މިއުންމަތުގެ އެންމެ މަތިވެރިކަނބަލުންގެ ވާހަކަތަކަކީ އެނގުން މުހިންމު ވާހަކަތަކެކެވެ. އެއީ ހަމައެކަނި އަންހެނުން މަތިވެރިކުރާކަށް ނޫނެވެ. އަންހެނަކަށްވީނަމަވެސް ﷲ ތަޢާލާގެ މަގުގައި ޘާބިތުވެ ކުރިއަށް ދެވިއްޖެނަމަ ﷲ ތަޢާލާ ނުދެއްވަވާނެ މަތިވެރި ަދަރަޖައެއް ނެތްކަން ވިސްނައިދިނުމަށެވެ.
ޚަދީޖަތުގެފާނުގެ މަތިވެރިކަމާއި ބެހޭގޮތުން ޢިލްމުވެރިން ވަނީ ބޮޑެތި ބޮޑެތި ފޮތްތައް ލިޔއްވައިފައެވެ. އަދި މިހާރުވެސް އެކަމަނާގެ ޙަޔާތްޕުޅުގެ ކަންކަން ޔުނިވަރސިޓިތަކުގައި ދަނީ ދިރާސާކުރެވެމުންނެވެ. ތިރީގައި އެވަނީ އެކަމަނާގެ މާތްކަމާއި މަތިވެރިކަމާއިބެހޭ ގޮތުން ޝައިޚް އަހްމަދު ރިމާޒް ވިދާޅުވެފައިވާ ބަސްފުޅެކެވެ.
މުއުމިނުތަކުންގެ މަންމާފުޅު ޚަދީޖަތުގެފާނަށް ﷲ ތަޢާލާގެ ޙަޟްރަތުން ފޮނުއްވެވި ޚާއްސަ ސަލާމަކާއިގެން ޖިބްރީލްގެފާނު ފޮނުއްވެވިއެވެ. އަދި ޖިބްރީލްގެފާނުގެ ސަލާމްވެސް އެކަމަނާއަށް ރައްދުކޮށްދެއްވުމަށް ނަބިއްޔާ ﷺ ގެ އަރިހުގައި ދެންނެވިއެވެ. އަދި އެކަމަނާއަށްޓަކައި ސުވަރުގޭގައި އަލިމަހުންވާ ޚާއްސަ ގަނޑުވަރެއްވާކަމުގެ އުފާވެރި ޚަބަރުވެސް ޖިބްރީލްގެފާނު ދެއްވެވިއެވެ!
މިއީ އަންހެންކަނބަލަކަށް ﷲ ތަޢާލާ ދެއްވެވި ކޮންފަދަ މަތިވެރި ޝަރަފެއްތޯއެވެ!
އަންހެންކަނބަލުންނަށް ޢިއްޒަތާއި ޝަރަފާއި ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭ ހަމައެކަނި ނިޒާމަކީ އިސްލާމްދީނެވެ!
--ޝައިޚް އަޙްމަދު ރިމާޒް