ތިބާގެ ކުށެއްނެތި ކިތަންމެ ގިނަ ކައިވެނިކުރަން ޖެހުނަސް ކަންބޮޑުނުވާށެވެ! އެއީ ރަޙްމަތެކެވެ! މުހިންމީ ކައިވެނިކުރެވެންއޮވެ ކައިވެނިނުކޮށް އެކަނި ނުހުރުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 2ސ
ތިބާގެ ކުށެއްނެތި ކިތަންމެ ގިނަ ކައިވެނިކުރަން ޖެހުނަސް ކަންބޮޑުނުވާށެވެ! އެއީ ރަޙްމަތެކެވެ! މުހިންމީ ކައިވެނިކުރެވެންއޮވެ ކައިވެނިނުކޮށް އެކަނި ނުހުރުން!

މިވާހަކަކޮޅު ޚާއްޞަ މިކުރަނީ ތިމާގެ ކުށެއްނެތިވެސް ކައިވެނި ރޫޅޭތީ އެކަމަށް ދެރަވެ އަދި ލަދުގަނެ ދެވަނަ ކައިވެނި ނުވަތަ އިތުރު ކައިވެނިކުރަން ފަސްޖެހޭ މީހުންނަށެވެ.  

އަލަތު ކައިވެނިމަތީގައި އުފަލުގައި ދިރިއުޅެވުމަކީ އެންމެ ބޮޑު ރަޙްމަތެކެވެ. ހަމައެފަދައިން ގިނަ ކައިވެނިކުރަންޖެހުމަކީވެސް ރަހްމަތެކެވެ. އެކަން އެގޮތަށް މިންވަރުކުރެއްވެވީ 4،5،6 ވަނަ ކައިވެނިން ތިބާއަށް އުފާވެރިކަން ލިބެން ހުރުމުންކަމަށްވެދާނެކަމަށް ޤަބޫލުކުރާށެވެ! 

ކައިވެނި ނުކޮށް ހުންނަން ޝައިޠޯނާ ވަރަށް ވަރަށް ބޮޑަށް ހިތްވަރުދޭނެއެވެ. ކައިވެނި ރޫޅިއްޖެނަމަ އިތުރު ކައިވެންޏެއް ނުކުރަން ވަކިން ބޮޑަށް ހިތްވަރުދޭނެއެވެ. އަލުން އެހެން މީހަކާއި ކައިވެނިކުރި ނަމަވެސް ރޫޅޭނެކަމަށްވެސް ވަސްވާސްދޭނެއެވެ.  

އެއީ ކީއްވެގެން ހެއްޔެވެ؟ އެންމެ ބޮޑު ސަބަބަކީ އެކަނި ހުރިނަމަ ޝައިޠޯނާ އެމީހަކު ލައްވައި ކުރުވަން ބޭނުންވާ ކަންކަން ކުރުވުން ފަސޭހަވާނެތީއެވެ. ފާޙިޝް ނުބައި ޢަމަލުތައް ކުރުވަން ފަސޭހަވާނެތީއެވެ!  

ﷲ ތަޢާލާ މީސްތަކުން ދުނިޔެއަށް ފޮނުއްވަވާފައިމިވަނީ އެއްވެސް މީހަކަށް އެމީހާގެ ހުރިހާ ބޭނުންތައް އަމިއްލައަށް ފުއްދައިގެން އުޅެވޭނެ ގޮތަކަށް ނޫނެވެ. ކޮންމެ މީހަކަށްވެސް އެހެން މީޙުންގެ އެހީތެރިކަން ބޭނުންވެއެވެ. ކިތަންމެ މުއްސަނދި ފައިސާވެރިއެއް ނަމަވެސްމެއެވެ.  

އެއްވެސް މީހެއްގެ އެހީތެރިކަމަށް ބޭނުންނުވެ ދުނިޔޭގައި އުޅެވޭނެ ނަމަ ބިލިއަނަރުންނަށް އުޅެވުނީހެވެ. ނަމަވެސް އެންމެ ގިނަ އެހީތެރިން ތިބޭނީ އޭނާ ގާތުގައެވެ. މުސާރަދީގެން ނަމަވެސް މީހުން ނުގެންގުޅެ، މީހުންގެ ބޭނުން ނުހިފައި އޭނާއަށް އެއްވެސް ކަމެއް ނުކުރެވެއެވެ. އެކަމުން އެނގެނީ ތިޖޫރީ ފުރެންދެން ފައިސާހުރިނަމަވެސް އަދި އެވަރުން ނުފުދޭކަމެވެ. އެހެން މީހުންގެ އެހީތެރިކަމަށް ބޭނުންވާ ކަމެވެ.  

އަހަރެމެންގެ އަމިއްލަ ދިރިއުޅުމަށް ބެލި ނަމަވެސް އެކަން އޮތީ އެފަދަ ގޮތަކަށެވެ. ޒަވާޖީ ހަޔާތަކީ އަންހެނަކާއި ފިރހެނަކު ގުޅިގެން ދިރިއުޅުމަށް ކިޔާނަމެކެވެ. ވީމާ އެއްވެސް ޙާލެއްގައި ޒަވާޖީ ޙަޔާތަކީ އެކަކު އެކަނި ދިރިއުޅުމަށް ކިޔާ ނަމެއް ނޫނެވެ.  

ވީމާ އެއްވެސް މީހަކީ ތިމާއަށް އެކަނި ދިރިއުޅުވިދާނެ މީހަކުކަމަށް ދެކެގެންނުވާނެއެވެ. އެހެން މީހުންވެސް ގޮވައިގެން ދިރިއުޅެން އެނގޭ މީހަކަށްވާންޖެހޭނެއެވެ. ޚާއްޞަކޮށް ޙަޔާތުގެ ބައިވެރިޔާ ގޮވައިގެން ދުނިޔޭގައި އުޅެން އެނގެންޖެހޭ މީހަކަށްވާންޖެހޭނެއެވެ.  

ހުރިހާ ކަމެއްގައި ތިމާއާއި ހުރިހާ ގޮތަކުން ފިކުރު އެއްގޮތް މީހުން ނުތިބޭނެކަން ޤަބޫލުކުރަންވާނެއެވެ. ވީމާ ޚިޔާލާއި ފިކުރު ތަފާތުވި ނަމަވެސް އެއީ މައްސަލައެއް ކަމަށް ނުދެކޭށެވެ! ތިމާގެ މޮޅުކަމަކީ ޚިޔާލާއި ފިކުރު ތަފާތު މީހުންނާއިއެކު އެމީހުން ވެސް ގޮވައިގެން ދުނިޔޭގައި އުޅެން އެނގުމެވެ. ވީމާ ތިމާގެ ބައިވެރިޔާއަކީ ތަފާތު ޚިޔާލެއްގެ މީހަކު ނަމަވެސް އެކަންކަމާއިއެކު ދިރިއުޅެން އެނގެންވާނެއެވެ. އަދި އެހެން މީހުންނާއިއެކުގައިވެސްމެއެވެ. 

މީސްތަކުން ގުޅިގެން އެކުގައި އުޅެން އިސްލާމް ދީން އެހައިބޮޑަށް ބާރުއަޅަނީ އެ ސަބަބަށްޓަކައެވެ. ޚާޞަކޮށް ދެމަފިރިން ލޯބިން އެކުގައި އުޅުމަށް އިސްލާމް ދީން ނުހަނު ބޮޑަށް ބާރުއަޅައެވެ. ދެމަފިރިން ގުޅި ލޯބިން ދިރިއުޅޭނަމަ ﷲ ތައާލާ އެދެމަފިރިންނަށް ރަޙްމަތް އިތުރުކުރައްވަވަތެވެ! ބަރަކާތް ލައްވަވަތެވެ!  

ކަންމިހެން އޮތް ނަމަވެސް ބައެއް މީހުންނަށް ވިސްނެނީ އެމީހަކަށް އެކަނި ދުނިޔޭގައި އުޅެވިދާނެކަމަށެވެ. ޙަޔާތަށް ބައިވެރިއަކުވެސް މުހިންމު ނޫން ކަމަށެވެ. މިއީ ވަރަށް ނުބައި ވިސްނުމެކެވެ. ﷲ ތައާލާ މީސްތަކުން ޚަލްޤްކުރެއްވެވި މަޤްޞަދާއިވެސް ތަފާތު ކަމެކެވެ. 

ކައިވެންޏަށް ބަލައިފިނަމަ ކިތަންމެ ލޯބިންކުރާ ކައިވެނިވެސް ރޫޅެއެވެ. އެކަމުން ލިބޭ މާޔޫސްކަމުގައި ދެން އަލުން ކައިވެންޏެއްކުރަން ބޭނުންނުވާ މީހުން ތިބެއެވެ. މިއީ އެއްވެސް ޙާލެއްގައި ކަންކުރަން ރަނގަޅުގޮތެއް ނޫނެވެ. އަދި ކަންތައްކުރަންވީ ގޮތެއްވެސް ނޫނެވެ. ރަނގަޅު ގޮތަކީ ދެވަ ކައިވެނިކުރަންޖެހުނު ނަމަވެސް އެއަށްވުރެ ގނައިން ކައިވެނިކުރަން ޖެހުނު ނަމަވެސް ކައިވެނިކުރުމެވެ. އެކަނި ދުނިޔޭގައި ނުއުޅުމެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

https://www.facebook.com/283424951770524/videos/632598337546294/

 

މިއަދު އޮންލައިން