ދެރަނުވާށޭ، ކަންބޮޑުނުވާށޭ ކިތަންމެ ގިނައިން އަދި ކިތަންމެ ބާރަށް ބުނި ނަމަވެސް ކައިވެނި ރޫޅުމުން އަނިޔާ ލިބުނު މީހާ ދެރަވާނެއެވެ. އެންމެ ބޮޑަށް ދެރަވާނީވެސް ކަންބޮޑުވާނީވެސް ހެޔޮލަފާ ގޮތުގައި ދިރިއުޅެމުން އައި އަނބިމީހާއެވެ.
ބުނަން ހެއްޔެވެ؟ ލިބުނު ދެރައިގެ ސަބަބުން އެކަމަށް ވިސްނަން ނުނިދި އެނދުގައި ފުރޮޅެން އޮތުމަކުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. މިހައިތަނަށް ރޭއަޅުކަން ނުކުރެވޭނަމަ ހަމަ ފުރަތަމަ ރެއިން ފެށިގެން ރޭއަޅުކަންކުރަންފަށާށެވެ.
އެންމެ ދެރަކްޢަތް ނަމަވެސް ކޮށްލާފައި ދުޢާކުރާށެވެ! (ދަރިއަކު އަދި ނެތްނަމަ) "ޔާ ﷲ! މިއަޅާއަށް ދަރިން ދެއްވަވާނދޭވެ! އެދަރިންނަކީ އިނބަ ﷲ ގެ ދީނަށް ނަޞްރުދޭނެ ހެޔޮ ލަފާ ދަރިންގެ ގޮތުގައި ތަރުބިއްޔަތު ކުރުމުގެ ކުޅަދާނަކަންވެސް މިއަޅާއަށް ދެއްވަވާނދޭވެ!" އާމީން (ދަރިން ލިބިފައިވާނަމަ) ޔާ ﷲ! މިއަޅާއަށް ދެއްވަވާފައިވާ ދަރިންނަކީ އިނބަ ﷲ ގެ ދީނަށް ނަޞްރުދޭނެ ހެޔޮ ލަފާ ދަރިންގެ ގޮތުގައި ތަރުބިއްޔަތު ކުރުމުގެ ކުޅަދާނަކަންވެސް މިއަޅާއަށް ދެއްވަވާނދޭވެ!" އާމީން
މިދުޢާގައި ރަނގަޅު ފިރިއަކު ދެއްވެވުމުގެ ވާހަކަ ނެތިގެން ކަންބޮޑުނުވާށެވެ! މިފަދައިން ތިބާ ދުޢާ ކުރުމުން ތިބާގެ ހިތުގެ އެދުން ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވެއެވެ. ތިބާގެ ހިތުގައިވާ ހުރިހާ އެދުންތަކެއް ﷲ ތަޢާލާ ފުރިހަމަކޮށްދެއްވަވާނެތެވެ. އިން ޝާ ﷲ.
މިހެން މިބުނަނީ ހެޔޮލަފާ ދަރިންނާއި ދަރިފަސްކޮޅެއް ދެއްވެވުން އެދިވަޑައިގެން ރަސޫލްބޭކަލުންވެސް ދުޢާކުރައްވަވާފައިވާކަން ޤުރްއާނުން އެނގެން އޮތުމުންނެވެ.
އެންމެންނެކެވެ ނުބުނާނަމެވެ. އެކަމަކު ވަރަށް ގިނަ ބައަކު ވަނީ މިކަން ތަޖުރިބާކޮށްފައެވެ. އެމީހުންނަށްވަނީ މާއުފާވެރި ދިރިއުޅުމެއް ލިބިފައެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން