އީމާންކަން ބަލިކަށިވުމަށް ދިމާވާ ސަބަބުތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
އީމާންކަން ބަލިކަށިވުމަށް ދިމާވާ ސަބަބުތައް!

ކޮންމެ މުސްލިމަކަށްވެސް އޮތް އެންމެ މުހިންމު ކަމަކީ ނުވަތަ އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަމަކީ އީމާންކަން ބަލިކަށިވިޔަނުދީ ވަރުގަދަކުރަން މަސައްކަތްކުރުމެވެ. ނަމަވެސް އެކަން މިހާރު ވެފައި މިވަނީ ގިނަ ބައަކު އެންމެ ސަމާލުކަންނުދޭ ކަންތަކަށެވެ!

އީމާންކަން ބަލިކަށިވަމުންދާކަމުގެ އިހްސާސް ނުކުރެވެނީ އަޅުގަނޑުމެންގެ ތެރެއިން ފަހެ ކާކަށް ހެއްޔެވެ؟ ޣާފިލުކަމުގެ ސަބަބުން ބަލިކަށިވެފައިވާ އީމާންކަމަށް ރޯޝަންކަން ގެންނަން ބޭނުންވާ މީހަކަށް އޮތް އެންމެ މޮޅު ފަރުވާއަކީ ﷲ މަތިން ހަނދުމަކުރުމެވެ. ގިނަގިނައިން އިސްތިޣުފާރުމެވެ. އެއިލާހު ބާވައިލެއްވި މަތިވެރި ކަލާމްފުޅު ކީރިތި ޤުރްއާނުގެ އާޔަތްތަކަށް ވިސްނައި ފިކުރުކުރުމާއެކު ތިލާވަތުކުރުމެވެ.

އޭގެ ސަބަބުން ޣާފިލުކަމުގެ ނިދިން ނިދާފައިވާ އަޅުގަނޑުމެންގެ ނަފްސުތައް ހޭލައެވެ. އީމާންކަން އިތުރަށް ބަލިކަށިވިޔަނުދިނުމަށްޓަކައި ވީހާވެސް ގިނަ ހެޔޮ ޢަމަލުތައްކުރުން މަތީ ދެމިހުރުމަކީ ވެސް އެހާމެ މުހިއްމު ކަމެކެވެ.

އީމާންކަން ބަލިކަށިވުމަށް ދިމާވާ ސަބަބުތަކަށް ބަލައިލަމާތޯއެވެ.

1. ތިމާގެ ވެރި އިލާހުގެ ހައިބަވަންތަކަން އިހްސާސްކުރެވޭނީ އެއިލާހުގެ އިސްމުފުޅުތަކާއި ސިފަފުޅުތައް އުނގެނި ދަސްކޮށްގެންނެވެ. އެއިސްމުފުޅުތަކާއި ސިފަފުޅުތައް ނޭނގޭކަމުގައި ވާނަމަ އެއިލާހާއި މެދު އަޅުގަނޑުމެންގެ ހިތުގައި އޮންނަ އީމާންކަމަކީ ބަލިކަށި އީމާންކަމެއް ކަމުގައި ނޫނީ ނުވާނެއެވެ.

2. މިކާއިނާތުގައި ﷲ ލައްވާފައިވާ ހެކިތަކާއި އެއިލާހުގެ އަމުރުފުޅުތަކާއި ނަހީތަކާއި މެދުގައި ނުވިސްނާ ބަޔެއްގެ އީމާންކަމަށް ރޯޝަނީކަމެއް ނާންނާނެކަމީ ދެމީހަކު ދެބަސްވާނެކަމެއް ނޫނެވެ.

3. ފާފަތަކަކީ އަޅުގަނޑުމެން ހީވެސް ނުކުރާފަދަ ނުބައި އަސަރުތަކެއް އަޅުގަނޑުމެންގެ ނަފްސުތަކަށް ކުރުވައި އީމާންކަން އިންތިހާއަށް ބަލިކަށިކޮށްލާ ކަމެކެވެ. މިކަމަށް ބާރުލިބޭ އެތަކެއް ހަދީޘްތަކެއް އެބަހުއްޓެވެ.

4. އަޅުކަންތައް އަދާކުރުމުގައި ފަރުވާތެރިނުވެއްޖެ ކަމުގައިވާނަމަ އީމާންކަން ދުވަހަކަށްފަހު ދުވަހެއް ދާނީ ދަށަށެވެ. ވާޖިބެއް އުޒުރަކާއި ނުލައި ދޫކޮށްލައިފިނަމަ އެމީހަކު އެކަމުގެ ހިތި ދެކޭނެކަން ކަށަވަރެވެ.

--މޫސާ އައްޔޫބް

މިއަދު އޮންލައިން