ދުނިޔެއާއިމެދު މީސްތަކުން މިއަދު މިވަނީ އިންތިހާއަށް ޣާފިލުވެފައެވެ. ނަތީޖާއަކީ އެންމެ ފަހުގެ އުފެއްދުންތަކުގެ ފަހަތުން ދުވެވުމެވެ. ތިމާއަށް އެންމެ ބޮޑަށް ބޭނުންވަނީ އެ އުފއްދުންތައް ކަމަށް ޤަބޫލުކުރެވި އެކަމަށް ކިތަންމެ ބޮޑު ހޭދައެއް ކުރަންވެސް ފަސްޖެހެނީ ވަރަށް މަދު މީހެކެވެ. ސުވާލަކީ އެންމެ މުހިންމީ އެންމެ ފަހުގެ އުފެއްދުންހެއްޔެވެ؟ ނިކަމަށް ބަލައިލަމާ ހިނގާށެވެ!
ދުނިޔޭގައި ތަރައްޤީ ކުރިއަރައިފިއެވެ. ލޮލުން ބަލައިލުމުން ހަރަކާތްކުރާ އެތައް އެއްޗެއް މިހާރުވެސް މިވަނީ އުފައްދައިފައެވެ. ޓެކްނޮލޮޖީގެ ގޮތުން އެހައިވެސް ބޮޑަށް ކުރިއަރައިފިއެވެ. އެފަދަ ވަސީލަތްތައް މީސްތަކުން މިއަދު ގެންދަނީ ބޭނުންކުރަމުންނެވެ.
ހަމައެއާއިއެކު ކޮންމެ މީހަކުވެސް ބޭނުންވަނީ އެފަދަ ތަކެއްޗަށެވެ. ތިމާގެ ހުރިހާ ކަންކަން އެންމެ ފުރިހަމަވެފައިހުރުމަށެވެ. ތަނަވަސްކަން ލިބުމަށެވެ. އެންމެ ފުރިހަމަ ގެދޮރަށެވެ. އެންމެ ރީތި ބައިވެރިޔާއަށެވެ. މިހެން ގޮސް އެންމެ ފުރިހަމަ ހުރިހާ ކަމަކަށެވެ.
ނަމަވެސް އެންމެ ބޮޑުކަންތައް އޮންނަނީ ހަނދާންނައްތާލައިފައެވެ. އެއީ ކޮންކަމެއްކަމަށް ހެއްޔެވެ؟ އެއީ އާޚިރަތެވެ! އެހެނީ ދުނިޔޭގައި ހުރިހާ ކަންކަން އެންމެފުރިހަމަވެފައިވީނަމަވެސް އާޚިރަތް ކާމިޔާބުނުކުރެވިއްޖެނަމަ އޮތީ ކޮންއުފަލެއްހެއްޔެވެ؟ އެއްވެސް އުފަލެއް ނެތްތަނުގައި އޮތީ އެންމެ ބޮޑުވެގެންވާ ހިތާމައެވެ.
ވީމާ ކޮންމެކަމަކަށް އެދިގެން ދުޢާކުރިނަމަވެސް އާޚިރަތް ލިބުން އެދި ދުޢާކުރަންވާނެއެވެ! ދުނިޔެއާއި އާޚިރަތަށް އެދެންވާނެއެވެ. އެމީހަކު އެދޭ ކަނކަމުގެ ވާހަކަ ދެންނެވުމަށްފަހު ވިއްދައިގެން ފަހަތުން އާޚިރަތްދެއްވެވުން އެދެންވާނެއެވެ.
އެހެންވެ ރަސޫލް ﷺ ވެސް އެންމެ ގިނައިން ދުޢާކުރެއްވެވީ ދުނިޔެއާއި އާޚިރަތް އެދިވަޑައިގެންނެވެ. މިދުޢާގެ އަޑުއިވޭލެއް ގިނަކަމުން ގިނަ ބައަކަށް މިދުޢާވެފައި އޮންނަނީ މާމުހިންމު ދުޢާއަކަށް ނޫނެވެ. ނަމަވެސް ޙަޤީޤަތަކީ މދުޢާއަކީ ޤުރްއާނުގައިވާ އެންމެ މުހިންމު ދުޢާކަމެވެ. އަދި އެންމެ މަތިވެރިކަންބޮޑު ދުޢާވެސްމެއެވެ.
އެދުޢާއަކީ ހަމަ ކޮންމެ މުސްލިމަކުވެސް ހިތުދަސް ދުޢާއެކެވެ. ނަމަވެސް އެދުޢާކުރަނީ މަދުމީހެކެވެ. އެދުޢާއަކީ:
رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ
ސަޖިދައިގައިވެސް އެހެންތަންތަނުގައިވެސް މި ދުޢާ ގިނަގިނައިން ކުރާށެވެ!
- މުފްތީ މެންކުގެ ދަރުސަކުން