ދަތި ޙާލުގަ އުޅެމުން ދަރިންނަށް މޮޅަށް ކިޔަވައިދިނީމާ މައިންބަފައިންގެ ނިކަމެތިކަމަށް ލަދުގަންނަ ދަރިންނަށް އަގުގުރި ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 19ސ
ދަތި ޙާލުގަ އުޅެމުން ދަރިންނަށް މޮޅަށް ކިޔަވައިދިނީމާ މައިންބަފައިންގެ ނިކަމެތިކަމަށް ލަދުގަންނަ ދަރިންނަށް އަގުގުރި ފިލާވަޅެއް!

އެއީ ފަޤީރު އަވަށަކަށް ނިޞްބަތްވާ އަންހެން ކުއްޖެކެވެ. މައިންބަފައިން ފަޤީރު ނަމަވެސް އޭނާއަށް ކިޔަވައިދިނެވެ. މަތީފާސްތައް ހޯދައިދިނެވެ. ކުއްޖާއަކީ ކިޔެވުމަށް މޮޅު ތޫނިފިލި ކުއްޖަކަށްވުމުން ފާސްވެފައިވަނީވެސް އެންމެ މަތީ ދަރަޖައިގައެވެ. 

ރަނގަޅު ވަޒީފާއެއް ހޯދަން ކުރަމުން ދިއަ މަސައްކަތުގެ ތެރެއިން އިންޓަރވިޔުއަކަށް ދިއަ އޮފީހަކުން ފެނުނީ އެތަނުގެ މަސައްކަތު މީހެއްގެ ވަޒީފާގައި ބައްޕަ މަސައްކަތްކުރާތަނެވެ. ދަރިފުޅަށް ވިސްނުނީ ބައްޕައަކީ މިހައި ދަށްފެންވަރުގެ މީހަކުކަން އެނގިއްޖެނަމަ އޭނާއަށް ވަޒީފާ ނުދޭނެ ކަމަށެވެ. އެހެންވެ ބައްޕަ ފެނުނު ކަމަށް ނުހަދައި އިންދައި ބައްޕަ އައިސް ވާހަކަ ދައްކަން އުޅުމުންވެސް ބުނީ ދުރަށް ދިއުމަށެވެ. 

އިންޓަރވިޔުއިން ފާސްވުމުން އިތުރުސުވާލުތައް ކުރުމުގެ ތެރެއިން ބައްޕައަކީ ކާކުތޯ އާއި ކުރާ މަސައްކަތާއިބެހޭ ގޮތުން ސުވާލުކުރުމުން ހެދީ ދޮގެވެ. ބައްޕައަކީ ކުންފުންޏެއްގަި މެނޭޖަރުންގެ ފެންވަރުގައި މަސައްކަތްކުރާ މީހަކު ކަމަށްބުނުމުން އޭނާ ބުންޏެވެ. "އެހެންވީއިރު އެކުންފުނިން ވަޒީފާއެއް ނުހޯދީ ކީއްވެގެންހެއްޔެވެ؟" 

ޖަވާބުގައި ބައްޕަ އާއި އެއްތަނެއްގައި މަސައްކަތްކުރަން ބޭނުންނުވަތީ ކަމަށް ބުނުމުން އޭނާ ބުންޏެވެ. "ދެން ކުރާނެ ކަމެއް ނެތްތާއެވެ! ކަލޭގެ ބައްޕަ މަސައްކަތްކުރަނީ މިތަނުގަ ވިއްޔާއެވެ!" 

އޭނާ އިތުރަށް ބުންޏެވެ. "ދަރިފުޅާއެވެ! ދަރިފުޅު ތިއަ ކަންބޮޑުވީ ބައްޕަ މިތަނުގައި މަސައްކަތު މީހެއްގެ ވަޒީފާއަދާކުރާތީއެވެ. އެމަސައްކަތް ދަށްވީމައެވެ. އެކަމަކު ނިކަން ވިސްނައިލަބަލާށެވެ! ކަލެއާއި ޢާއިލާ ބަލަހައްޓައި ތިއަ ފެންވަރަށް ކިޔަވައިދީ މޮޅު ކުއްޖަކަށް ހަދާފައި އެވަނީ ބައްޕަ ހަމަ އެ ބުރަ މަސައްކަތްކޮށްގެންނެވެ. ލިބޭ ކުޑަކުޑަ މުށާރައިންނެވެ. ވީމާ ބައްޕައާއިމެދު ފަޚުރުވެރިނުވެ ދިމާ އިދިކޮޅަށް ވިސްނާނަމަ އެމީހެއްގެ ކިބައިގައި އޮތީ ކޮން ރަނގަޅު ކަމެއް ހެއްޔެވެ؟ 

އެކަމަކު ބުނަން ހެއްޔެވެ؟ އެތައް ސަތޭކަކުދިން ވަޒީފާއަށް އެދިގެން ތިއްގައި ކަލޭ މިގެނައީ ބައްޕަ އަހުރެންގެ ގާތުގައި އެދުނު އެދުމަށެވެ. މިތަނުގެ އެންމެ ވަފާތެރި އެއް މުވައްޒިފަކަށްވާތީ އޭނާއަށް ކަމެއް ކޮށްދިނުމަށެވެ. ވީމާ އެދުނު ވަޒީފާ ދޭނަމެވެ. އެކަމަކު މިވަޤުތުން ފެށިގެން މައިންބަފައިންނާއިމެދު ތިއަ ގެންގުޅޭ ވިސްނުން ބަދަލުކުރަންވާނެއެވެ. އެމީހުންނަށް އިހްތިރާމްކޮށް ޤަދަރުކުރަންވާނެއެވެ. ކޮންމެ މަސައްކަތެއް ކުރިނަމަވެސް މައިންބަފައިންނަށްވުރެ ދަރިން ޤަދަރުކޮށް އިޙްތިރާމްކުރަންޖެހޭ ބައަކު ނުތިބޭނެކަން ދަންނަންވާނެއެވެ!" 

މިއީ އަޅުގަނޑަށް ފެނިފައިވާ ވީޑިއޯއެއްގައި ކަންތައްތައް ހިނގައިދިއަ ގޮތެވެ. މިވާހަކަކޮޅު މިއަދުނޫހުގެ ކިޔުންތެރިންގެ ސަމާލުކަމަށް ގެންނަން ބޭނުންވީ މިހާދިށާއިން ލިބޭ ޢިބްރަތުގެ ބޮޑުކަމުންނެވެ.

 

- ބައްޕައެއް، މިއަދުނޫހުގެ ކިޔުންތެރިއެއް   

މިއަދު އޮންލައިން