ޢާއިލާގެ މީހުންނަށް ނުރުހި ހުންނަން ހެޔޮވެދާނެތަ؟ ޢާއިލާއަށް ހިތްހެޔޮކޮށް ގުޅުންތައް ބަދަހިކުރުމަކީވެސް ސުވަރުގެ ލިބެން އޮތް މަގެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 52ސ
ޢާއިލާގެ މީހުންނަށް ނުރުހި ހުންނަން ހެޔޮވެދާނެތަ؟ ޢާއިލާއަށް ހިތްހެޔޮކޮށް ގުޅުންތައް ބަދަހިކުރުމަކީވެސް ސުވަރުގެ ލިބެން އޮތް މަގެއް!:  މުފްތީ މެންކް

ކޮންމެ މުސްލިމަކީވެސް އަޚެކެވެ. އެއްވެސް އަޚަކާއި ރުޅިވެ ގުޅުން ކަނޑައި އަނގައިން ނުބުނެ ހުރުން ދީން ހުއްދައެއް ނުކުރެއެވެ. އެހެންކަމަށްވާއިރު ޢާއިލީ ގުޅުމަށް ދޭންޖެހޭނެ ސަމާލުކަން ހިތަށް ގެންނާށެވެ.

މިއީ ކަްނ އޮތް ގޮތް ނަމަވެސް އަމިއްލައަށް ދިރިއުޅުމަށް މަގުފަހިވުމުން ޢާއިލާއާއިމެދު ވިސްނަނީ މަދު މީހެކެވެ. ބަލައިބޮޑުކުރި މައިންބަފައިންނާއިމެދު ވިސްނައިލަނީވެސް ވަރަށް މަދު މީހެކެވެ. ހިތާމައާއިއެކުގައިވެސް ބުނަން ޖެހެނީ މިއީ ސުވަރުގެ އެދޭ މީހުންގެ ކިބައިގައި މިކަންކަން ހުރެގެންވާނެ ގޮތެއް ނޫނެވެ.

ޢާއިލީ ގުޅުން ދެމެހެއްޓުމުގެ ފައިދާ ބޮޑުކަމާއިމެދު ވިސްނަނީ ވަރަށް މަދު މީހެކެވެ. ގިނަފަހަރަށް ބެލެވިފައި އޮންނަނީ އެއީ އެހައި މުހިންމު ކަމެއް ނޫންކަމަށެވެ. އަދި އެކަމުން ކުރާނެ މާބޮޑުފައިދާއެއް ނެތް ކަމަށެވެ. ނަމަވެސް ކަމުގެ ޙަޤީޤަތް މުޅިން ތަފާތެވެ. އެއަށްވުރެ ފައިދާހުރި އެހެންކަމެއް ނެތްފަދަ ހެޔޮކަންބޮޑު ކަމެކެވެ.

އަހަރެމެންގެ ތެރެއިން ބައެއް މީހުންނަކީ ވަރަށް ކުދިކުދި ކޫސަނި ކަންކަމުގައި ޢާއިލާގެ މީހުން ދެކެ ރުޅި އައިސް ނަފްރަތުކޮށް ވާހަކަވެސް ނުދައްކައި ތިބޭ ބައެކެވެ. ބައެއް މީހުން އެމީހުންގެ މައިންބަފައިންނާއި ވެސް ވާހަކަ ނުދައްކައި އެބަތިބެއެވެ. އަނެއް ބައަކު އެމީހުންގެ އަނބިދަރިންނާއިވެސް ވާހަކަ ނުދައްކައި އެބަ ތިބެއެވެ.

މިފަދަ މައްސަލަތައް އެންމެ ގިނައިން މެދުވެރިވަނީ ފައިސާއަށް ދަހިވެތިކަން ބޮޑުވުމުންނެވެ. މުދަލުގެ ދަހިވެތިކަން ބޮޑުވުމުންނެވެ. ޚިޔާލުތަފާތުވާ ކުދިކުދި ކަންކަން ވެސް ޙައްލުކުރަން މަސައްކަތްނުކުރުމުންނެވެ.

މިފަދަ ހުރިހާ ކަންކަން ހިތުން އަވަހަށް ފުހެލާށެވެ. އެންމެންނަށް މާފުކޮށް އެކުވެރިވާށެވެ! ރަޙިމުގެ ގުޅުން ޤާއިމުކުރާށެވެ! ކުށްވެރިއަކީ ކާކުތޯ ބެލުމުގެ އެއްވެސް ބޭނުމެއް ނެތެވެ. ކުށްވެރިއަކީ ކާކުކަން ބައްލަވައިވޮޑިގަތުން ﷲ ތަޢާލާއަށް ދޫކޮށްލާށެވެ! ތިމާގެ މަސްއޫލިއްޔަތަކީ މާފުކުރުމާއި ހިތްހެޔޮކުރުން ކަމުގައި ހަދާށެވެ.

އެކަމަށް ހުރި މަތިވެރި ދަރަޖަ އެނގޭހެއްޔެވެ؟ އެއީ އެކަމުގެ ސަބަބުން ތިބާގެ ހުރިހާ ފާފަތަކެއް ފުއްސަވައި ދެއްވަވައި ތިބާ ސުވަރުގެ ވައްދަވާނެ ފަދަ އަމަލަކަށްވެސް ވެދާނެއެވެ. އެކަމަށް އުންމީދުކުރާށެވެ! އުންމީދުކޮށްގެން ކަންކަން ކުރާށެވެ! އިން ޝާ ﷲ

ރަޙިމުގެ ގުޅުން ދަމަހައްޓަން ﷲ ތައާލާ އެހައި ބޮޑަށް ބާރުއަޅުއްވަވާފައިވަނީ އެކަމުގެ މުހިންމުކަން ބޮޑުކަމުންނެވެ. ރަޙީމުގެ ގުޅުން ކެނޑުމުން އެމީހަކާއި ﷲ ތަޢާލާ ގުޅުން ކަނޑުއްވަވައިލައްވަވަނީ އެ ސަބަބަށްޓަކައެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން