އެކުވެރިންނަށް ޝެއާކޮށްލައްވާ!: ޢަރަފާތު ދުވަހު ފާފަތައް ފުއްސަވައި ދެއްވަވާ އަޅުންގެތެރޭގައި ލެއްވެވުން އެދި މިގޮތަށް ޢަމަލުކޮށް މިދުޢާ މިހާރުން ފެށިގެން ކުރަމުން ގެންދާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 52ސ
އެކުވެރިންނަށް ޝެއާކޮށްލައްވާ!: ޢަރަފާތު ދުވަހު ފާފަތައް ފުއްސަވައި ދެއްވަވާ އަޅުންގެތެރޭގައި ލެއްވެވުން އެދި މިގޮތަށް ޢަމަލުކޮށް މިދުޢާ މިހާރުން ފެށިގެން ކުރަމުން ގެންދާށެވެ!

ﷲ ތަޢަލާގެ ޙަމްރަތުގައި އެންމެ މަތިވެރިކަންބޮޑުވެގެންވާ މިދުވަސްތައް، ޙައްޖުމަހުގެ ފުރަތަމަ 10 ދުވަހު ކުރަންވީ ކަންކަން ހުރިހާ ޢިލްމްވެރިންވެސް ގެންދަވަނީ ވިދާޅުވެދެއްވަވަމުންނެވެ.  

ފުރަތަމަ ކަމަކަށް ފަރުޟް ނަމާދުތަކަށް ރައްކައުތެރިވުމެވެ. ސުންނަތް ނަމާދުތައް ކުރުމެވެ. ޞަދަޤާތްދިނުމެވެ. ވީހާ ގިނަ ދުވަހަކު ރޯދަހިފުމެވެ. ޤުރްޢާނުން މިންވަރެއް ކޮންމެ ދުވަހަކުވެސް ކިޔެވުމެވެ. ކިތަންމެ ކުޑަ މިންވަރަކުން ނަމަވެސް ޞަދަޤާތްކުރުމެވެ. މީސްތަކުންނަށް ހެޔޮކޮށް ހިތުމެވެ. ތިމާ އެބައެއްގެ ޙާލުބަލަންޖެހޭ އެންމެންގެ ޙާލު ބެލުމެވެ. މިހެންގޮސް ޘަވާބު ލިބިގަނެވެން އޮތް ކޮންމެ ކަމެއްކޮށް ޘަވާބު ލިބިގަންނަން ގަދައަޅައި މަސައްކަތްކުރަންވީއެވެ.  

މިކަންކަމުގެ އިތުރުން އަހުރެން މިފާހަގަކުރަނީ ވަރަށް ފައިދާހުރި ކަމެކެވެ. އެއީ ވަކިމީހަކު އިސްތިސްނާނުކޮށް އެންމެންގެ މައްޗަށް ހިތްސާފުކޮށް އެންމެންނަށް މާފުކުރުމެވެ. އެކަމުގައި އަނެކާ ތިމާއަށް ދީފައިވަނީ ކިހައި ބޮޑު ދެރައެއް ނުވަތަ ހިތްދަތިކަމެއް ކަމާއިމެދު ނުވެސް ވިސްނައި ދީލަތިކަމާއިއެކު އަވަހަށް މާފުކޮށްލާށެވެ!  

އެކިވަރުގެ ކުނި ޖެހި މޫނުހަދައިގެން ތިބި ހުރިހާ ދެމަފިރިންވެސް އަވަހަށް އެކަކު އަނެކަކަށް މާފުކޮށްލާށެވެ. ޢާއިލާގެ މައްސަލަތަކުގައި އަދި އެނޫންވެސް ކަންކަމާއިހުރެ ހިތްބުރަކަމެއް އޮތް އެންމެންގެ މައްޗަށް އަވަހަށް ހިތްހެޔޮކުރާށެވެ! އެންމެންނަށްވެސް ދީލަތިކަމާއިއެކު މާފުކޮށް އައުފެށުމަކުން ފަށާށެވެ! މިކަންކަން މިގޮތަށް ކުރުމަށްފަހު މިފަދައިން ދުޢާ ކުރަމުން ގެންދާށެވެ!   

"ޔާ ﷲ! މިއަޅާގެ ހިތް އެންމެންގެ މައްޗަށް ސާފުކޮށް މާފުކޮށްފީމެވެ! އެހިތުގައި އެއްވެސް މީހަކަށް ޙަސަދަވެރިކަމެއް ނެތި ސާފުޠޯހިރު ގޮތުގައި ބޭއްވުމުގެ ކުޅަދާނަކަން މިއަޅާއަށް ދެއްވަވާނދޭވެ! ޔާ ﷲ! ޢަރަފާތު ދުވަހު އިނބަ ﷲ އެބައެއްގެ ހުރިހާ ފާފަތަކެއް ފުއްސަވައި ދެއްވަވައި ޢަފޫކުރައްވަވައި ސުވަރުގެ ވައްދަވާ އަޅުންގެ ތެރޭގައި މިއަޅާވެސް ލައްވަވާނދޭވެ! އަދި އިނބަ ﷲ ގެ މަގުގައި ޘާބިތުވެ ހުރުމުގެ ތައުފީޤް މިއަޅާއަށް ދެއްވަވާނދޭވެ!" އާމީން  

މިދުޢާ މިހާރުން ފެށިގެން މިގޮތަށް ކުރަމުން ގޮސް ޢަރަފާތު ދުވަހާއި ބައްދަލުވުމުން އެދުވަހަށް ބަދަލުކޮށްލަންޖެހޭ ތަންކޮޅު ބަދަލުކޮށްލައިގެން އެހެންދުޢާތަކާއިއެކު މިދުޢާވެސް ކުރާށެވެ! އެމީހަކަށް ހެޔޮ ގޮތް މިންވަރުކުރައްވަވައި ރަޙްމަތް ލައްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން