ޢިބްރަތްތެރި ވާހަކަ: ލަފާއަހާއިރަށް ކަމުގެ ޙަޤީޤަތް ނުބަލައި، އިސްތިޚާރާކުރަންވެސް ނުބުނެ ވަރިވާން ބުނާ މީހުންދޭ ލަފާ ޤަބޫލުކުރަން ހެޔޮނުވާކަން ތަޖުރިބާކުރި އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 2ސ
ޢިބްރަތްތެރި ވާހަކަ: ލަފާއަހާއިރަށް ކަމުގެ ޙަޤީޤަތް ނުބަލައި، އިސްތިޚާރާކުރަންވެސް ނުބުނެ ވަރިވާން ބުނާ މީހުންދޭ ލަފާ ޤަބޫލުކުރަން ހެޔޮނުވާކަން ތަޖުރިބާކުރި އަންހެނެއްގެ ވާހަކަ-

އަޅުގަނޑުގެ ފިރިމީހާއާއި އަޅުގަނޑާއި ދެމެދު ޖެހުނު މައްސަލައަކާއި ގުޅިގެން ވަރިވާން ޤަޞްދުކޮށް ފުރަތަމަ ލަފާއެހީ އެކުވެރިންގެ ތެރެއިން ޢިލްމުވެރިއެއްގެ ގާތުންނެވެ. އޭނާގެ ފުރަތަމަ ބަހަކީވެސް "ވަރިވެވޭނެ! އަވަހަށް ފޯނުލާ!" އެވެ.

އަޅުގަނޑާއިއެކު އެވަޤުތު ހުރި އެކުވެރިޔާ، ސިތާރާ އެކަން ޤަބޫލެއް ނުކުރިއެވެ. އޭނާ ބުނީ ދެވަނަ ބޭކަލެއްގެ ލަފާވެސް އަޑުއަހައިލަންޖެހޭނެ ކަމަށެވެ. އެހެންވެ ދެވަނަ ބޭކަލަކާއި ބައްދަލުކުރުމުން ފުރަތަމަވެސް ވިދާޅުވީ ވަރިވުމަކީ އެންމެ ފަހުން ކުރަންޖެހޭ ކަންތައްކަމަށާއި އެންމެ ފުރަތަމަ ކަމަކަށްވެސް އިސްތިޚާރާ ކުރުމަށެވެ. އަދި ދަމުނަމާދުކޮށް ދެމަފިރިންގެ މެދުގައި ޖެހިފައިވާ މައްސަލަ "އެންމެ ފައިދާހުރިގޮތަށް" ޙައްލުކޮށްދެއްވެވުން އެދި ދުޢާކުރުމަށެވެ.

އަޅުގަނޑަކީ އެހައި ބޮޑަށް ދީނުގެ ކަންކަމަށް ސަމާލުކަން ދިން މީހެއްވެސް ނޫނެވެ. އެހިސާބުން ސަމާލުކަންދޭން ފެށުނެވެ. ފަރުޟް ނަމާދުތަކަށް ރައްކައުތެރިވީމެވެ. ރޭގަނޑު ދުޢާކުރަންފެށީމެވެ. އިސްތިޚާރާވެސް ކުރީމެވެ.

އެގޮތަށް ކަންކަން ކުރަންފެށިފަހުން އައި 3 ވަނަ ހުކުރުވިލޭރެއަކީ ފާއިތުވި 6 މަސްދުވަހުގެ ތެރޭގައި މެންދަމުން އަލިވެ 1 ނުޖަހަނީސް ފިރިމީހާ ނިދަން ގެއަށް އައި ފުރަތަމަ ރެއެވެ. 10 ޖެހިއިރު ގެއަށް އައިސް ފުރަތަމަވެސް ބުނީ ފަތިހު ދަތުރަކުދާން ނިންމާފައިވާ ކަމަށާއި ދާނީ އަޅުގަނޑުވެސް ގޮވައިގެން ކަމަށެވެ. އެހެންވެ ނުދުމުގެ ކުރިން ދަބަސް ތައްޔާރުކުރުމަށެވެ!

ސައިބޯން ބޭނުންކަމަށް ބުނީމާ ސައިހަދައި ދެމީހުން އެކުގައި ސައިބޮއިގެން ނިދީއެވެ. ފަތިހު ދަތުރުދިއައީއެވެ. ދިއައީ ހުރައަށެވެ. އެނބުރި އައީ އާދީއްތަވިލޭރޭ އެވެ. އެހިސާބުން ދެމަފިރިންގެ މެދުގައި ޖެހުނު މައްސަލަ މިވަނީ ޙއްލުވެފައެވެ. ފިރިމީހާ ވަނީ ކުޜީގެ ފިރިމިހާއަށް ބަދަލުވެފައެވެ.

އަޅުގަނޑުގެ މިވާހަކަކޮޅު މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްބާކޮށްލަން ބޭނުންވީ އަޅުގަނޑަށް އަވަހަށް ވަރިވާން ނަޞީޙަތްދިން މީހާފަދަ މީހުންގެ ވާހަކަތައް ޤަބޫލުނުކުރަން ކިޔުްނތެރިންގެ ގާތުގައި ބުނެލުމަށެވެ.

މިއީ މިއަދުނޫހުގެ ކިޔުންތެރިއަކު ޙިއްބާކުރެވި ވާހަކަކޮޅެކެވެ. އޭނާގެ ތަޖުރިބާއެވެ. މިމައްސަލައަކީ ވަރަށް ބޮޑަށް ޢާންމުވެފައިވާ ވަރަށް ގެއްލުންހުރި މައްސަލައަކަށްވުމުން ކިޔުންތެރިންގެ އަރިހުން އެދެނީ ތިޜީގައިވާ ލިޔުންވެސް ވިދާޅުވެލެއްވުމެވެ.

"އަޅުގަނޑު ހުރިތަނެކެވެ. އަންހެނަކު އައިސް "ދަންނަ" މީހަކާ ސުވާލުކުރިއެވެ. "އަޅުގަނޑުގެ ފިރިމީހާ އަޅުގަނޑުދެކެ ލޯތްބެއް ނުވެއެވެ. އޭނާގެ ގާތުން އަޅުގަނޑަށް ވަރިވެވިދާނެތޯއެވެ؟ ފޯމުލުން ހުއްދަވާނެތޯއެވެ؟"

ސުވާލުކުރުމުން އިތުރު އެއްވެސް ސުވާލެއް އޭނާ އާއި ނުކޮށް ވަޤުތުން ދިން ޖަވާބަކީ "އާނ! ހުއްދަވާނެ!" އެވެ. އެންމެ ކުޑަމިނުން ލޯބިނުވާން ކުރަނީ ކޮންކަމެއްތޯވެސް އަހައިނުލައެވެ.

އަޅުގަނޑުގެ ސުވާލަކީ މިއީ ހަމަ މިހާ ފަސޭހައިން ދެވިދާނެ ޖަވާބެއްތޯއެވެ؟ އެފިރިމީހާގެ ބަހެއްވެސް އޮޅުންފިލުވާ ނުލައި ކައިވެނި ރޫޅާލަން ހިތްވަރުދެވިދާނެތޯއެވެ؟"

ކިޔުންތެރިޔާ ތިއަ ފާހަގަކުރެއްވީ މިހާރު ވަރަށް ބޮޑުވެއްޖެ މައްސަލައެކެވެ. އެންމެ ކުޑަމިނުން އިސްތިޚާރާ ކޮށްލަންވެސް ނުބުނެ ތިއަފަދަ ކަންކަން ނިންމާލައި އެބަ ފަތުވާ ނެރެއެވެ. އެގޮތަށް އެކަންކުރަނީ "ދަންނަ" މީހުންނެއް ނޫނެވެ. "މާބޮޑަށް ދަންނަ" މީހުންނެވެ. ވަރިއަކީ ދެން އެހެން ގޮތެއް ނެތުމުން ކުރަންޖެހޭ ކަމެއްކަން ނުދަންނަ މީހުންނެވެ.

ތިރީގައިވާ ލިޔުމުން ވަރަށް ރަނގަޅު މަޢުލޫމާތު ލިބިލައްވާނެއެވެ. އިން ޝާ ﷲ

މިހާރަކަށް އައިސް ދެމަފިރިންގެ މެދުގައި މައްސަލައެއް ޖެހޭއިރަށް ޙައްލުހޯދަން ކުރަންވީ ކަމަކާއިމެދު ސޯޝަލް މީޑިއާގައި ސުވާލުކުރުމަކީ ވަރަށް ގިނައިން ކުރަމުން އަންނަކަމެކެވެ. އެހެނަސް ބުނަމެވެ. ސޯޝަލް މީޑިއާގައި ސުވާލުކޮށްގެން ހޯދޭނެ އެއްވެސް ޙައްލެއް ނެތެވެ. ކަންކަން ބަދަލުވާނީ ގޯހުން ގޯހަށެވެ.

މިފަދައިން ކޮށްފައި ހުންނަ ސުވާލުތަކަށް މީސްތަކުން ކޮށްފައި ހުންނަ ކޮމެންޓުތަކަށް ބަލާށެވެ! ގިނައިން ހުންނާނީ ވަގުތުން ފިރިމީހާ ނުވަތަ އަނބިމީހާ އާއި ވަކިވުމަށް ބުނެފައެވެ. ބައެއް ފަހަރު މަރާލަންވެސް އެބަ ބުނެއެވެ. މިފަދަ ހަރުކަށި ޖަވާބުތައް ދެމުން ގެންދާއިރު ރަޙުމްއެވެ މިކިޔާއެއްޗެއް ކޮބައިހެއްޔެވެ؟

ރަނގަޅަށް ވިސްނާށެވެ! ދެމަފިރިއަކު ވަކިވުމަކީ ދެން އެހެން އެއްވެސް ގޮތެއް ނެތިގެން ނޫނީ ކުރަން އޮތް ކަމެއް ނޫނެވެ. ވީއިރު ފުރަތަމަވެސް ނަޞޭޙަތްތެރިވާންޖެހޭނީ ދެމަފިރިންގެ މެދުގައި އޮތް މައްސަލަ ޙައްލުކުރެވޭނެ އެއްވެސް މަގެއް އޮތްތޯއެވެ! ދެމަފިރިންގެ ކަންބޮޑުވުން ފިލުވައިދޭން ތިމާއަށް ކުރެވޭނީ ކޮންކަމެއްތޯއެވެ!

ބައެއް ފަހަރު ދެމަފިރިންގެ މެދުގައި ޖެހިގެން އުޅޭ މައްސަލައަކީ މާލީ ދަތިކަން ބޮޑުވުމުން ކުރިމަތިވެގެން ދިމާވެފައިވާ ޙާލަތަކަށްވެސް ވެދާނެއެވެ. ދިރިއުޅޭނެ ތަނެއް ނެތިގެން ކުރިމަތިވެފައިވާ މައްސަލައަކަށްވެސްވެދާނެއެވެ. ދިރިއުޅޭތަނުގެ ކުލި ނުދެއްކިގެން ނުވަތަ އެނޫން ދަތިކަމެއް ކުރިމަތިވެގެން ޖެހިފައިވާ މައްސަލައަކަށްވެސް ވެދާނެއެވެ.

ތިހައިވަރަށް ހެޔޮއެދޭނަމަ، ކަންބޮޑުވާނަމަ އެދެމަފިރިންގެ މައްސަލަ އޮޅުންފިލުންވައި ފޯރުކޮށްދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށް ނުދެނީ ކީއްވެގެން ހެއްޔެވެ؟ މުސްލިމުންގެ ގޮތަކަށްވާންޖެހޭނީ ޙާލުގައި ތިބި ބައަކަށް އެހީތެރިވެދިނުން ނޫން ހެއްޔެވެ؟

އަދިވެސް ސުވާލެއް ކުރާނަމެވެ. ދެމަފިރިން ވަކިވާން ތިއަދޭ ނަޞޭޙަތް ޤަބޫލުކޮށް ދެމަފިރިން ވަކިވުމުން ޙާލުގައި ޖެހޭ ކުދިން ބަލަހައްޓަން އެހީތެރިވެދޭނަން ހެއްޔެވެ؟ އަލުން ކައިވެނިކުރާނެ ރަނގަޅު ބައިވެރިއަކު ހޯދައިދޭނަން ހެއްޔެވެ؟ ނާޖާއިޒު ފައިދާއެއް ނެގުން ނޫން އެހެން އެއްވެސް ކަމެއް ކުރާނަން ހެއްޔެވެ؟ ނިކަން ޖަވާބުދީބަލާށެވެ!

--ޝައިޚް މުޙައްމަދު ހޮބްލޮސް

މިއަދު އޮންލައިން