ތިމާކުރާ މަސައްކަތް ކާމިޔާބުވެ ކުރިއެރުން ލިބުނީ ތިމާގެ ކުޅަދާނަކަމުންކަމަށް ޤަބޫލުނުކުރާ މީހުންނަށް ޤިޔާމަތް ދުވަސްބުން ގާތީ ކަޅު އަނދިރި ދުވަހަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 25ސ
ތިމާކުރާ މަސައްކަތް ކާމިޔާބުވެ ކުރިއެރުން ލިބުނީ ތިމާގެ ކުޅަދާނަކަމުންކަމަށް ޤަބޫލުނުކުރާ މީހުންނަށް ޤިޔާމަތް ދުވަސްބުން ގާތީ ކަޅު އަނދިރި ދުވަހަކަށް!

މިހާރަކަށް އައިސް ބައެއް ކުންފުނިތަކުން އެކުންފުނިތަކަށް ލިބޭ ކުރިއެރުން ނުވަތަ ކާމިޔާބީ ފާހަގަކުރަން ބާއްވާ ޙަފްލާތަކުގައި ވާހަކަދައްކާއިރު އެކުރިއެރުން ލިބުނީ ކުންފުނި ހިންގަނތިބި މީހުންނަށް ﷲ ތަޢާލާ ދެއްވަވާ ހެޔޮވިސްނުމުންކަން ފާހަގަނުކުރާތަކުގައި ކުރި މަސައްކަތުގައި ﷲ ތަޢާލާ ބަރަކާތް ލެއްވެވުމުންކަންވެސް ހަނދާނުގައި ހުންނަ ކަމަކަށް ނުވެއެވެ.

މިއީ އަޅުގަނޑު ވަރަށް ކަންބޮޑުވާ ކަމެކެވެ. މިކަމުން އެނގެނީ އެބައަކު ﷲ ތަޢާލާގެ މަތިން ހަނދުމަނެތިކޮށްލާފައިވާ މިންވަރުކަމަށް އަޅުގަނޑަށް ޤަބޫލުކުރެވޭތީއެވެ.

މިއީ މިއަދުނޫހުގެ ކިޔުންތެރިއަކު ފޮނުއްވާފައިވާ ކޮމެންޓެކެވެ. ކިޔުންތެރިޔާ ފާހަގަކުރައްވާފައި އެވަނީ ވަރަށް މުހިންމު ކަމެކެވެ. އެހެން ކަމުން އެދެނީ ކިޔުންތެރިން ތިރީގައިވާ ލިޔުން ވިދާޅުވެލެއްވުމެވެ.

ހަނދާންކޮށްލަން ޖެހެނީ ލޮލަށް ނުފެންނަ ކުޑަކުޑަ ވައިރަހެއް މުޅިދުނިޔޭގެ މައްޗަށް ވެރިވެގަތްދުވަހެވެ. 2020 ގައި ކަންކަން ހިނގައިދިއަ ގޮތެވެ. ދުނިޔޭގެ އެންމެ މުއްސަނދި އަދި އެންމެ ބާރުގަދަ ޤައުމުތައް ކުޑަކަކޫ ޖައްސުވައިލި ގޮތެވެ.

އެދުވަހު އެއްވެސް އާރެއް ބާރެއް ހުރި ހަމައެއްވެސް ވެރިއަކު ހުރިކަމަކަށް ނުވިއެވެ. ބާރުގަދަ ޤައުމެއްވެސް އޮތް ކަމަކަށް ނުވިއެވެ. އިނދަނުޖެހޭ ވިޔަފާރި ކުންފުންޏެއްވެސް ހުރިކަމަކަށް ނުވިއެވެ. ބަނގުރޫޓުވާންފެށުމުން ގެންގުޅުނު މުވައްޒިފުންތައް ކަނޑައި ނިކަމެތިކޮށްލީއެވެ.

މިއަދު އެކަންކަމުން އަރައިގަނެވުމުން މިބުނަނީ އަރައިގަނެވުނީ ތިމަންނަމެންގެ މޮޅުކަމުން ކަމަށެވެ. މިއީ އެއްވެސް މުސްލިމަކު ބުނެގެންވާނެ ބަހެއް ނޫނެވެ. އެދުވަހު ވަރަށް ވިސްނުންތެރިކަމާއިއެކު ފިޔަވަޅު އެޅި ބައަކުވެސް ތިއްބެވެ. އެކަމުގެ ނަތީޖާވެސް ފެނުނެވެ.

(ރާއްޖެއިންވެސް އެފަދަ ބައެއް ކުންފުނިތައް ފެނިގެންދިއައެވެ. މުވައްޒިފުންގެ މުސާރައިން ވަރަށް ކުޑަމިންވަރެއް އުނިކޮށް 17000 ރުފިޔާ އާދައިގެ މުވައްޒިފުންނަށް ދިން ކުންފުނިތައްވެސް ހުރިއިރު އެއިގެ ތެރޭގައި 50 މުވައްޒިފުން ގެންގުޅޭ ކުންފުނިތައްވެސް ހިމެނެއެވެ.)

ކޮންމެއަކަސް ބުނެލަން ބޭނުންވަނީ ﷲ ތަޢާލާ ތަނަވަސްކަން ދެއްވެވުމުން އެތަނަވަސްކަން ލިބުނީ ނުވަތަ ކާމިޔާބީ ޙާޞިލްކުރެވުނީ ތިމާގެ މޮޅު ވިސްނުމުން ކަމަށްބުނި ޤާރޫނަށް ޖެހުނު ޙާލަށް ވިސްނާށެވެ! އެފަދަ ބަސްތައް ބުނަން ހެޔޮނުވާނެއެވެ. ރަނގަޅަށް ކަމެއް ކުރެވޭނީ އެކަމަކަށް ﷲ ތަޢާލާ އެމީހަކަށް ވިސްނުން ދެއްވެވުމުންނެވެ. އެކަމަކަށް އިރާދަކުރެއްވެވުމުންނެވެ. އެކަން ޤަބޫލުނުކުރެވޭނަމަ އެމީހަކު ހިމެނިގެންދާނީ ޤާރޫނު ފަދަ މީހުންގެ ތެރެއިންނެވެ. --އިސްލާމީ ތިލަފަތުގެ ދަރުސަކުން

(ހަނދާން އައުކޮށްލައިދޭނަމެވެ. ރަނގަޅަށް ވިސްނައިލާށެވެ! ތިރީގައި އެވަނީ މިކަންކަން ފާހަގަކޮށް އެއިރު މިއަދުނޫހުގައި ލިޔެފައިވާ ލިޔުމެއްގެ ބައެކެވެ.)

ﷲ ތަޢާލާ ނިޢްމަތްތައް މިންވަރުކުރެއްވެވުމުން އެ ނިޢްމަތްތައް ލިބުނު ގޮތް ގިނަ ބައަކު ހަނދާން ނެތެއެވެ. އެއީ ތިމާގެ މޮޅުކަމާއި ތިމާގެ ކުޅަދާނަކަމުން ހޯދި ކަންކަންކަމުގައި ޤަބޫލުކުރެވެއެވެ. އަދި ދުނިޔޭގައި ދިރިއުޅުމުގެ ޙަޔާތަކީ ތިމާ ބޭނުންހައި ގޮތަކަށް ބައްޓަން ކުރެވިދާނެ އެއްޗެއްކަމަށް ޤަބޫލުކުރެވެއެވެ. މިހުރިހާ ކަންކަން މިހެންވަނީ ތިމާމެން އެދޭހައި ކަންކަން ﷲ ތަޢާލާ ހިންމަވައި ދެއްވަވާތީއެވެ!

މިހާރު މުޅި ދުނިޔެއަށް ކުރިމަތިވެފައިމިވާ ކޮރޯނާ ވައިރަސް އަންގައިދިން އެއްކަމަކީ އިންސާނުންނަކީ އެއްވެސް އަމިއްލަ ބާރެއް ހުރި ބައެއް ނޫންކަމެވެ. އެކަލާނގެ ދެއްވެވި ކޮންމ ނިޢްމަތެއް، ކޮންމެވަގުތަކުވެސް އަނބުރާ ގެންދެވުމަށް އެކަލާނގެ ކުޅަދުންވަންތަވެވޮޑިގެންވާ ކަމެވެ. އަދި ކޮންމެ ނިޢްމަތަކީވެސް އެކަލާނގެ ދެއްވަވާ ކަންކަން ކަމެވެ.

ކޮރޯނާ ވައިރަސް އަންގައިދިނީ މީސްތަކުންނަށް ދެއްވެވި ނިޢްމަތްތަކަށް ޝުކުރުވެރިވާންޖެހޭކަމެވެ. ޝުކުރުވެރި ނުވެވޭނަމަ އެކަމުގެ ރަހަ ލިބިގަންނަން ޖެހޭނެ ކަމެވެ. ބައެއް ޤައުމުތަކުގައި މިހާރު ދަނީ ކަންކަން ރަނގަޅު ޙާލަތަށް ބަދަލުވަމުންނެވެ. އެއީ އެކަލާނގެ ހާލަތު ބަދަލުކުރައްވަވައި ދެއްވަވާތީއެވެ. އެ ޤައުމެއްގެ މީހުންގެ ކުޅަދާނަކަމަކުންނޫނެވެ. ނޫންނަމަ ދުނިޔޭގެ އެންމެ ބޮޑެތި ބާރުތަކަށް އެޤައުމުތައް ކޮރޯނާ ވައިރަސްއިން ސަލާމަތްކުރެވުނީސް ނޫން ހެއްޔެވެ؟ އެމެރިކާ، އިންޑިއާ، ޔޫރަޕްގެ ޤައުމުތައް ފަދަ ބާރާއި ތަނަވަސްކަން ލިބިގެންވާ ޤައުމުތަކަށް މިހައިދުވަސްވީއިރުވެސް ބަލިން އަރައިނުގަނެވިގެން އުޅޭކަށް ނުޖެހުނީސް ނޫންހެއްޔެވެ؟

ވީމާ ކޮންމެ މީހަކުވެސް ކޮރޯނާ ދިން މިވަރުގަދަ މެސެޖުން ދިރިއުޅުމުގެ ހުރިހާ ކަމެއްގައިވެސް ޢިބްރަތް ޙާޞިލުކުރާށެވެ! ކާމިޔާބާއި ފަލާޙް ލިބުންވަނީ އެއިރުންނެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން