ކައިވެނި ކުރެވުން ލަސްވާ މީހުންނަށް އެމީހުންގެ ހިތްދަތިވާނެ ބަސްބުނެ ނިކަމެތި ކުރުމަކީ ދެވޭނެ އެންމެ ބޮޑު އަނިޔާ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 3މ 17ސ
ކައިވެނި ކުރެވުން ލަސްވާ މީހުންނަށް އެމީހުންގެ ހިތްދަތިވާނެ ބަސްބުނެ ނިކަމެތި ކުރުމަކީ ދެވޭނެ އެންމެ ބޮޑު އަނިޔާ!

އަޅުގަނޑުގެ އެކުވެރިންގެ ތެރެއިން އެކަކަށް މިހާރު 40 އަހަރު ފުރިއްޖެއެވެ. އަދިވެސް އޭނާ ކައިވެންޏެއް ނުކުރެއެވެ. އެހެންވެ ބައެއް މީހުން އޭނާއާއިމެދު އެކި ގޮތްގޮތަށް ވާހަކަދައްކައެވެ. ހިތުގަ ޖެހޭނެފަދަ ބަސްތައްވެސް ބުނެއެވެ. ތިއަ ހުންނަނީ ކައިވެނިކުރާނެ ފިރިހެނަކު ނުލިބިފައިކަމަށްވެސް ބުނެއެވެ. މިއީ ކޮންކަހަލަ ކަމެއްތޯ؟ 

ކިޔުންތެރިޔާގެ ސުވާލަށް ބުނެލަން އޮތީ ކައިވެނި ކުރެވުން ލަސްވާ މީހުންނަށް އެމީހުންގެ ހިތްދަތިވާނެ ބަސްބުނެ ނިކަމެތި ކުރުމަކީ ދެވޭނެ އެންމެ ބޮޑު އަނިޔާއެވެ. އޭނާއަށް މީހުން ލިބުނަސް ކައިވެނިނުކޮށް އިނުމުގެ ޙައްޤުވެސް އޭނާއަށް ލިބިގެންވެއެވެ. ފާފައަކަށް އަރައި ނުގަނެ އޭނާ ކެތްތެރިވާނަމަ އޭނާއާއިމެދު ބުނާނެ އެއްޗެއް އޮވެގެން ނުވާނެއެވެ. 

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!  

އަޅުގަނޑުމެން މުޖްތަމަޢުގައި، ވަކި ޢުމުރަކާއި ހަމަޔަށްދާއިރު ކައިވެނި ނުކޮށް ހުރެފިނަމަ، އަންހެނެއްގެ ހައިސިއްޔަތުން ތިބާގެ ނަފްސާމެދު ސުވާލުއުފައްދައެވެ. އަދި އެއީ ތިބާއަށް ލިބިފައިވާ ބޮޑު ނާކާމިޔާބީއެއްގެގޮތުގައި ތިބާއަށް އިހްސާސްކޮށްދެއެވެ. ކައިވެނި ކުރުމަކީ އިސްލާމްދީނުގައިވާ ސުންނަތެކެވެ. އަދި ދީނުގައި ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވާކަމެއްވެސްމެއެވެ. 

އެހެންނަމަވެސް ވަކި ޢުމުރަކާއި ހަމަޔަށްދާއިރު އެކަން ފުރިހަމަނުކޮށްފިނަމަ އެއީ ތިބާ އެކަމަކާމެދު ލަދުގަންނަންޖެހޭކަމެއްގެ ގޮތުގައި ދެކެނީ ކީއްވެހެއްޔެވެ؟ ވަކި ޢުމުރަކާއި ހަމައަށްދާއިރު ކައިވެނީގެގޮތުން ގުޅޭނެ ރަނގަޅު މީހެއް ނެތުމަކީ ކަންބޮނޑުވާ ކަމެކެވެ. އެހެންނަމަވެސް އޭގެ ސަބަބުން ތިބާއަކީ ބަދުނަސީބު މީހަކަށްވެ، ތިބާގެ ދަރަޖަވެއްޓޭނެހެއްޔެވެ ؟ 

ލޮބުވެތި އުޚްތުންނޭވެ. އަޅުގަނޑުމެން  ދުނިޔެއަށް ފޮނުއްވުނު މައިގަނޑު ސަބަބު ހަނދާންނައްތާނުލާށެވެ. ﷲ އަށް ކުށްތަންވުމަށެވެ. ލަހުން ކައިވެނި ކުރުމުގެ ސަބަބުން ﷲގެ ޙަޟްރަތުގައި ތިބާއަކީ ނާކާމިޔާބު މީހެއްގެ ގޮތުގައެއްނުވާނެއެވެ. 

އަޅުގަނޑު މިލިޔުމުގައި މިބާރުއަޅަނީ ކައިވެންޏެއް ނުކޮށް ހުރުމަކަށް ނޫނެވެ. އެހެންނަމަވެސް ވަކި ހިސާބަކަށްދާއިރު ޙަޔާތުގެ ބައިވެރިއެއް ނުލިބި ނުވަތަ ޒަވާޖީ ހަޔާތެއް ނުފަށާ ހުރުމަކީ ލަދުވެތިކަމެއްގެގޮތުގައި ދެކެނީ ކީއްވެހެއްޔެވެ ؟ 

އަޅުގަނޑުމެން ޢިބުރަތް ލިބިގަންނަންވީ އަންހެން ސަޙާބީންގެ އަރިހުންނެވެ. ކީރިތި ޤުރުޢާނުގައި ސީދާ އެބޭކަނބަލެއްގެ ނަންފުޅު ލިޔުއްވާފައިވާ، އަދި އެކަމަނާގެ ނަންފުޅުގައި ސޫރަތެއް ބާވައިލެއްވެވި ބޭކަނބަލަކީ މަރިޔަމްގެފާނެވެ. އެކަމަނާ ކައިވެނިފުޅު ބައްލަވައެއްނުގަންނަވައެވެ. އެހެންނަމަވެސް، މުޢުޖިޒާތެއްގެގޮތުން ﷲ ޞުބުޙާނަހޫ ވަޠަޢާލާ އެކަމަނާއަށް ޢީސާ ޢަލައިހިއްސަލާމްދެއްވިއެވެ. 

އަދިވެސް އެއްފަހަރު ތަކުރާރުކޮށްލާނަމެވެ. އެކަމަނާ އެއްވެސް ކައިވެނިފުޅެއް ނުކުރައްވަވައެވެ. ނަމަވެސް އެކަމަނާ ވެގެންދިޔައީ އިސްލާމްދީނުގައި އެންމެ މަތީ ދަރަޖަ ލިބިވަޑައިގެންވާ ބޭކަނބަލުންގެތެރޭގައެވެ. ކީރިތި ޤުރުޢާނުގައި އެކަމަނާގެ ނަމުން ނަން ދެވުނު ސޫރަތެއްވެސް ބާވާލެއްވިފައިވުމަކީ އެކަމުގެ ދަލީލަކަށް ފުދޭ ނޫންތޯއެވެ؟ 

އެހެންކަމުން، ލޮބުވެތި އުޚްތުން، މުޖުތަމަޢުދެކޭގޮތް އެއްފަރާތްކޮށްލުމަށްފަހު، ޒަވާޖީ ޙަޔާތެއްފެށުން ލަސްވެއްޖެނަމަ ނުވަތަ ރަނގަޅު ބައިވެރިއަކު ނުފެނިއްޖެނަމަ، އެކަމާމެދު ހިތާމަކުރުމުގެ ބަދަލުގައި ތިބާއަށް މިހާރު ލިބިފައިވާ ނިޢުމަތްތަކަށް ޝުކުރުވެރިވުން ތިބާއަށް މާ ހެޔޮކަންބޮޑެއްނޫންހެއްޔެވެ؟ 

އެހެންކަމުން، ﷲ ސުބުޙާނަހޫ ވަޠަޢާލާ ތިޔަބައިމީހުންނަށް އެ ނީޢުމަތް ދެއްވަންދެން ކެތްތެރިކަމާއިއެކު އެކަލާނގެއަށް ކުށްތަންވުމުގައި ދެމިހުންނާށެވެ. އެގޮތުން، ގިނަގިނައިން ﷲ ހަނދުމަކޮށް ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުތައް ޤާއިމްކުރާށެވެ. އަދި ޤުރުޢާން ކިޔެވުމުން ހިތްހަމަޖެހުން ލިބިގަނެ ފާފަފުއްސެވުން އެދި ދުޢާކުރުން އިތުރުކުރާށެވެ. ހަމައެއާއެކު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތް އުނގެނި އެއިން ޢިބުރަތްލިބިގަންނާށެވެ. 

سورة الطّلاق ގެ 3ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. " އަދި ހީވެސްނުކުރާފަދަ ގޮތްގޮތުން އެކަލާނގެ އޭނާއަށް ރިޒްޤު ދެއްވާނެތެވެ. އަދި ﷲއަށް ވަކީލުކުރާމީހުން ދަންނާށެވެ! ފަހެ، އޭނާއަށް އެކަލާނގެ ފުދެއެވެ. ހަމަކަށަވަރުން، ﷲއީ އެކަލާނގެ ޢަމުރުފުޅުހިންގަވައި، ފުރިހަމަކުރައްވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، ﷲ ކޮންމެ އެއްޗަކަށް މިންވަރެއް ކަނޑައަޅުއްވާފައިވެއެވެ."

މިއަދު އޮންލައިން