މިސުވާލުކުރައްވާފަރާތަށް ކުރިމަތިވެލައްވާފައި އެވަނީ އަބަދުވެސް މިއަދުނޫހުގައި ހަނދުމަކޮށްދެވޭ ކަމެކެވެ. ބައިވެރިޔާ ކުށެއް ކުރިޔަސް، ބޭވަފާތެރިވިޔަސް ތިމާ ﷲ ތަޢާލާއަށް ނުއުރެދޭށެވެ! ފާފައެއް ނުކުރާށެވެ. ފާފައެއްކޮށްފިނަމަ އެކަމުގެ ޒިންމާ ނަގަންޖެހޭނީ ފާފަކުރި މީހެކެވެ.
"އަޅުގަނޑު ބިޓެއްނަގައި ގުޅުން ހިންގީ ބައިވެރިޔާ ބޭވަފާތެރިވުމުން ބަދަލުހިފާށެވެ!" މިއީ ދެމަފިރިންކުރެ ކޮންމެ މީހަކަށްވެސް ވަރަށް ފަސޭހައިން ބުނެވިދާނެ ޖުމުލައެކެވެ. އެގޮތަށް ބުނާނަމަ ނިކަން މިސުވާލަށް ޖަވާބުދީބަލާށެވެ! "ބައިވެރިޔާ ބޭވަފާތެރިވުމަކީ ބިޓެއް ނަގައި ގުޅުން ހިންގަން ހުއްދަވާ ސަބަބެއް ކަމަށް ބުނީ ކާކުހެއްޔެވެ؟" ހަމަޤައިމުވެސް ޝައިޠޯނާ ނޫން އެހެން ފަރާތުން ބުނާނެ ބަހެއް ނޫނެވެ.
މިކަން ގިނަގިނައިން ހަނދުމަކޮށްދޭންޖެހޭ ސަބަބަކީ މިހާރަކަށް އައިސް ބައިވެރިޔާ ބޭވަފާތެރިވުމުން ނުވަތަ ގޯސްކޮށް ކަންކަން ކުރާތީ ބަދަލުހިފުމުގެ ބޭނުމުގައި ފާފަކުރާ މީހުން ގިނަވާތީއެވެ. ފިރިހެނުންވެސް އަދި އަންހެނުންވެސް އެގޮތަށް ކަންތައްތައް ކުރެއެވެ. މިއީ ވަރަށް ދެރަކޮށް ކުރެވޭ ކަމެކެވެ. ސަބަބަކީ ބައިވެރިޔާ ނުބައި ގޮތަކަށް ކަމެއް ކުރުމަކީ ފާފަކުރުން ހުއްދަވާ ސަބަބެއް ނޫނެވެ. ފާފައެއް ކޮށްފިނަމަ އެކަމުގެ ޒިންމާ އުފުލަންޖެހޭނީ ފާފަކުރި މީހެކެވެ. މިކަން މިއަދުނޫހުގައި ތަފާތު ޢިބާރާތުން މިގެންދަނީ ވަރަށް ގިނައިން ހަނދުމަކޮށްދެމުންނެވެ.
އަޅުގަޑުގެ ފިރިމީހާ އެއްގޮތަކަށްވެސް އަޅައެއްނުލާ. ފިރމިހާ އަންތބަކު ހުންނަކަންވެސް ހަދާންނެތްކަހަލަ. އަޅުގަޑު ހާލުބަލާލަން ގުޅާވެސްނުލާ، އަދި އަޅުގަނޑު ފެންނަ ހަމައަށްވެސް ނާދޭ. ހަރަދެއްވެސް ނުކުރޭ. މިހާރު މިގޮތަށް ދިރިއުޅޭތާ 2 މަސްވެއްޖެ. އަޅުގަނޑު އެކި ގޮތްގޮތުން މިކަމަށް ހައްލެއްލިބޭތޯ ވަރަށް މަސައްކަތްކޮށްފިން. މިފަދަހާލެތެއްގާ އަޅުގަޑު ހިލޭފިރިހެނަކާ ފޯނުން ވާހަކަދެއްނުމުން ފާފަވެރިވާނެތޯ؟ ފރިމިހާގެ އެއްވެސް އަޅާލުމެއް ލިބޭނެކަމުގެ އުއްމީދެއްނެތުމުން އެގޮތަށްކަންތައްކުރެވެނީ.
ފިރިމީހާގެ އަޅާލުން ނުލިބޭނަމަ ވަރިއަށް އެދެވިދާނެއެވެ. ޚުލްޢު ވަރި އަކުންވެސް ވަރިވެވިދާނެއެވެ. ނަމަވެސް، ފިރިމީހާ އަޅާނުލާތީ ހިލޭ ފިރިހެނަކާ ގުޅުން ބޭއްވުމަކީ ހުއްދަ ކަމެއް ނޫނެވެ. އެފަދަ ކަމެއް ކުރެވިފައިވާނަމަ އަވަހަށް ތައުބާވާށެވެ. واللهأعلم.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް