ކަންކަން ކުރިމަތިވުމުން ހިތާމަކުރާނީ އެކިމީހުން އެކިވަރަށް! އަނެކާއަކީ ފިނޑިއެއް ކަމަކަށް ނުބުނެވޭނެ! ތިމާއާ އަޅައި ނުކިޔޭނެ ސަބަބުތައްވެސް ބައިވަރު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ކަންކަން ކުރިމަތިވުމުން ހިތާމަކުރާނީ އެކިމީހުން އެކިވަރަށް! އަނެކާއަކީ ފިނޑިއެއް ކަމަކަށް ނުބުނެވޭނެ! ތިމާއާ އަޅައި ނުކިޔޭނެ ސަބަބުތައްވެސް ބައިވަރު!

ދަރިއަކު ނުވަތަ ޙަޔާތުގެ ބައިވެރިޔާ ނުވަތަ މައިންބަފައިން ނުވަތަ އެނޫންވެސް ތިމާ އެމީހަކު ދެކެ އިންތިހާއަށް ލޯބިވާ މީހަކު މަރުވުމުން އެކަމުގެ ހިތާމައިގައި އިންނަ މީހެއްގެ ގާތަށް ގޮސް އޭނާގެ ހިތުގައި ޖެހޭނެ ފަދަ ބަސްތައް ނުބުނާށެވެ! އެކަންވާނީ އޭނާއަށް ދެވޭ ވަރަށް ބޮޑު އަނިޔާއަކަށެވެ. 

އެކިމީހުން އެކިމީހުން ދެކެ ލޯބިވާނީ އެކިވަރަށެވެ. ވީމާ ތިމާގެ ޙަޔާތުގެ ބައިވެރިޔާ މަރުވުމުން ތިމާއަށް ބޮޑުކަމަކަށްވި މިންވަރާއި އެކަން ދިމާވުމުން އެހެން މީހަކަށް އެކަން ބޮޑުކަމަކަށްވާ މިންވަރު އެއްގޮތް ނުވެދާނެއެވެ. ވީމާ "އަހުރެންގެ ބައިވެރިޔާ މަރުވުމުން ތިއަވަރަކަށް އަހުރެން ހިތާމައެއް ނުކުރަމޭ" ބުނެ އަނުކާއަކީ ފިނޑިއެއްކަމަށް ދައްކަން ބަސްނުބުނާށެވެ! 

މިހުންނަނީ އެކަކު އަނެކަކަށް އަޅައިކިރޭނެ ކަންކަމެއް ނޫނެވެ. އަދި ކީއްހެއްޔެވެ؟ ކަންކަމަށް ކެތްތެރިވުމުގެ ބާރުވެސް އެކިމީހުންގެ ކިބައިގައި ހުންނާނީ އެކިވަރަށެވެ. ވީމާ ތިމާއާއި އެހެން މީހަކާއި މިފަދަ ކަންކަމުގައި އަޅުވައެއް ނުކިޔޭނެއެވެ. 

އެއިގެ ބަދަލުގައި ވިސްނައިދޭށެވެ! އެމީހަކު ލޯބިވާ މީހަކު ﷲ ތަޢާލާ ގެންދެވުމަކީ ކުރައްވަވާ އިމްތިޙާނެކެވެ. ފާސްވާން މަސައްކަތްކުރާށެވެ! އަދި ދުނިޔޭގައި ދެމީހުންނަށް ވަކިވާން ޖެހުމަކީ ވަޤުތީ ވަކިވުމެއްކަމާއި ސުވަރުގެއިން ބައްދަލުވުމުން ދެން ދުވަހަކުވެސް ވަކިނުވާނެކަންވެސް ވިސްނައިދޭށެވެ. ދެރަވެ ހިތްވަރު އެލުވައިލުމުގެ ބަދަލުގައި އިތުރަށް ހިތްވަރުކޮށް ސުވަރުގެ ހޯދަން ކުރާ މަސައްކަތް އިތުރުކުރަން ހިތްވަރުދޭށެވެ. އަނެކާގެ ހިތަށް ހަމަޖެހުން ލިބޭނީ މިކަންކަމުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން