އެއީ ޕާކިސްތާނުގެ ކަރާޗީގެ އެންމެ ބާރުބޮޑު އެއް ސަރަޙައްދެވެ. ތަނަވަސްކަމަށް މަޝްހޫރު އަންހެނަކު ކާރުން ފައިބައި ހިނގައިގަތްތަނާ މަގުގެ އެއްކައިރީގައި ހުރި ފަޤީރު ޒުވާނަކު ފެނުމުން ދުވެފައި ގޮސް އޭނާގެ ގައިގައި ބައްދައި އޮޅުލައި ގަތެވެ. އޭނާގެ ސެކިޔުރިޓީންނާއި މުވައްޒިފުންވެސް ތިބީ ކަންބޮޑުވެފައެވެ.
ސުވާލުކުރިއެވެ. "އަހުރެން އެނގިއްޖެ ހެއްޔެވެ؟" ހަނދާން ނެތްކަމަށް ބުނުމުން ކިޔައިދިނެވެ. "އަހުރެންނަކީވެސް މީގެ އަހަރުތަކެއް ކުރިން ތިއަ ގޮތަށް މަގުމަތީގައި ހުއްޓި ހުރި އަންހެނަކީމެވެ. ކާނެ އެއްޗަކަށް ސަލާންޖަހަމުން ހިނގި އަންހެނަކީމެވެ. ކާނެ އެއްޗެއް ގަންނާނެ އެންމެ ރުޕީސްއެއްވެސް ނެތިގެން ނުކައި ބަނޑަށް ބަނޑަށް ހުރެ ސަލާންޖެހުމުން އެދުވަހު ކަލޭގެ އަތުގައި އޮތް 1000 ރުޕީސް ދީފައި ބުނި ހަނދާންވޭހެއްޔެވެ؟ ކާށެވެ! ބާކީ ފައިސާއިން ކޮންމެވެސް މަސައްކަތެއް ކުރަން ފަށާށެވެ! އިން ޝާ ﷲ ތިއައީ ސަލާންޖަހަމުން ހިނގަންޖެހޭނެ އަންހެނެއް ނޫނެވެ. މިއީ އެއަންހެނާއެވެ.
އަހުރެން މިސަރަޙައްދަށް މިއައީ ބައްދަލުވުމަކަށެވެ. ބައްދަލުވުން ނިމެންދެން އަހުރެމެންނާއިއެކު މަޑުކުރަން އަންނާށެވެ! އިތުރަށް ވާހަކަ ދައްކާނީ އެއިގެ ފަހުންނެވެ. މިހާރު ގަޑީ ޖެހެނީއެވެ."
ބައްދަލުވުން ނިމިގެން އޮފީހަށް އެނބުރި ދިއައީ ޒުވާނާ ގޮވައިގެންނެވެ. އޭނާގެ ޙާލަތު އޮޅުންފިލުވުމުން އޭނާ ކުރަމުން އައި މަސައްކަތް ބަނގުރޫޓުވުމުން ދިރިއުޅެނީ ވަރަށް ދަތިޙާލުގައިކަމާއި އަދި ހުރީ ކައިވެނިނުކޮށްކަން އެނގުމުން ބުންޏެވެ. "އަހުރެންނަށް ހިތްވަރެއް ލިބި މަސައްކަތެއް ކުރަން ފެށުނީ އެދުވަހު ކަލޭ ދިން 1000 ރުޕީސްގެ ބާރުގައެވެ. އެއީ ދިގުވާހަކައެކެވެ. އެވާހަކަ އިހަށް ބާއްވާށެވެ. މިހާރު ސުވާލުކޮށްލަން ބޭނުންވަނީ އަހުރެންނާއިއެކު ގެއަށް ގޮސްލައިފާނަން ހެއްޔެވެ؟"
ޒުވާނާ އެއްބަސްވުމުން ގެއަށް ދިއައީ ޒުވާނާއަށް ފޭރާން ގަނެގެންނެވެ. ގެއަށް ދެވުމުން ކޮޓަރިއެއް ދައްކައި އެކޮޓަރިއަށް ވަދެ ފެންވަރައިގެން ނުކުންނަން ބުންޏެވެ. ޒުވާނާ އެގޮތަށް ކަންތައް ކުރުމުން ދެމީހުން އެކުގައި ކައިނިމިގެން ބުންޏެވެ. އަހުރެންނަށް ލިބިފައިވާ ތަނަވަސްކަމުގެ އަޞްލަކީ ކަލެއެވެ. ވީމާ ބޭނުންވަނީ ފައިސާކޮޅެއް ދީފައި ފޮނުވައިލާކަށް ނޫނެވެ. ކައިވެނިކުރާށެވެ! އަހުރެން ކައިވެނި ނުކޮށް މިހުރީ ކަލެއާއި ބައްދަލުވާނެ ދުވަހެއްގެ އުންމީދުގައެވެ."
އޭނާގެ ހުށަހެޅުން ޒުވާނާ ޤަބޫލުކުރިއެވެ. ދެމީހުންގެ ކައިވެނިކުރެވުނެވެ. ރަނަކީ ޒުވާނާގެ އަތުގައި އެވަޤުތު ހުރި ހުރިހާ ފައިސާއެވެ. އެއީ 10 ރުޕީސްއެވެ.
ވިސްނާށެވެ! ޞަދަޤާތްކުރާ ކޮންމެ މީހަކަށް މިފަދަ ގޮތެއް މެދުވެރިވެދާނެއެވެ. ދުނިޔޭގައި މިއީ އެންމެ މަތީ މިންވަރު ކަމަށްވެސްވެދާނެއެވެ. އެއީ މައްސަލައެއް ނޫނެވެ. ﷲ ތަޢާލާގެ މަގުގައި ނިކަމެތިންނަށް ޞަދަޤާތްކޮށް އެޒުވާނާ ފަދައިން ހިތްވަރުދީފިނަމަ އެމީހަކަށް ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ ޙަޟްރަތުން ލިބޭނެ ތަނަވަސްކަމާއި އުފާވެރިކަން އަދި މާބޮޑުވާނެއެވެ. އިން ޝާ ﷲ