ފުރަތަމަވެސް ވިސްނައިލާށެވެ! ކޮންމެ މީހަކީވެސް ކޮންމެ ވަޤުތަކުވެސް ޚިޔާލުބަދަލުވެދާނެ މީހެކެވެ. ކޮންމެ ވަގުތަކުވެސް ތިބާއާއި ޚިޔާލުތަފާތުވެ ޢަދާވާތްތެރިއަކަށްވެސް ބަދަލުވެދާނެ މީހެކެވެ. އެފަދަ ޙާލަތުގައި ތިމާ އާއިބެހޭ ގޮތުން އެނގިފައި ހުންނަ ކަންކަމުގެ ބޭނުން ހިފާނީ ކޮން ގޮތަކަށް، ކޮންކަމަކަށްކަމެއް ނުއެނގޭނެއެވެ.
އެއްވެސް މީހެއްގެ ގާތު ކޮންމެހެން ބުނަންޖެހޭ ވަރަށްވުރެ އިތުރަށް ތިމާގެ އަމިއްލަކަންކަމުގެ ވާހަކަތައް ކިޔައި ނުދޭން މިބުނަނީ މިފަދަ އެތައް ސަބަބުތަކެއް ހުރުމުންނެވެ. އެއީ ޢާއިލީ ގޮތުން ކިތަންމެ ގާތް މީހެއްކަމުގައިވީނަމަވެސް އަދި ކިތަންމެ ބޮޑު އެކުވެރިއެއް ކަމުގައިވީނަމަވެސް މެއެވެ.
ނިކަން ބުނެބަލާށެވެ! ވަރަށް އެކުވެރިކަމުގައި އުޅެމުން ބުނެވިފައި ހުންނަ ވާހަކަތަކުގެ ސަބަބުން އެންމެ ލޯބިވާ މީހާ އާއި ކައިވެނިކުރަން ލިބޭ ފުރުޞަތުވެސް ގެއްލިގެން ނުދޭހެއްޔެވެ؟ މީސްތަކުންގެ ކުރިމަތީގައި ލަދުވެތިވާން ޖެހޭފަދަ ކަންކަން ކުރިމަތިނުވަނީހެއްޔެވެ؟ މިކަންކަން ކުރިމަތިވަނީ މަދުންހެއްޔެވެ؟
ވީމާ އެންމެ ބުއްދިވެރި ގޮތަކީ އަމިއްލަ ޒާތީ ކަންކަމުގެ ވާހަކަތައް ހަމައެކަކަށްވެސް ކިޔައި ނުދިނުމެވެ. ބޭޒާރުކޮށް ގެއްލުންދެވެނީ ކިޔައިދެވޭތީއެވެ.
މީސްތަކުން ކުރާ ކަންކަން ﷲ ތަޢާލާ ސިއްރުކުރައްވަވައި ދެއްވަވަނީ އެކަމުގައި މަތިވެރި ސަބަބުތަކެއް އޮތުމުންނެވެ. ވީމާ ކޮންމެ މީހަކުވެސް އެމީހާގެ ސިއްރުތައް ހިފަހައްޓަން އަމިއްލައަށް ގަދައަޅައި މަސައްކަތްކުރަންވާނެއެވެ.
އެންމެ ބޮޑު ކަމަކީ ކުރެވޭ ފާފައެވެ. އެއްވެސް ފާފައެއް ކުރެވިގެން އެކަމުގެ ވާހަކަ ކިތަންމެ ގިނަ ބައެއްގެ ގާތުގައި ދެއްކިނަމަވެސް ކުރާނެއެއްވެސް ފައިދާއެއް ނެތެވެ. ބޮޑުވެގެންވާ ފާފައެއް ކުރެވުން ނޫން ކަމެއް ނުވާނެއެވެ. ފާފަ ފުއްސަވައި ދެއްވެވުން ވަނީ ހަމައެކަނި މާތް ﷲ ގެ ޙަޟްރަތަށެވެ. ކުރެވުނު ފާފައިގެ ވާހަކަ ދަންނަވައި ފާފަފުއްސަވައިދެއްވެވުން އޮތީ މާތް ﷲ ގެ ޙަޟްރަތުގައެވެ. ތިމާއަށް ފައިދާކުރާނީ އެމަގުން ޢަމަލުކުރުމުންނެވެ.
- އަލަފް / މިއަދުނޫހަށް