އެއްވެސް މީހެއްގެ ޙައްޤަކަށް އަރއިގަތުމަކީ އިސްލާމް ދީނުގައި ވަރަށް ބޮޑަށް މަނާކުރައްވަވާފައިވާ ކަމެކެވެ. ޚާއްޞަކޮށް ޔަތީމް ކުދިންގެ ޙައްޤުތަކަށް އަރުގަތުމަކީ ފާފައިގެ ބޮޑުކަން އިތުރުވެގެންދާ ކަމެކެވެ. ނަމަވެސް އެކަންކަމަށް ނުވިސްނާ މީހުން މަދުކަމަކަށް ނުބުނެވޭނެއެވެ.
މީސްތަކުންނޭވެ! ޔަތީމުންގެ މުދަލަށް އަރައި ނުގަތުމަށާއި ޚިޔާނާތްތެރިނުވުމަށް ﷲ ތަޢާލާ ވަނީ ވަރަށް ގދަ އަމުރުފުޅަކުން އަމުރުފުޅު ކުރައްވަވައިފައެވެ. ޔަތީމްކުދިންގެ މުދަލަށް އަރައިގަނެ ކާނަމަ އެކެވެނީ ބަރަކައިގެ އަލިފާނެވެ. އެހެނަސް އެކަމަށް ބިރުވެތިވަނީ މަދު ބައެކެވެ.
ޔަތީމުންގެ މުދަލަށް ފައުޅުގައި އަރައިގަންނަ މީހުން ދަނީ ގިނަވަމުންނެވެ. އަނެއް ބައަކު ޤާނޫނުގައި ހުންނަ "ލޯވަޅުތައް" ބޭނުންކޮށްގެން އެކުންނަސް ލިބެންޖެހޭ ޙައްޤުތައް ދަމައިގަނެއެވެ. މިއީ ވަރަށް ބޮޑަށް ބިރުވެތިވާންޖެހިފައިވާ ކަމެކެވެ. އެހެންކަމުން މިކިޔައިދޭ 2 ވާހަކައަށް ވިސްނާށެވެ.
މީހަކު ނިޔާވީއެވެ. ނިޔާވުމުން އޭނާގެ އަޚަކު، ދަރިންގެ ބޮޑުބޭބެ، އެގެއަށް ގޮސް އަޚާގެ އަތުގައިހުރި ހުރިހާ ފައިސާއެއް ހިފައިގެން ދިއައީއެވެ. އޭނާގެ އަނބިމީހާ އާއި ދަރިން ރޮއި އާދޭސްކުރުމުންވެސް ނުދިނީއެވެ. ޢިލްމުވެރިންނަށް ޝަކުވާ ކުރުމުން ޢިލްމުވެރިން އެ ޔަތީމް ކުދިންގެ ޙައްޤު އަދާކުރުމަށް ވިދާޅުވުމުން އޭނާގެ އަތުގައި އެފައިސާ ނެތްކަމަށް ބުނެ ދޮގު ހެދީއެވެ.
އެކަން ހިނގި ދުވަހު ނޫން އަނެއް ދުވަހު މަގުމަތީގައި ދެމީހަކު ޒުވާބުކޮށް ތަޅާފޮޅައިގަތެވެ. އެކަކު ޖީބުން ފިސްތޯލައެއް ނަގައި އަނެކާގެ ގައަށް އަމާޒުކޮށް ވަޒަނެއް ފޮނުވައިލިއެވެ. އެވަޒަން އޭނާގެ ގައަކަށް އަމާޒެއް ނުވިއެވެ. މަގުމަތީގައި އެމަންޒަރު ބަލަން ތިބި އެތައް ބައެއްގެ ގައިންވެސް ނެއްޓި ވަޒަން ގޮސް އެރީ ފިހާރައެއްގެ ކުޑަދޮރަކުން މަންޒަރުބަލަންހުރި މީހެއްގެ ގައަށެވެ. އޭނާގެގައަށް ވަޒަން އެރުމުން އޭނާ މަރެއް ނުވެއެވެ. މުޅި ހަށިގަނޑު ވާގިނެތުނީއެވެ.
ވަޒަން މިއެރީ ކާކުގެ ގައަށްކަން އެނގޭހެއްޔެވެ؟ ކުރިން ބުނި އެ ޔަތީމް ކުދިންކޮޅުގެ ފައިސާކޮޅު ޖަހައިގަނެގެން ގެންދިއަ ބޮޑުބޭބެގެ ގެއަށެވެ. އޭނާއަށް މިދުނިޔޭގައިވެސް އެކަމުގެ ޢުޤޫބާތް ދެއްވެވީއެވެ. އަދި އާޚިރަތް ދުވަހުގެ ކަންތައްތައް ކުރިއަށް އޮތީއެވެ. އެދުވަހު ކަންކަން ނިންމަވާނެ ގޮތް މޮޅަށް ދެނެވޮޑިގެންވަނީ ހަމަ ﷲ ތަޢާލާއެވެ.
ހިނގާފައިވާ މިފަދަ އިތުރު ކަމެއްގެ ވާހަކަ ވެސް ކިޔައިދޭނަމެވެ.
އެއީ ތަނަވަސް މީހެކެވެ. މަރުވި އިރު އޭނާގެ ތަނަވަސްކަމުގައި މިލިއަނުން ފައިސާ ހުއްޓެވެ. މަރުވިއިރު އޭނާގެ ތަސައްރަފް ނުފުދޭ ކުޑަ ދަރިއަކު ހުއްޓެވެ. އޭނާގެ އަޚަކު އެހުރިހާ ފައިސާތައް ހިފައިގެން ޤައުމު ދޫކޮށް ހުޅަނގުގެ ޤައުމަކަށް ހިޖުރަކުރީއެވެ.
އެޤައުމުން ބިން ގަނެ، ވިޔަފާރިކޮށްތަނަވަސްވެ ބޮޑު މިލިއަނަރަކަށްވީއެވެ. ކައިވެނިކޮށް ދަރިން ލިބި ޢާއިލާއެކުގައި ފައިސާގެ މަތީގައި އުދުހުނީއެވެ. އެހެން އުޅެމުން ގޮސް 15 އަހަރުވީއިރު ތަނަވަސްކަން ވަނީ އެތައް ގުނައަކަށް އިތުރުވެފައެވެ.
15 އަހަރުވީފަހުން ޢާއިލާ އާއިއެކު ޗުއްޓީއެއް ހޭދަކޮށްލަން އަނބިދަރިން ގޮވައިގެން އޭނާގެ ޤައުމަށް ދިއައެވެ. ޗުއްޓީ ހޭދަކުރަން އުޅުމުގެ ތެރޭގައި ދަތުރެއްކުރަނިކޮށް ކާރު އެކްސިޑެންޓްވެ ޢާއިލާ އެކުގައި މަރުވީއެވެ. އޭނާ މަރުވުމުން އޭނާގެ ހުރިހާ ތަނަވަސްކަން ވާރުތަކުރީ އޭނާގެ އަޚާގެ ދަރިފުޅަށެވެ. ކުރިން ކުޑަކުއްޖެއްގެ ގޮތުގައި ހުރި އެ ޔަތީމްކުއްޖާއަށެވެ.
ނިކަން ވިސްނައިލަބަލާށެވެ. އޭނާގެ ބައްޕަ އޭނާއަށްޓަކައި ދޫކޮށްފައި ދިއަ ތަނަވަސްކަން އެތައް ގުނައަކަށް އިތުރުވެ، އޭނާ ބޮޑުވިފަހުން އަނބުރައި އޭނާއަށް ދެއްވެވީއެވެ.
މިހިރަ ކަންކަމަކީ ވިސްނައިލަންޖެހޭނެ ކަންކަމެވެ. އެކުއްޖާގެ ޙައްޤުތައް އަތުލައިގަނެގެން ތަނަވަސްކަން ހޯދި މީހާއަށްވެސް ޤިޔާމަތް ދުވަހު އެކަމާއި ކުރިމަތިލާން ޖެހޭނެއެވެ. ނިންމަވާނެ ގޮތެއް ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ.
އަހުރެންގެ އިލްތިމާސަކީ ޔަތީމް ކުއްޖެއްގެ މުދަލަށް ހަމަ އެކަކުވެސް އަރައިނުގަންނާށެވެ. ވާރުތަވެރިންނަށް އޮތީ އެކުދިންގެ ޙައްޤުތައް ޙިމާޔަތްކޮށް ބަލަހައްޓައިދީގެން އެކަމުން ޘަވާބު ހޯދަން މަސައްކަތްކުރުމެވެ. ޔަތީމްކުއްޖެއްގެ މުދައި ރައްކައުތެރިކޮށް ބަލަހައްޓަން ފުރުޞަތެއް ލިބިއްޖެނަމަ އެކަމުގެ ސަބަބުން ސުވަރުގެ ޙާޞިލްކުރަން މަސައްކަތްކުރުމެވެ.
- ޝައިޚް މުޙައްމަދު އަލްނަޤްވީގެ ދަރުސަކުން