އަހުރެން ބުނާނީ މިއީ ޤުރްއާނުން ފެންނަން އޮތް އެންމެ މަތިވެރި ދުޢާ ކަމަށެވެ. މިދުޢާއަކީ ހުރިހާ މުސްލިމުންނަށްވެސް ވަރަށް ރަނގަޅަށް އެނގޭ ދުޢާއެކެވެ. އަދި އެންމެ ގިނައިން ދުޢާވެސްވެއެވެ.
މައްސަލައަކީ މިމަތިވެރި ކޮންމެ ދުވަހަކު އެތައް ފަހަރަކު ކުރާއިރުވެސް ދޭންޖެހޭ ސަމާލުކަން ދީގެން ދުޢާ ނުކުރެވޭ ކަމެވެ. އެދުޢާއަކީ:
﴿6﴾ اهْدِنَا الصِّرَاطَ الْمُسْتَقِيمَ
"އަޅަމެންނަށް، ސީދާވެގެންވާ ތެދުމަގަށް މަގު ދައްކަވާނދޭވެ!"
މިދުޢާ ޢިޖާބަ ކުރައްވަވައިފިނަމަ އެމީހަކަށް އެއޮތީ ދުނިޔެއާއި އާޚިރަތް އެކުގައި ކާމިޔާބުކުރެވިފައެވެ. ވީމާ ނަމާދުގައި ކިޔާއިރުވެސް އަދި ޤުރްއާން ކިޔަވާއިރުވެސް އެކަމަށް ސަމާލުކަންދީ މާނަވެސް ހިތަށް ގެނެސްގެން ދުޢާކުރަމުން ގެންދާށެވެ!
ލޮބުވެތި އެކުވެރިންނޭވެ! ސީދާވެގެންވާ ތެދުމަގު ލިބުމުގެ މާނައިގައި އެމަގުގައި ޘާބިތުވެ ހުރެވުންވެސް ހިމެނެއެވެ. ވީމާ ސީދާވެގެންވާ ތެދުމަގު ލިބިއްޖެ މީހަކަށް އެވަނީ ސުވަރުގެ ލިބިފައެވެ. އިތުރަށް ބޭނުންވާނެ ކަމެއް ނެތެވެ.
- ޝައިޚް މުޙައްމަދު ބާޖައުރުގެ ދަރުސަކުން