ދެމަފިރިން އަތުގުޅާލައިގެން ބާރު ސްޕީޑްގައި ގޮސް ސުވަރުގެ ވަންނަން ބޭނުންވާ މީހުންނަށް އޮތް ފަހި މަގެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 50ސ
ދެމަފިރިން އަތުގުޅާލައިގެން ބާރު ސްޕީޑްގައި ގޮސް ސުވަރުގެ ވަންނަން ބޭނުންވާ މީހުންނަށް އޮތް ފަހި މަގެއް!

ކީރިތި ޤުރްއާނަކީ ހަމައެކަނި އެއިގެ ދެލިގަނޑު ކިޔާލާފައި ހުއްޓާލަން އޮތް ފޮތެއް ނޫންކަމަށް ބުނެވެނީ ބައިވަރު ސަބަބުތައް ހުރުމުންނެވެ. އެއިގެ ތެރޭގައި ޢާންމު ދިރިއުޅުމާއި ބެހޭ ކަންކަންވެސް އަދި އެނޫންކަންކަންވެސް ހިމެނިގެންވެއެވެ. 

އެގޮތުން އަހަރެމެންނަށް ބޭނުންވާ ހުރިހާ ނިޢްމަތްތައް ލިބިގަތުމަށް ކުރަންވީ ކަންކަން ކީރިތި ޤުރްއާނުން ވަރަށް ސާފުކޮށް އެނގެން އެބައޮތެވެ. އެއިގެ ތެރެއިން މިރޭ މިބަލައިލަނީ އެންމެ ޔަޤީން އެއްކަންތަކަށެވެ. 

اِنَّ اللّٰهَ يُحِبُّ الْمُقْسِطِيْنَ

"---ހަމަކަށަވަރުން ޢަދުލަށް ޙުކުމްކުރާ މީހުންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ." (އަލްމާއިދާ: 42) 

ކީރިތި ޤުރްއާނުގައި ﷲ ތަޢާލާ މިމޭރުމުން 3 ފަހަރު ވަޙީކުރައްވަވާފައިވެއެވެ. 

މިއާޔަތުގެ މާނައަށް ބަލައި މިއީ ހަމައެކަނި ކޯޓުތަކުގައި ޙުކުމްކުރަންތިބޭ ފަނޑިޔާރުންގެވާހަކަ ކަމުގައި ހީކޮށްފާނެއެވެ. ނަމަވެސް އެއީ އެހައި ހަނި މާނައެއްގައި އޮތް ބަސްފުޅެއް ނޫނެވެ. އެބަސްފުޅުގެ މާނައިގައި ކޮންމެ މީހަކުވެސް ނިންމާ ނިންމުންތައް ހިމެނެއެވެ. ކުރާ ކޮންމެ ކަމެއްގައިވެސް ޢަދުލުވެރިވުން ހިމެނެއެވެ. އިންޞާފުން ބޭރުން އެއްވެސް ކަމެއް ނުކުރުންވެސް ހިމެނިގެންވެއެވެ. އަދި އެއިގެތެރޭގައި ދެމަފިރިންގެ މެދުގައި ކުރެވޭ މުޢާމަލާތްތައްވެސް ހިމެނެއެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ކޮންމެ ދެމަފިރިއަކުވެސް މިއާޔަތަށް ޢަމަލުކުރާށެވެ! ދެމަފިރިންކަމުގައިވުމުން ބޭނުންހައި ގޮތަކަށް ކަންކަން ނިންމިދާނެކަމަށް ހީވެސްނުކުރާށެވެ! އެއީ އެއްވެސް ކަމެއްގައި އެއްވެސް މީހަކަށް ﷲ ތަޢާލާ ދެއްވަވާފައިވާ ފުރުޞަތެއް ނޫނެވެ. 

ބައެއްފަހަރު ފިރިމީހާ ދޫދޭނަމަ ނުވަތަ އަނބިމީހާ ދޫދޭނަމަ އިންޞާފުން ބޭރުން އެބަ ކަންކަން ނިންމައެވެ. އަނެކާ ދޫދިނުމަކީބޭއިންޞާފުން ކަންކަން ކުރަންވީ ސަބަބެއް ނޫނެވެ. އަނެކާ ދޫދޭނަމަ އެކަމުން އަންގައިދެނީ އޭނާގެ ރަނގަޅުކަމެވެ. ދެމަފިރިން އެކުގައި ދިރިއުޅެން ބޭނުންވާ މިންވަރެވެ. ވީމާ އެފަދަ މީހަކާއިމެދު ބޭއިންޞާފުން އެއްވެސް ކަމެއް ކުރުމަކީ އެކަންކުރާ މީހާގެ އަނިޔާވެރިކަން ފިޔަވައި އެހެން އެއްވެސް ކަމެއް ނޫނެވެ. އަނިޔާވެރިން ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެނެއް ނުވެއެވެ. 

ދެމަފިރިންގެ ކަންކަމުގައިވެސް ޢަދުލުވެރިކަމާއިއެކު މުޢާމަލާތުކޮށް އިންޞާފުން ކަންކަންކުރާނަމަ އެއާޔަތުގައި އެވާފަދައިން ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން އެބައަކަށް ލިބިގެންދާނެއެވެ. ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބުމުން ދިރިއުޅުމަށް އުފާވެރިކަން ލިބިގެންދާނެއެވެ. ތަނަވަސްކަންވެސް ލިބޭނެއެވެ! އަނެކާދެކެ އިންތިހާއަށް ލޯބިވެސްވެވޭނެއެވެ. ދެމަފިރިންގެ މެދުގައި މައްސަލައެއް ޖެހިދާނެ އެއްވެސް ކަމެއް ކުރަން ބޭ ނުމެއްވެސް ނުވާނެއެވެ! އިން ޝާ ﷲ 

މީގެ އިތުރުން ދެމަފިރިއަކަށް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބިއްޖެނަމަ އަދި އެމީހުން ބޭނުންނަމަ އެދެމީހުންނަށް އެކުގައި ސުވަރުގޭގައި ވެސް ތިބެވޭނެތެވެ! އިން ޝާ ﷲ. މިއަށްވުރެ ބޮޑު އުފަލަކީ ކޮބައިހެއްޔެވެ؟ ވީމާ ދެމަފިރިންނަށް ބޭނުންވާ ހުރިހާ އުފާވެރިކަމެއް ލިބިގަތުމަށްޓަކައިވެސް ކުރާ ކޮންމެ ކަމެއް ޢަދުލަށްކުރާށެވެ! ބޭއިންޞާފުން އެއްވެސް ކަމެއް ނުކުރާށެވެ! އެކަމަށް ﷲ ތަޢާލާ ދެއްވަވާ އެންމެ މަތިވެރި ނިޢްމަތް ދެއްވެވުން އެދި ދުޢާކުރަމުން ގެންދާށެވެ! ހިންމަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ 

މިރޭ މިދެއްކީ ދެމަފިރިންގެ ވާހަކައެވެ. މިއާޔަތުގައި މިވަނީ ހަމައެކަނި ދެމަފިރިންގެ ވާހަކައެއް ނޫނެވެ. ތިމާ ކުރާ ކޮންމެ ކަމެއްގައި ވެސް ޢަދުލުވެރިކަމާއިއެކު ކަންކަން ނިންމާ ކޮންމެ މީހަކަށް ވެސް މިރަޙްމަތް ޙައްޤުވާނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން