ކޮންމެ މީހަކުވެސް މަރުވެއެވެ. މަރުވާނެވެސްމެއެވެ. އެއަށްވުރެ ބޮޑަށް ޔަޤީންކަން ލިބޭ ކަމެއް ނެތެވެ. މަރުވުމުގެ ވަގުތުގައި ހިނގާ ކަންކަން އެމީހަކަށް ފެނުނު ނަމަވެސް އަދި ވޭން އިޙްޞާޞް ކުރެވުނު ނަމަވެސް އެކަން އެންމެ ގާތުގައި ތިބޭ މީހުންނަށްވެސް ނުފެނުން އެއީ އެކަންކަން ނުހިނގާ ކަމަށް ޤަބޫލުކުރަން އޮތް ސަބަބެއް ނޫނެވެ. ސަބަބަކީ އެކަންކަމުގެ ވާހަކަ ޤުރްއާނުގައި ބަޔާންކުރައްވާފައިވާތީއެވެ. ޙަދީޘްފުޅުތަކުން ފެންނަން ހުރުރީތީއެވެ.
މީސްތަކުންނޭވެ! ބިރުވެތިވާންވީ މަރަށެވެ. މަރުވުމުން މެދުވެރިވާނެ ކަންކަމަށެވެ. އެންމެ ބޮޑަށް ތައްޔާރުވާންވީ މަރަށެވެ. ކައްވަޅާއި އާޚިރަތް ދުވަހު ސަލާމަތްކަމެއް ލިބުންވަނީ އެއިރުންނެވެ.
ﷲ ތަޢާލާގެ ވަޙީބަސްފުޅުތަކަށް ވިސްނައިލާށެވެ!
"މަލާއިކަތުން ކާފިރުވި މީހުންގެ މަރުހިއްޕަވާހިނދު ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެނަމައެވެ. އެއުރެންގެ މޫނުތަކުގައްޔާއި ބުރަކަށިތަކުގައި އެމަލާއިކަތުން ތަޅުއްވާޙާލުގައެވެ. އަދި (އެހިނދު އެމަލާއިކަތުން ވިދާޅުވާނެތެވެ.) ތިއަބައިމީހުންނަށް އަނދައަނދާހުރި އަލިފާނުގެ ޢަޛާބު ލިބިގަންނާށެވެ!" (އަލް އަންފާލް: 50)
"----އަނިޔާވެރިން މަރުގެ ސަކަރާތުގައި އުޅޭހިނދު، ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެ ނަމައެވެ. މަލާއިކަތުން އެހިނދު ތިއްބަވާނީ އެބޭކަލުންގެ އަތްޕުޅު ދިއްކުރައްވައިގެންނެވެ. (އަދި ވިދާޅުވާނެތެވެ.) ތިއަބައިމީހުންގެ ފުރާނަތައް ނެރޭށެވެ! މިއަދު ތިއަބައިމީހުންނަށް އިހާނާތްތެރި ޢަޛާބުން ޖަޒާދެއްވަވާނެތެވެ! (އެއީ( ތިއަބައިމޫހުން ﷲ އާއި މެދުގައި ބުނެއުޅުނު ޙައްްު ނޫން ބަސްތަކުގެ ސަބަބުންނާއި، އެކަލާނގެ އާޔަތްތަކަށް (އީމާން ނުވެ) ބޮޑާވެގަނެގެން އުޅުނު ކަމުގެ ސަބަބުންނެވެ." (އަލް އަންޢާމް: 93)
"އެއީ ތިއަބައިމީހުންގެ އަތްތަކުން އިސްކުޅަ ކަންތައްތަކުގެ ސަބަބުންނެވެ. އަދި ހަމަކަށަވަރުން ﷲ އީ، އަޅުތަކުންނަށް އަނިޔާވެރިވެވޮޑިގަންނަވާ ކަލަކު ކަމުގައި ނުވެއެވެ." (އަލް އަންފާލް: 51)
"އެހެނަސް އީމާންވި މީހުންގެ ހަށިގަނޑުން ފުރާނަނުކުންނަހުށީ ގެންޖަގަކުން ފެންއޮހޭފަދައިންނެވެ." (ޙަދީޘް ތިރުމިޛީ)
It was also reported that the Prophet (peace and blessings be upon him) said, “The believer dies with sweat on his brow.” (At-Tirmidhi)
"އީމާންވި މީހުން މަރުވެގެންދާއިރު ނިތްކުރިން ދައު ފެންނާނެއެވެ." (ޙަދީޘް ތިރްމިޛީ) ރަސޫލް ﷺ ގެ ނިތްކުރިން ހިއްލި ދައުފޮދު ރަސޫލް ﷺ ގެ އަތްޕުޅުން ފުއްސަވަމުން "ތިމަންކަލޭގެފާނު މިއުޅުއްވަވަނީ މަރުގެ ވޭނުގައި" ކަމަށް ޙަދީޘްފުޅު ކުރެއްވެވިކަން ޢާއިޝަތުގެފާނުގެ ބަސްފުޅުން އެނގެން އެބައޮތެވެ.
ވީއިރު މަރުވުގެ ވަގުތުގައި އަހަރެމެންނަށް އުޅެންޖެހޭނެ ޙާލު ވިސްނާށެވެ. މަރު ހިއްޕަވަން މަލާއިކަތުން ވަޑައިގަތުމުން އެމީހަކަށް މަލާއިކަތުން ފެންނާނެއެވެ. އަދި ފުރާނަ ހިއްޕަވައިގެން ވަޑައިގަންނަވާތަން ވެސް ފެންނާނެއެވެ. މަރުވުމުން މައްޗަށް ކަޅި ހުއްޓިފައި އެހުންނަނީ އެހެންވެގެންކަމަށްބުނެވެއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން