ދެމަފިރިންނަށް އަމިއްލަ ދިރިއުޅުމެއް ފެށެންދެން ޢާއިލާއާއިއެކު އުފަލުގަ އުޅެން ޖެހިއްޖެނަމަ ސަމާލުކަންދޭންވީ ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
ދެމަފިރިންނަށް އަމިއްލަ ދިރިއުޅުމެއް ފެށެންދެން ޢާއިލާއާއިއެކު އުފަލުގަ އުޅެން ޖެހިއްޖެނަމަ ސަމާލުކަންދޭންވީ ބައެއް ކަންކަން-

ކޮންމެ މީހެއްގެ ކިބައިގައިވެސް ހުރުން އެންމެ މުހިންމު އެއް ސިފައަކީ ޚިޔާލާއި މިޒާޖު ތަފާތު މީހުންނާއިއެކުގައި އެމީހުންނާއިވެސް ގުޅިގެން އުޅެން އެނގުމެވެ. އެސިފަ ނެތް މީހަކަށް ދިރިއުޅުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. ވާނީ ދަތިއުނދަގޫ ކަމަކަށެވެ. 

ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތުންނާއި މާލީ ތަނަވަސްކަން ހުންނަ ގޮތުން ކޮންމެ ދެމަފިރިއަކީ ކައިވެނިކުރާ ދުވަހުން ފެށިގެން އަމިއްލައަށް ވަކިން ދިރިއުޅެވޭނެ ފެންވަރުގެ ބައެއް ނޫނެވެ. ގިނަ މީހުންނަށް އަމިއްލަ ދިރިއުޅުމެއް ހޯދެނީ ދުވަސްކޮޅަކު ކޮންމެވެސް އެކެއްގެ ޢާއިލާއާއިއެކުގައި ދިރިއުޅޭފަހުންނެވެ. 

އެދުވަސްތަކުގައި މިޖެހެނީ ގިނަ ބައަކާއިއެކުގައި އުޅޭށެވެ. އެއިގެ ތެރޭގައި ތަފާތު މިޒާޖުގެ މީހުން އުޅޭނެއެވެ. ބަސްމަގުވެސް ތަފާތުވާނެއެވެ. ބަސްގިނަ މީހުންނާއި ބަސްމަދު މީހުންވެސް ތިބޭނެއެވެ. ރުޅިގަދަ މީހުންނާއި ރުޅިމަޑު މީހުންނާއި މިހެންގޮސް ހުރިހާ ވައްތަރެއްގެ މީހުންވެސް ތިބޭނެއެވެ. 

އެހެންކަމުން އެއެންމެންނާއިވެސް އެކުގައި އުޅެން ދަސްކުރަންވާނެއެވެ. މިހެންބުނާއިއރުވެސް ހަރުކަށިމިޒާޖުގެ މީހުންނާއި ދުލުން ހަރުކަށި ބަސްތައް ބުނާ މީހުންނާއިއެކުގައި އުޅެންޖެހުމުން ކުރިމަތިވާނެ އުނދަގޫތައް ފާހަގަކުރަމެވެ. އެހެންވީނަމަވެސް ތިމާގެ ކިބައިން ރިވެތި ސިފަތައް ދައްކަން މަސައްކަތްކުރާށެވެ. ރައްދުދިނުން މަދުކުރަން މަސައްކަތްކުރާށެވެ. 

ރައްދުދޭނަމަ ކަންކަން ޙައްލުވުމުގެ ބަދަލުގައި ދާނީ ނުބައިން ނުބައަށް ބަދަލުވަމުންނެވެ. މީހަކު ހިތްހަމަ ނުޖެހޭ ޒާތުގެ ކަމެއް ކުރިނަމަވެސް އެފަދަ ބަހެއް ބުނި ނަމަވެސް އަސްތަޣްފުރުﷲ ކިޔާށެވެ! އަޢޫޛް ކިޔާށެވެ! އެއިރުން ޝައިޠޯނާގެ ކިބައިން ސަލާމަތްވެވި ކެތްތެރިވާން ހިތްވަރު ދެއްވަވާނެތެވެ. އިން ޝާ ﷲ 

ޢަމުދުން ޒުވާބުނުކުރާށެވެ! ޒުވާބުކުރަންވީ ކީއްކުރަން ހެއްޔެވެ؟ މިއީ އަހަރެމެންނަށް ތާއަބަދު ދެމިތިބެވޭނެ ތަނެއް ނޫނެވެ. ދުނިޔެދޫކޮށް ﷲ ތަޢާލާގެ ޙަޟްރަތަށް ދާންޖެހޭނީ ކޮންވަޤުތަކު ކަމެއް ނުއެނގޭނެއެވެ. ކިތަންމެ ޅަޢުމުރުގައިވެސް ދުނިޔެއާއި ވަކިވާންޖެހިދާނެއެވެ. ވީމާ ކޮންމެހެން ތިމާގެ ކޮޅު މޮޅުކުރަން އުޅުމުގެ އެއްވެސް ބޭނުމެއް ނެތެވެ. 

ކެތްތެރިކަން އިސްކުރާށެވެ! ކެތްތެރިކަން އިސްކޮށް އެންމެންނާއިވެސް ގުޅިގެން ދުނިޔޭގައި އުޅެން މަސައްކަތްކުރުމަކީވެސް އަޅުކަމެކެވެ. އެންމެ މަތިވެރި އެއް އަޅުކަމެވެ. އަދި ކީއްހެއްޔެވެ؟ ދިރިއުޅުން ކާމިޔާބުވުމުގެ އެންމެ ބޮޑު އެއް ބާރަކީވެސް ކެތްތެރިކަން އިސްކޮށް އެންމެންނާއިވެސް ގުޅިގެން ދުނިޔޭގައި އުޅެން މަސައްކަތްކުރުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން