީ ވެސް ޙިކުމަތަކަށްޓަކައެވެ. ވަރިވުމަކީ ހުތުރު ކަމެއް ނޫނެވެ. ހުތުރު ކަމަކީ ވަރިވާން ޖެހިދާނެ ކަމުގެ ބިރަށް ކައިވެނިނުކޮށް ފާހިޝް ޢަމަލުތަށް ކުރުމެވެ.
ދުނިޔަވީ ޙަޔާތުގައި ކައިވެނީގެ ސެޓްފިކެޓް އިތުރުވިޔަނުދޭން، އުޙްރަވީ ހަޔާތުގެ ވައަތު ފަޔަށް ބަރު ކުރަމުންދަނީ ކިތައް މީހުން ހެއްޔެވެ؟
ދެރައީ މިކަންކަން ހުތުރުވެގެން ބަހެއް ބުނާނެ އަނގައެއްނެތީމައެވެ. މި މުޖުތަމައުގެ ނަޒަރުގައި ޒިނޭއަށްވުރެން ވަރިވުން ހުތުރުކަމަކަށްވެފައި އޮތީމައެވެ. އެއްވެސް މީހެއް ވަރިވުމުގެ ނިޔަތުގައި ކައިވެންޏެއް ނުކުރާނެއެވެ. މަޖަލަކަށް ފަހަރަކު މީހަކާއި އިންނަމުން ނުދުވާނެއެވެ. ފޫހިފިލުވާލަން އެތައް ބަފަޔަކަށް ދަރިންނެއް ނުހޯދާނެއެވެ.
ކޮންމެ މީހެއްވެސް އެތައް އުއްމީދަކާއިއެކު ޖަހާލާ އެ ގޮށް މުހާލާނީ ވަރަށްވެސް ވިސްނާފައެވެ. އިތުރު ގޮތެއް ނެތުނީމައެވެ. އަދި ޙާއްޞަކޮށް ދަރިންނަށް ލިބިދާނެ ދެރައަކާއިމެދު ވެސް ވަރަށް ވިސްނާފައެވެ. ފުރަތަމަ ކައިވެނި ނާކާމިޔާބު ވުމަށްފަހު ދެވަނަ ކައިވެނި މަތީ އުފަލުގައި ނިމިގެންދަނީ ކިތައް ދެމަފިރިން ހެއްޔެވެ! ފުރަތަމަ، ދެވަނަ، ތިންވަނަ އަދި ހަތަރުވަނަ ކައިވެނި ނާކާމިޔާބު ވުމަށްފަހު ފަސްވަނަ ކައިވެނި މަތީގައި އުފަލުގައި އުޅެމުންދަނީ ކިތައް ދެމަފިރިން ހެއްޔެވެ!
މާދަން އެ އުޙްތާއަށް އޮތީ ކިހާ ބޮޑު ނިޢުމަތެއްކަން އެނގެނީ ކާކަށްހެއްޔެވެ؟ އަދި ތިބާއަށް މިންވަރު ކުރައްވާނީ ކޮންފަދަ ޙާލަތެއްކަން އެނގޭހެއްޔެވެ؟ މިކަން މިހެން އޮތްއިރު އެފަދަ އުޙްތެއް ފެންނައިރަށް ކިތައް މީހުންނާއި އިނދެފިންތޯ، ވަރިވީ ކީއްވެތޯ ނުބަލާށެވެ. އެއްވެސް މީހެއް އުފުލި، ނުވަތަ އުފުލަމުންދާ ތަކްލީފެއް އަނެކާއަށް އިޙްޞާސް ނުވެދާނެއެވެ. މާޔޫސް ވެފައިވާ އެ ހިތައް އިތުރު ހިތްދަތިކަމެއް ނުދޭށެވެ. ދިރިއުޅުމާއި މެދު ދެކެމުން އެ އަންނަ ކުޑަ ކުޑަ އުއްމީދުގެ އަލިކޮޅު ނިއްވާނުލާށެވެ.
--މިއަދުނޫހުގެ ކިޔުންތެރިއެއް