ތިމާ ބޭނުންވާ ކަންކަން ޙާޞިލުކުރެވުން އޮތީ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރި މިންވަރަކުންކަމަށް ޤަބޫލުނުކުރެވޭ މީހުން އަންނަނީ ގިނަވަމުންނެވެ. އެހެންވެ ވަޒީފާއެއް ލިބުން ލަސްވިޔަސް ގޯޅިއަޅައިގެން ގޮސް މަގު ކުރުކޮށްލަން ގިނަ ބައަކު މަސައްކަތްކުރެއެވެ. ޚާއްޞަކޮށް އަންހެނުންނެވެ. ޒުވާން އަންހެންކުދިންނެވެ. ނަޞޭޙަތުގެ ބަސްކޮޅެއް މިބުނަނީ އެކަމަށެވެ.
ވަޒީފާ ނުލިބި ލަސްވާނަމަ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން ގަދައަޅައި މަސައްކަތްކުރަން ބުނުމުން ބައެއް މީހުން ތަފާތު ކޮމެންޓްތައްކުރެއެވެ. އެހެންކަމުން އެހެން ބުނަންޖެހޭ ސަބަބު ކުޑަގޮތަކަށް ބުނެލަން މަސައްކަތްކުރާނަމެވެ.
ތިބާގެ ރަޙްމަތްތެރިޔާއަކީ އަމިއްލަ ކުންފުންޏެއް ހިންގާ މީހެކެވެ. ނުވަތަ އޭނާ ބޭނުން މީހަކަށް ވަޒީފާ ދިނުމުގެ ފުރުޞަތު ލިބިގެންހުރި މީހެކެވެ. އެފަދަ ރަޙްމަތްތެރިއެއްގެ ގާތުގައި ވަޒީފާއަކަށް އެދުމުން ތިބާއަށް ވަގުތުން ވަޒީފާ ނުދޭނެ ހެއްޔެވެ؟ ނުވަތަ ތިބާއަށް އެ ފުރުޞަތުތައް ލިބިފައިވަނިކޮށް ތިބާގެ ގާތް ރަޙްމަތްތެރިއައިސް ވަޒީފާއަކަށް އެދުމުން ވަޒީފާ ނުދޭނަން ހެއްޔެވެ؟ ސުވާލަކީ އެކަމަކު އެގޮތަށް ކަންކަން މެދުވެރިވޭހެއްޔެވެ؟ ނުވާނަމަ ނުވަނީ ކީއްވެގެން ހެއްޔެވެ؟
ﷲ ތަޢާލާއީ ކޮންމެކަމަކަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. އެކަލާނގެ މިންވަރު ކުރެއްވެވި ނިޢްމަތެއް ނޫނީ އެއްވެސް މީހަކަށް ލިބުމެއް ނެތެވެ. އެކަލާނގެ ކުރިމަތި ކުރެއްވެވި ކަމެއް މެނުވީ ކުރިމަތިވުމެއްވެސް ނެތެވެ. އެއީ ވަޒިފާއެއް ލިބުން ނަމަވެސްމެއެވެ. އަދި ވަޒީފާއެއް ގެއްލުންކަމުގައިވީނަމަވެސްމެއެވެ.
ވީމާ ކޮންމެ ކަމެއްވެސް ޙާޞިލުކުރަން އޮތް މަގަކީ ހަމަ ﷲ ތަޢާލާ އާއި ގުޅުން ބަދަހިކުރުމެވެ. އެކަމަށް އެދޭ މީހާއަށް އޮތީ ﷲ ތައާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރުމެވެ. ﷲ ތަޢާލާ އާއި ކުއްތަންވުމަށް މަސައްކަތްކުރުމެވެ. އެކަންކަން ޙާޞިލުކުރެވޭނީ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރިވަރަކުންނެވެ. ތަޤްވާވެރިކަން އިތުރުކުރިވަރަކުންނެވެ.
ވަޒީފާއަކީ ތިމާގެ ރިޒުޤާއި ގުޅިފައިވާ ކަމެކެވެ. ވީމާ ވަޒީފާ ނުލިބި ލަސްވާނަމަ އެއީ ލިބޭ ވަރަށް ދެރަ ނިކަމެތިކަމެކެވެ. ވަޒީފާ ލިބުން އަވަސްވުމަށް އަދި ރަނގަޅު ވަޒީފާއެއް ލިބުމަށް އެދޭމީހާ ކުރިން ބުނިމަގުން ކަންކަންކުރާށެވެ! ދުޢާކުރުން ގިނަކުރާށެވެ! ﷲ ތަޢާލާ އެމީހަކަށް ކަންކަން ހިންމަވައިދެއްވަވާނެތެވެ. އިން ޝާ ﷲ
--މުފްތީ މެންކުގެ ދަރުސަކުން