ފިރިހެނުންގެ ތެރެއިންވެސް އަދި އަންހެނުންގެ ތެރެއިންވެސް ކައިވެނިކުރަން އެންމެ ރަނގަޅު މީހުންނަކީ ކޮބައިކަން ދެނެގަނަން ކުރަންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ހުރެއެވެ. ފާހަގަކޮށްލަން މިއުޅެނީ އެއިގެ ތެރެއިންވެސް ވަރަށް މުހިންމު ސިފައެކެވެ.
އެއީ މިޘާލަކަށް ބުނާނަމަ އަނެކާގެ ކިބައިގައި ތިބާ ރުހޭ އެންމެ ސިފައެއް ހުރެފައި ދެން އޭނާގެ ކިބައިގައި ހުރި ސިފަތަކީ ރަނގަޅު ނޫން ސިފަތައް ކަމަށްވާނަމަ އެމީހަކާއި ނުގުޅުމެވެ. އެމީހަކާއިއެކު ދިރިއުޅުމެއް ނުފެށުމެވެ.
މިޘާލަކަށް އަނެކާއަކީ ތަނަވަސްކަން ހުރި މީހަކަށްވީނަމަވެސް ދެން ޢޭނާގެ ކިބައިގައި ހުރި ސިފަތަކަކީ އަޚްލާޤީ ގޮތުން ދަށްސިފަތަކެއް ނަމައެވެ.
ހަމައެގޮތަށް އަނެކާއަކީ ތިބާގެ ޖަޒްބާތުތައް ފުއްދައިދިނުމަށް (އެއްދާންކުރުމަށް) ކިތަންމެ ކުޅަދާނަ މީހަކު ނަމަވެސް ދެން ޢޭނާގެ ކިބައިގައި ހުރީ ނުބައި ސިފަތައް ނަމައެވެ.
ހަމަ އެގޮތަށް އަނެކާއަކީ ބަލައިލަން ކިތަންމެ ރީތި މީހަކު ނަމަވެސް ދެން ޢޭނާގެ ކިބައިގައި ރިވެތި އަޚްލާޤެއް ނެތްނަމައެވެ.
އެއްވެސް މީހަކީ ރަނގަޅު މީހަކުނަމަ، ބުއްދީގެ ބޭނުންކުރާ މީހަކުނަމަވެސް ތިމާ ބޭނުންވާ އެންމެ ސިފައަކަށްޓަކައި ނުވަތަ ޙާޞިލްކުރަން ބޭނުންވާ އެންމެ ކަމަކަށްޓަކައި ބޮޑު ޠޫފާނެއްގެ ތެރެއަށް ވެއްޓިއެއް ނުގަންނާނެއެވެ. އޭނާ މަސައްކަތްކުރާނީ އޭނާގެ ޙަޔާތުގެ މުޅިދަތުރަކީ އަމާން ދަތުރަކަށް ހެދުމަށެވެ. އަދި ކާމިޔާބު ދަތުރަކަށްވެސް ހެދުމަށެވެ. '
ރަނގަޅަށް ބަލާށެވެ! ހަމައެކަނި އެންމެ ކަމަކަށްޓަކައި ނުވަތަ އެންމެ ސިފައަކަށްޓަކައި ކައިވެނިކުރާ މީހުންގެ ތެރެއިން އެންމެ މީހަކަށްވެސް އުފާވެރި ދިރިއުޅުމެއް ލިބިފައިވޭތޯއެވެ. ބައެއް މީހުން ދުވަސްކޮޅަކު އެކުގައި އުޅެފާނެއެވެ. ނަމަވެސް އެއިރުވެސް އޭނާ ދާނީ ކުރެވުނު ބޮޑުކުށާއިމެދު ހިތާމަކޮށް ކަރުނައަލަމުންނެވެ.
ވީމާ އެކަމަކީ ނުވަތަ އެސިފައަކީ ތިބާ އެންމެ ބޮޑަށް ބޭނުންވާ ކަންތައް ނަމަވެސް ހަމައެކަނި އެކަމަކަށްޓަކައި ކައިވެނިނުކުރާށެވެ! އެކަންވާނީ ހެދޭ އެންމެ ބޮޑު ގޯހަށެވެ!
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން