ތިރީގައި އެވަނީ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ފަތުވާއެކެވެ! އެކަންކޮށްފިނަމަ ސުވަރުގެ ލިބޭނެކަން ޔަޤީންކަމަށް ބުނެއެވެ. އަދި އެފަތުވާ ފަތުރަންވެސް ބާރުއަޅައެވެ. ފަތުވާގެ ކުރިންވެސް ބުނެލަމެވެ. މިއީ ޞައްޙަ ނޫންކަން ކަނޑައެޅިގެން އެނގެން އޮތް ފަތުވާއެކެވެ. އަމިއްލައަށް އުފައްދައިގެން އުޅޭ ނަމާދެކެވެ.
ފަތުރާ ދޮގު ފަތުވާ:
"ހުކުރު ދުވަހުގެ ޢަޞްރުނަމާދަށްފަހު ފުރަތަމަ ރަކްޢަތުގަ އަލްޙަމްދަށްފަހު ކުރުސި -- ފަހަރު އަދި ދެވަނަ ރަކްއަތުގަ އިޚްލާޞް -- ފަހަރު ކިޔައިގެން ސުންނަތް ނަމާދެއްކޮށްފިނަމަ އެމީހާ މަރުވުމުގެ ކުރިން އެމީހާއަށް ސުވަރުގެއިން ދެއްވަވާނެ ޖާގަ ހުވަފެނުގަ ދައްކަވާނެ ކަމަށް ހަދީޘްފުޅުން އެނގެން އެބައޮތެވެ."
ޢަދަދުތައް ކަނޑާލާފައި އެވަނީ މިދޮގު ފަތުވާއަށް މީގަކު ޢަމަލުކޮށްފާނެ ކަމުގެ ބިރަށެވެ.
މިއީ އެއްވެސް ބުރަދަނެއް ހުރި ފަތުވާއެއްތޯ؟ ސުވާލުކުރުމުން އިސްލާމީ މަރުކަޒުގެ އިސް އިމާމް، ޝައިޚް މުޙައްމަދު ލަޠީފް ވިދާޅުވީ މިއީ އެއްވެސް ޙުއްޖަތެއްގެ މައްޗަށް ބިނާކޮށްފައިވާ ވާހަކައެއް ނޫން ކަމަށެވެ. ޤުރްއާނާއި ސުންނަތުން ޘާބިތުވާން ނެތް ކަންކަން އެއީ ދީނުގެ ކަންކަން ކަމުގައި ބަލައިގަނެގެން ނުވާނެ ކަމަށެވެ. މުސްލިމުންނަށް އޮތީ މިފަދަ ދޮގު ފަތުވާތަކާއި ދުރުހެލިވެ ތިބުން ކަމަށެވެ.
ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފްވެސް ވިދާޅުވީ މިއީ ޞައްޙަ ފަތުވާއެއް ނޫން ކަމަށެވެ.
ވިސްނައިލާށެވެ! ޢަޞްރު ނަމާދަށްފަހު ކުރެވޭނެ ސުންނަތް ނަމާދުތަކަކީ ކުރުން ހުއްދަކަން ސުންނަތުން ޘާބިތުވާ ނަމާދުތަކެވެ. އެލިސްޓަށް އުނިއިތުރެއް ނުގެނެވޭނެއެވެ. ހަމައެއާއިއެކު މިފަތުވާގައި އެވަނީ އެމީހާ އަމިއްލައަށް އުފައްދާފައިވާ ނަމާދެކެވެ. ކުރަން އެބުނަނީ ކުރުން ހުއްދަވެސް ނޫން ވަޤުތެއްގައެވެ. މިހުރީ ހާދަ ބިރުވެރިކަން ބޮޑު ކަންކަމެވެ.
ވީމާ ސޯޝަލް މީޑިއާއިން ނުވަތަ އެނޫންވެސް ގޮތަކުން ފެންނަ އެމީހަކަށް އެއީ ތެދުކަން ޔަޤީންކަންކަމަށް ޢަމަލުނުކުރާށެވެ! ނުފަތުރާށެވެ! މިބާވަތުގެ ކަންކަން އަމިއްލައަށް އުފައްދައިގެން ސޯޝަލްމީޑިއާގައި ފަތުރާ އެއްސަބަބަކީ ގިނަ ލައިކް ހޯދައި މަޝްހޫރުވުމެވެ. މިހުންނަނީ ކުރާ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ފާފަތަކެވެ.
ގުޅުންހުރި ލިޔުމެއް: