ﷲ ތަޢާލާ ތިބާދެކެ ލޯބިވެވޮޑިގަންނަވަން ބޭނުންވޭ ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 14މ 56ސ
ﷲ ތަޢާލާ ތިބާދެކެ ލޯބިވެވޮޑިގަންނަވަން ބޭނުންވޭ ހެއްޔެވެ؟

ގަދައަޅައި މަސައްކަތްކުރަންވީ ތިމާއަކީ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާނެ މީހަކަށްވުމަށެވެ. އެއިރުން އެމީހަކަށް ދުނިޔޭގައިވެސް އަދި އާޚިރަތް ދުވަހުވެސް ނުލިބޭނެ އުފާވެރިކަމެއް ނުއޮންނާނެއެވެ. އިން ޝާ ﷲ. 

ތިރީގައި އެވަނީ ﷲ ތަޢާލާ އަހުރެމެން ދެކެ ލޯބިވެވޮޑިގަންނަވާނެ 12 ސިފައެވެ.   

الحمد لله والصلاة والسلام على رسول الله
ތަޢާލާ އަހަރެމެން ދެކެ ލޯބިވެވޮޑިގަންނަވަނީ އަހަރެމެންގެ ކިބައިގައި ކޮންކޮން ޞިފަތަކެއް ހުރެގެން ހެއްޔެވެ؟

الإحــــســـــــان : އިޙްސާންކަން: 

އިޙްސާންތެރިންނަކީ އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާ ދެކެދެކެހުރެ އަޅުކަންކުރާފަދައިން އެއިލާހަށް އަޅުކަންކުރާ މީހުންނެވެ. އެހެނީ އެމީހާއަށް އެއިލާހު ނުފެނުނުކަމުގައިވިޔަސް އެއިލާހު އޭނާ ދެކެދެނެވޮޑިގެންވެއެވެ. އިޙްސާންތެރިކަމަކީ އެއީ ސިއްރާއި ފާޅުގައި ﷲ ތަޢާލާ ތިބާ މުރާޤަބާކުރައްވާކަން ޤަބޫލުކުރުމެވެ. އަދި ބަސްބުނުމުގަޔާއި ޢަމަލުކުރުމުގައި އެކަމަށް ރިޢާޔަތްކުރުމެވެ. އެއީ ޢަމަލުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ﷲ ގެ ވަޖުހަފުޅު އަދައިގެން އެއިލާހުގެ ރުހިވޮޑިގަތުން އެދިގެން ކުރުމެވެ. އިޙްސާންތެރިން ނުވަތަ މުޙްސިނުންދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާކަން ކީރިތި ޤުރުއާނުގައި 5 ފަހަރު އެއިލާހު ވަޙީކުރައްވާފައިވެއެވެ. އެއީ މި ދަންނަވާ އާޔަތްތަކުގައެވެ.

﴿ إِنَّ اللهَ يُحِبُّ الْمُحْسِنِينَ﴾ [البقرة195]

މާނައީ : ” ހަމަކަށަވަރުން އިޙްސާންތެރީންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ.”
﴿وَاللهُ يُحِبُّ الْمُحْسِنِينَ﴾ [آل عمران134]
މާނައީ : ” އަދި އިޙްސާންތެރީންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ".  

 2الصــــــــبر : ކެތްތެރިވުން:  

ކެތްތެރިކަމާއި ނަޞްރަކީ އެކަތި އަނެކައްޗާ ގުޅިފައިވާ ދެއެއްޗެވެ. ނަޞްރުވަނީ ކެތްތެރިކަމާ އެކުގައެވެ. ފަސޭހަކަން ވަނީ ދަތިކަމާ އެކުގައެވެ. ކެތްތެރީން ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެންވާކަން ބަޔާންކުރައްވަމުން އެއިލާހު ވަޙީކުރެއްވިއެވެ.

﴿ وَ اللهُ يُحِبُّ الصَّابِرِينَ [آل عمران 146 ]
މާނައީ : ” އަދި ކެތްތެރީންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ." 

-3التـــــــــوبة : ތައުބާވުން: 

އެއީ ފާފައަށް އިޢުތިރާފުވުމާއި ފާފައާމެދެ ދެރަވެ ހިތާމަކުރުމާއި ދެވަނަފަހަރަށް ފާފައަށް އެނބުރި ނުދިޔުމަށް ޢަޒުމު ކަނޑައެޅުމެވެ. ހުރިހާ އާދަމުގެ ދަރީންނަކީ ކުށްކުރެވޭ ބަޔަކަށް ވާ ހިނދު އެބައިމީހުންގެ ތެރެއިން އެންމެ ރަނގަޅު މީހުންނަކީ ކުށަށް ތައުބާވާ މީހުން ކަމުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. ގިނަގިނައިން ތައުބާވާ މީހުންދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެންވާކަން މި އާޔަތުގައި އެއިލާހު ވަޙީކުރައްވާފައިވެއެވެ.
﴿ إِنَّ اللهَ يُحِبُّ التَّوَّابِينَ [البقرة 222 ]
މާނައީ : ” ގިނަގިނައިން ތައުބާވާ މީހުން ދެކެ ހަމަކަށަވަރުން ﷲ ލޯބިވެވޮޑިގެންވެއެވެ" 

-4التوكل على الله : ﷲ އަށް ވަކީލުކުރުން:

ވަކީލުކުރުމަކީ ސަބަބުތަކުގައި ހިފުމާއެކު ﷲ އަށް އިތުބާރުކުރުމާއި އިޢުތިމާދު ކުރުމާއި ބަރޯސާކުރުމެވެ. ވަކީލުކުރުން އެންމެ ހެޔޮވެގެންވާ ފަރާތަކީ ﷲ އެވެ. އެހެނީ ހުރިހާ ކަންތައްތަކެއް ވަނީ އެއިލާހުގެ ކިބައިންނެވެ. ﷲ އަށް ވަކީލުކުރާ މީހަކަށް އެއިލާހު ފުދެއެވެ. ﷲ އަށް ވަކީލުކުރާ މީހުން ދެކެ ﷲ ލޯބިވެވޮޑިގެންވާކަން ބަޔާންކުރައްވަމުން ވަޙީކުރެއްވިއެވެ.
﴿ إِنَّ اللهَ يُحِبُّ الْمُتَوَكِّلِينَ [آل عمران 159]
މާނައީ : ” ހަމަކަށަވަރުން ވަކީލުކުރާ މީހުންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ" 

-5التقـــــــوى : ތަޤުވާވެރިވުން: 

އެއީ ﷲ ތަޢާލާ އަމުރުކުރެއްވި ކަންތައްތައް ކުރުމާއި ނަހީކުރެއްވި ކަންތައްތަކުން ދުރުހެލިވުމެވެ. ﷲ އަށް ބިރުވެތިވާ މީހުންދެކެ އެއިލާހު ލޯބިވެވޮޑިގެންވާކަން ކީރިތި ޤުރުއާނުގައި ތިންފަހަރު ވަޙީކުރައްވާފައިވެއެވެ.

﴿ فَإِنَّ اللهَ يُحِبُّ الْمُتَّقِينَ [آل عمران 76]
މާނައީ : “ފަހެ، ހަމަކަށަވަރުން، ތަޤުވާވެރިންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ.”

﴿ إِنَّ اللهَ يُحِبُّ الْمُتَّقِينَ [التوبة 4]
މާނައީ : ” ހަމަކަށަވަރުން، ތަޤުވާވެރިންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ.” 

﴿ إِنَّ اللهَ يُحِبُّ الْمُتَّقِينَ [التوبة 7]
މާނައީ : ” ހަމަކަށަވަރުން، ތަޤުވާވެރިންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ.” 

-6المقســــــطين: ޢަދުލުވެރީން (ޢަދުލުވެރިވުން): 

އެއީ ޙުކުމް ކުރާނަމަ ޢަދުލުވެރިކަމާއެކު ޙުކުމް ކުރުމެވެ. މި ޞިފަ ހުންނަ މީހުންދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެންވެއެވެ. އެއިލާހު ވަޙީކުރެއްވިއެވެ.
﴿ إِنَّ اللهَ يُحِبُّ الْمُقْسِطِينَ [المائدة 42]
މާނައީ : “ހަމަކަށަވަރުން، ޢަދުލުވެރިވާ މީހުންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ.”
﴿ إِنَّ اللهَ يُحِبُّ الْمُقْسِطِينَ [الحجرات 9]
މާނައީ : “ހަމަކަށަވަރުން، ޢަދުލުވެރިވާ މީހުންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ.”
﴿ إِنَّ اللهَ يُحِبُّ الْمُقْسِطِينَ [الممتحنة 8]
މާނައީ : “ހަމަކަށަވަރުން، ޢަދުލުވެރިވާ މީހުންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ.”

-7المتطهريـــــــــن: ޠާހިރުވާމީހުން: 

އެއީ ވުޟޫ ފުރިހަމަކުރުމަށް ސަމާލުކަން ދިނުމާއި ނަޖިހާއި ފާފައިން ޠާހިރުވެގެންވުމެވެ. ޠާހިރުވާ މީހުން ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެންވާކަމަށް ކީރިތި ޤުރުއާނުގައި ދެފަހަރު ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿ وَيُحِبُّ الْمُتَطَهِّرِينَ [البقرة 222]
މާނައީ : "އަދި ޠާހިރުވާ މީހުންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ."

﴿ وَ اللهُ يُحِبُّ الْمُطَّهِّرِينَ [التوبة 108]
މާނައީ : "އަދި ޠާހިރުވެގަންނަ މީހުންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ"

– 8إتباع الرسول صلى الله عليه وسلم: ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ތަބާވުން: 

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަށް ތަބާވުމަކީ އަހަރެމެންގެ މައްޗަށް މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ އަމުރުކުރައްވާފައިވާ ކަމެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ތަވާވުމަކީ ﷲ ގެ ލޯބި ލިބޭ ކަމެއްކަން ބަޔާންކުރައްވަމުން އެއިލާހު ވަޙީކުރެއްވިއެވެ.
﴿قُلْ إِنْ كُنْتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَاللهُ غَفُورٌ رَحِيمٌ﴾ [ آل عمران31]
މިއާޔަތުގެ މާނައީ : “ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންނީ ﷲދެކެ ލޯބިވާ ބަޔަކު ކަމުގައި ވަނީނަމަ ތިމަންކަލޭގެފާނަށް ތަބަޢަވާށެވެ! އެއިރުން ﷲ ތަޢާލާ ތިޔަބައި މީހުންދެކެ ލޯބިވެ ވޮޑިގަންނަވާނެއެވެ. އަދި ތިޔަބައިމީހުންގެ ފާފަތައް ތިޔަބައިމީހުންނަށް ފުއްސަވައި ދެއްވަވާނެއެވެ. އަދި ﷲއީ ގިނަގިނައިން ފާފަފުއްސަވާ އޯގާވަންތަ ރަސްކަލާނގެއެވެ.”
ކިތަންމެ ވަރަށް ތިމަންނާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެކެ ލޯބިވަމޭ ބުންޏަސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ޙައްޤުގޮތުގައި ތަވާނުވާހާ ހިނދަކު އެކަލޭގެފާނު ދެކެ އެމީހަކު ލޯބިނުވާކަން މި އާޔަތުން ވަރަށް ސާފުކޮށް އަހަރެމެންނަށް އެނގެއެވެ. 

9-الجهاد في سبيل الله : ﷲ ގެ މަގުގައި ޖިހާދުކުރުން: 

ގެ މަގުގައި ޖިހާދުކުރުމަކީ ވަރަށް މަތިވެރި އަޅުކަމެކެވެ. ފުރާނައަކީ ﷲ ދެއްވި އެއްޗަކަށް ވީ ހިނދު އެ ފުރާނަ ﷲ ގެ މަގުގައި ދުއްވާލުމަށްވުރެ ރަނގަޅުކަމަކީ ފަހެ ކޮބައި ހެއްޔެވެ” ﷲ ގެ މަގުގައި ޖިހާދުކުރާ މުޖާހިދުންނަކީ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ ކަމެއްކަމުގައި އެއިލާހު ވަޙީކުރައްވާފައިވެއެވެ.

﴿ إِنَّ اللَّهَ يُحِبُّ الَّذِينَ يُقَاتِلُونَ فِي سَبِيلِهِ صَفّاً كَأَنَّهُم بُنيَانٌ مَّرْصُوصٌ [الصف4] މާނައީ: “ހަމަކަށަވަރުން، ހަރުދަނާ ބިނާއެއް ފަދައިން ސަފުސަފަށް އެތުރިގެންތިބެ، ﷲގެ މަގުގައި ހަނގުރާމަކުރާ މީހުންދެކެ، އެއިލާހުލޯބިވެވޮޑިގެންވެއެވެ.”
10-
الفرائض : ފަރުޟުކުރެއްވި ކަންތައްތައްކުރުން: ﷲ ސުބްޙާނަހޫ ވަތަޢާލާ އަހަރެމެންގެ މައްޗަށް ފަރުޟުކުރެއްވި ކަންތައްތަކަކީ ކޮންމެހެންވެސް އެކަންތައްތައް ކުރުން އަހަރެމެންގެ މައްޗަށް ވާޖިބުވެގެންވާ ކަންކަމެވެ. އެގޮތުން ދުވާލަކު ފަސްފަހަރު ނަމާދު ޤާއިމުކުރުމާއި، ޒަކާތްދިނުމާއި، ރޯދަހިފުމާއި، ކުޅަދާނަކަން ލިބިގެންވާމީހާ ޙައްޖުގެ އަޅުކަން އަދާކުރުމަކީ އެ އަޅުކަންތައް ކުރާ މީހާދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާނެ ކަންކަންކަމުގައި ޤުދުސިއްޔަ ޙަދީޘެއްގައި އެއިލާހު ވަޙީކުރެއްވިއެވެ. عَنْ أَبِي هُرَيْرَةَ رَضِي اللهُ عَنْهُ قَالَ: قَالَ رَسُولُ اللهِ صَلّى الله عَلَيْهِ وَآلِهِ وَسَلَّمَ:((إِنَّ اللهَ تَعَالَى قَالَ: وَمَا تَقَرَّبَ إِلَيَّ عَبْدِيْ بِشَيْءٍ أَحَبَّ إِلَيَّ مِمَّا افْتَرَضْتُهُ عَلَيْهِ، [رَوَاهُ البُخَارِيُّ] މާނައީ: އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ހަމަކަށަވަރުން ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.” “ތިމަންއިލާހުގެ އަޅާ، ތިމަންއިލާހާ ކުށްތަންވުމަށްޓަކައި (ކުރާ) ތިމަން އިލާހު އެންމެ ލޯބިވެވޮޑިގަންނަވާ (ޢަމަލަކީ) ތިމަން އިލާހު ފަރުޟުކުރެއްވި ކަންތައްތަކެވެ.””

11- كثــــرة النوافـــــل : ގިނަގިނައިން ސުންނަތްކަންކަން ކުރުން: 

ހަމައެކަނި ފަރުޟު އަޅުކަންތަކުން ފުއްދާނުލާށެވެ. ހެޔޮކަންތައްތައް ކުރާށެވެ. ދީނީ ޢިލްމު ޙާޞިލްކުރުމާއި ސުންނަތް ނަމާދުތައްކުރުމާއި ސުންނަތް ރޯދަހިފުމާއި، ކީރިތި ޤުރުއާން ކިޔެވުމާއި، ﷲ އަށް ޛިކްރުކުރުމާއި، ޞަދަޤާތްކުރުމާއި، މައިންބަފައިންނަށް ކަމޭހިތުންފަދަ ހެޔޮކަންތައްތައް ކުރުމުގައި ގަދައަޅައި މަސައްކަތްކުރާށެވެ. ޤުދުސިއްޔަ ޙަދީޘެއްގައި ވެއެވެ.

عَنْ أَبِي هُرَيْرَةَ رَضِي اللهُ عَنْهُ قَالَ: قَالَ رَسُولُ اللهِ صَلّى الله عَلَيْهِ وَآلِهِ وَسَلَّمَ:((إِنَّ اللهَ تَعَالَى قَالَ: وَلاَ يَزَالُ عَبْدِيْ يَتَقَرَّبُ إِلَيَّ بِالنَّوَافِلِ حَتَّى أُحِبَّهُ، [رَوَاهُ البُخَارِيُّ] މާނައީ: އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ހަމަކަށަވަރުން ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.” “އަދި ތިމަންއިލާހުގެ އަޅާ، ނަވާފިލު (އިތުރު (އިތުރު އަޅުކަން) އަދާކުރުމުގައި ދެމިހުންނަމުން ގޮސް ތިމަން ﷲ އެމީހެއްދެކެ ލޯބިވެ ވޮޑިގަންނަވަމެވެ.”” 

– 12نفــــــع النــــــــاس : މީސްތަކުންނަށް މަންފާކޮށްދިނުން: 

މީސްތަކުންނަށް އެހީތެރިވެދިނުމަކީ ވަރަށް މަތިވެރި އަދި ވަރަށް އަޖުރުބޮޑު ކަމެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. ((أَحَبُّ النَّاسِ إِلَى اللهِ أَنْفَعُهُم لِلنَّاسِ)) [صححه الألباني في السلسلة الصحيحة ص906]  

މާނައީ: "ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިވެގެންވާ މީހާއަކީ މީސްތަކުންނަށް އެންމެ މަންފާބޮޑު މީހާއެވެ."

މީސްތަކުންނަށް ތިބާގެ ފަރާތުން ކުރާ މަންފާ ބޮޑުވިވަރަކަށް ތިބާ ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާލެއް ބޮޑުވެއެވެ. މީސްތަކުންނަށް މަންފާކުރުމަކީ ހަމައެކަނި މާއްދީ ގޮތުން އެހީތެރިވެދިނުމެއް ނޫނެވެ. މަންފާކުރަނިވި ޢިލްމުގެ ގޮތުންނާއި ނަޞީހަތްތެރިވުމުންނާއި މަޝްވަރާ ދިނުމަކީވެސް ހަމަ މީސްތަކުންނަށް މަންފާކޮށްދެވޭ ގޮތްގޮތެވެ.

والحمـــــــــــــــد لله رب العالمـــــــــــين

 

- ޝައިޚް މުޙައްމަދު ޝާފިޢު

ފަހުގެ ލިޔުންތައް

 

މިއަދު އޮންލައިން