ގިނަ ބައަކަށް މިތިބެނީ އަބަދުހެން ރުޤްޔާކުރަންޖެހިފައެވެ. އެހެންކަމުން ކޮންމެ ކަމެއް ޖެހުމުން އަގުދީގެން ރުޤްޔާކުރުވުމަކީ ގިނަ ބައަކަށް ކުރަން ފަސޭހަކަމަކަށްނުވެއެވެ!
ރުޤްޔާކުރުމަކީ އަމިއްލައަށްވެސް ކުރެވޭނެ ކަމެކެވެ. ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މޮޅުއިތުރުވެގެންވަނީވެސް އަމިއްލައަށް ކުރުމެވެ. ސަބަބަކީ އެއީ އެމީހަކަށް ކަމެއް ކުރިމަތިވެގެން ﷲ ތަޢާލާ އަށް ދަންނަވާ ދެންނެވުމެކެވެ. ވީމާ ދެންނެވުން ރަނގަޅީ ހަމަ އެމީހެކެވެ.
އަނބިދަރިންނަށް ގާތްތިމާގެ މީހުންނަށް ކަމެއް ދިމާވެގެން އެއިން މީހަކަށް ނުކިޔެވޭނެ ނަމަވެސް ރަނގަޅީ އެމީހަކު އެކަންކުރުމެވެ. ނުވަތަ ޢާއިލާގެ މީހަކު އެކަންކުރުމެވެ.
ރުޤްޔާކުރާއިރު ފެންކިޔަވާނެ ގޮތާއިބެހޭ ގޮތުން ބައެއް ކިޔުންތެރިން ސުވާލުކުރައްވާތީ ތިރީގައި މިގެނެސްދެނީ އެކަމުގައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފްގެ ބަސްފުޅެކެވެ.
ދުޢާ އުފުއްލެވެނީ ޞަލަވާތާއި އެކުއެވެ. އެހެން ކަމުން ޙަމްދު ޞަލަވާތްކިޔެވުމަށްފަހު، ކިޔަވާ ފެން އެއްޗާއި އަނގަ ކައިރި ކޮށްގެން (ކިޔަވާއިރުއަނގައިގެ ވައި އެފެން އެއްޗަށް ދާގޮތަށް) ކިޔަވާނީއެވެ. އަދި މޮޅު އިތުރީކޮންމެ އާޔަތެއް ކިޔަވާ ނިމުމުން ފުމެލުމެވެ. ފުމުމުގައި، އެއްކޮށް ކިޔަވާނިންމުމަށްފަހުވެސް ފުމެލެވިދާނެއެވެ.والله أعلم.