ދެމަރިން ބޭނުންވެގެން ނުވަތަ އެކަކު ބޭނުންވެގެން ކައިވެނި ރޫޅައިލަން ޖެހުނަސް ލިބިފައިވާ ދަރިންގެ ކަންކަން ޙައްލުކުރުމުގަ ދެމަފިރިންވެސް ވިސްނަން ޖެހޭނެ ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 10ސ
ދެމަރިން ބޭނުންވެގެން ނުވަތަ އެކަކު ބޭނުންވެގެން ކައިވެނި ރޫޅައިލަން ޖެހުނަސް ލިބިފައިވާ ދަރިންގެ ކަންކަން ޙައްލުކުރުމުގަ ދެމަފިރިންވެސް ވިސްނަން ޖެހޭނެ ބައެއް ކަންކަން-

ގިނަ ކައިވެނިތައް ރޫޅެނީ ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތަކުން ކަމަށްވެދާނެއެވެ. ނަމަވެސް ދެމީހުން މަޝްވަރާކޮށްފައި ދެމީހުންގެ ފައިދާއަށްވެސް ބައެއް ކައިވެނި ރޫޅައިލައެވެ. އަދި އަނބިމީހާ ވަރިކުރުމަށްފަހު ގިނަ ފިރިހެނުންނަކީ ދަރިންނަށް އަޅައިނުލާ އަދި ޚަރަދުނުކުރާ ބައަކަށްވެދާނެއެވެ. ނަމަވެސް ވަރިކުރުމަށްފަހު ދަރިންގެ ކަންކަން ވަރަށް ގާތުން ބަލައި ޚަރަދުކުރާ ފިރިހެނުންވެސް ތިބެއެވެ. 

މިރޭ ބަހެއް މިބުނަނީ މިބަޔާންކުރި، މަދު ބައްޕައިންނާއިމެދުގައެވެ. ބައްޕަ ވަރަށް ރަނގަޅަށް ކަންކަން ކޮށްދީ ދަރިފުޅު ބޮޑުކުރާފަހުން ދަރިފުޅު ބައްޕަ އާއި ބައްދަލުކުރަން މަންމައަށް ނުރުހެވޭތަން އެބައައުދެއެވެ. ދަރިފުޅު ބެލީ ބައްޕަކަމަށްވީނަމަ މަންމަ އާއި ބައްދަލުކުރަން ނުރުހެވޭތަންވެސް އެބައައުދެއެވެ. 

ދަރިފުޅަށް އެބަ ބުނެވެއެވެ. "މިހާރު ބޮޑުވީމާ އަހުރެންނަށްވުރެ މަންމަ ނުވަތަ ބައްޕަ ދެކެ މާބޮޑަށް އެބަލޯބިވެއެވެ. އަހުރެންނަށްވުރެ މާބޮޑަށް އެބަ ސަމާލުކަން ދެއެވެ. މާބޮޑަށް ދެކެން އެބަ ބޭނުންވެއެވެ." މިފަދަ ބަސްތައް ބުނެ ދަރިފުޅު މަންމަ އާއި ނުވަތަ ބައްޕަ އާއި ބައްދަލުކުރަން އެބަ ހުރަސް އަޅައެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިފަދަ ޚިޔާލެއް ކުރެވުނަސް ޝައިޠޯނާއަށް ބިރުވެތިވާށެވެ! އެހުންނަނީ ހަމަ ޝައިޠޯނާގެ ވަސްވާސްތަކެވެ. ދަރިފުޅު ބޮޑުވެގެން ގެންގުޅެ ބޮޑުކުރި މަންމަ ނުވަތަ ބައްޕައާއި އެކުގައި އުޅުމަށްވުރެ އަނެކާ އާއިއެކުގައި އުޅުން ރަނގަޅުކަން ވިސްނި އެބަދަލަށް ބޭނުންވި ނަމަވެސް އެކަމަށްވެސް ހުރަސް ނުއަޅާށެވެ! ދަރިފުޅު ބޭނުންވާ ގޮތަކަށް ފުރުޞަތުދޭށެވެ. 

މިބުނި ފަދަ ބަދަލަކަށް ގިނަ ދަރިން ބޭނުމެއް ނުވާނެއެވެ. ބޭނުންވާނީ ވަރަށް މަދު ކުއްޖެކެވެ. ބޭނުންވެއްޖެނަމަ އެކަމުގައި ސަބަބެއް އޮންނާނެއެވެ. ވީމާ އެފަދަ ޙާލަތުގައި ފައިދާ ބޮޑުވާނީ ދަރިފުޅު އެދޭ ގޮތަށް ފުރުޞަތު ދިނިއްޔާއެވެ. އެއިރުން ދަރިފުޅުގެ ހިތުގައި މަންމަ ނުވަތަ ބައްޕަ އާއިމެދު މާބޮޑަށް ލޯބި އުފެދޭނެއެވެ. އިން ޝާ ﷲ 

ނިންމާލަމުން އަދި އެއްވާހަކަ ބުނެލާނަމެވެ. ކީރިތި ޤުރްއާނުގެ މާނައާއި ތަފްސީރު ވިސްނައިގެން ކިޔާށެވެ! ޢާއިލީ ގުޅުން ކެނޑުމާއި ކެނޑުވުމަކީ ކަނޑިއެއް ހިފައިގެން ނުކުމެ މީހުން މެރުމަށްވުރެވެސް ނުބައިކަން ބޮޑު ކަމެއްކަން ވިސްނޭނެއެވެ! ވީމާ ދަރިންގެ މައްސަލައިގައިވެސް އަދި ޢާއިލާގެ އެހެން އެންމެންގެ މައްސަލަތަކުގައިވެސް ޢާއިލީ ގުޅުން ކެނޑިގެން ހިނގައިދާނެ އެއްވެސް ކަމެއް ނުކުރާށެވެ! ޙަޤީޤީ މަންފާއެއް ކުރާނީ ކީރިތި ޤުރްއާނަށް ޢަމަލުކުރިވަރަކުންކަން ޔަޤީންކުރާށެވެ! 

ބައެއް ޙާލަތްތަކުގައި ތިމާއަށް ގެއްލުންވާ ކަމަށްވެސް ވިސްނިދާނެއެވެ. އެފަދަ ވަޤުތުތަކުގައިވެސް ޢާއިލީ ގުޅުމަށް އިސްކަންދޭށެވެ! އެއިރުން ލައްވަވާ ރަޙްމަތް މާބޮޑުވާނެއެވެ! އިން ޝާ ﷲ

 

- ޑރ. ނޫމާން ޢަލީޚާންގެ ދަރުސަކުން 

 

މިއަދު އޮންލައިން